މުޙައްމަދު އީމާން
14 March 2019
މަޤްބޫލު ޙަބަރު

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފްގެ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުން ނުދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މަހުލޫފުގެ ކޮރަޕްޝަންގެ މައްސަލައެއް ނުބަލާކަމަށް އޭސީސީން އޭނާއަށް އެންގީ މި ހަފްތާގައި އެ ކޮމިޝަނުން ފޮނުވި ސިޓީއެއްގައެވެ.

އެ ސިޓީގައި އޭސީސީން ބުނެފައިވަނީ، މަހުލޫފްގެ ކޮރަޕްޝަން މައްސަލައެއް މިހާތަނަށް ބަލާފައިނުވާ ކަމާއި އަދި އެފަދަ މައްސަލައެއް ބަލަމުންނުދާކަން އަންގައިފައެވެ.

މަހުލޫފުގެ ކޮރަޕްޝަންގެ މައްސަލައެއް ނެތްކަމަށް އޭސީސީން އެންގިއިރު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތް ތަހުގީގުކޮށް އެ ކޮމިޝަނުން ނެރުނު ރިޕޯޓްގައި، ހިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުންޏާއެކު މަހުލޫފު ޑޮލަރުގެ މުއާމަލާތެއް ކުރެއްވިކަން ވަނީ ހާމަކުރައްވައިފައެވެ.

ނަމަވެސް މަހުލޫފު ވިދާޅުވެފައިވާ ގޮތުގައި، އެ ފައިސާގެ މުއާމަލާތަކީ އޭނާގެ ކޮއްކޮ ހިންގި ފިހާރައަކަށް ޑޮލަރު ގަންނަން ކޮށްފައިވާ މުއާމަލާތެއް ކަމަށެވެ. އަދި އެ މުއާމަލާތް މަހުލޫފުގެ އެކައުންޓް މެދުވެރިކޮށް ކޮށްފައިވަނީ ކޮއްކޮގެ އަތުގައި ޑޮލަރު އެކައުންޓެއް ނެތުމުން ކަމަށް ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން މަހުލޫފު އެކަހެރި ކުރައްވައި، ޔޫތް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ ހަވާލުކުރައްވައިފައެވެ.

ރައީސް އެގޮތަށް މަހުލޫފަށް އެންގެވީ އޭސީސީން އޭނާގެ މައްސަލަ ދިރާސާކޮށް ވަކިގޮތެއް ނިންމަވަންދެންނެވެ. އެހެންވެ، މަހުލޫފު އަދިވެސް އޮފީހަށް ނުކުމެވަޑައެއް ނުގަންނަވައެވެ.

މަހްލޫފްގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމް ވެސް އެ މައްސަލާގައި ގޭގައި މަޑުކުރަން ރައީސް އޮތީ އަންގަވައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©