މުޙައްމަދު އީމާން
17 March 2019
މަޤްބޫލު ޙަބަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕީޕީއެމްއާއި އެމަނިކުފާނު އިސްވެ އުފައްދަވާފައިވާ ކޮންގުރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ޖުމްހޫރީ ޕާޓީން ތާއީދު ކުރަން ނިންމެވި ނިންމެވުމަށް އެޕާޓީގެ މިނިސްޓަރުން ފާޑުވިދާޅުވަނީ ސިޔާސީ ގޮތުން އެބޭފުޅުން ތަސައްރަފު ނުފުދޭތީ ކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ކެމްޕޭން ހަރަކާތެއްގައި ހެންވޭރު އުތުރު ދާއިރާއަށް ޖޭޕީގެ ޓިކެޓުގައި ވާދަކުރައްވާ އަލްހާން ވިދާޅުވީ، ސަރުކާރު ޒިންމާދާރު ކުރުވޭވަރުގެ މެޖޯރިޓީއެއް ހޯދަންޖެހޭ ކަމަށާއި ޖޭޕީން މަސައްކަތް ކުރަނީ އެ ވިސްނުމުގައި ކަމަށެވެ.

އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަރި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މަސައްކަތް ކުރައްވަމުން ގެންދަވަނީ ފުޅާ ވިސްނުމަކާ އެކީގައިކަން ފާހަގަކުރައްވާ އަލްހާން ވިދާޅުވީ، ޖޭޕީގެ ފަރާތުން ރައީސް ޔަމީނަށް ނުވަތަ އެމަނިކުފާނުގެ ޕާޓީއަށް ތާއީދުކުރަން ނިންމެވީ ނޫން ކަމަށެވެ.

ނަމަވެސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޖޭޕީން ކުރަން ފެށި މަސައްކަތަކީ ކޯލިޝަން ސަރުކާރެއްގެ ގޮތުގައި ވެރިކަމަށް އައިސް، ހަދާފައިވާ އެއްބަސްވުމާ އެމްޑީޕީން ހިލާފުވުމުން، މަޖިލީހުގެ ގިނަ ގޮނޑި ހޯދޭނެ މަގަކަށް މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ޖޭޕީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ މަޝްވަރާގެ މަތީން، ޖޭޕީން ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވަން ނިންމެވުމުން ޕާޓީގެ މިނިސްޓަރުން އެކަމަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަނީ ސިޔާސީ ގޮތުން ތަސައްރަފު ނުފުދޭތީ ކަމަށް އަލްހާން ވިދާޅުވިއެވެ.

“އެކަމަށް (ޖޭޕީގެ ނިންމުމަށް) ތާއީދު ނުކުރާނަމޭ ވިދާޅުވެފަ ޕާޓީގައި ތިއްބަވާ ވަޒީރަކު ވިޔަސް އަލީ ވަހީދު ކަމުގައި ވިޔަސް ޓްރާންސްޕޯޓް މިނިސްޓަރު އައިޝާ ކަމަށް ވިޔަސް އެއްވެސް ބޭފުޅަކު އެވާހަކަ އެ ދައްކަވަނީ ސިޔާސީ ގޮތުން އެވަރަށް ތަސައްރަފު ފުދިވަޑައިގެން ނުގަންނަވާތީ، އެނގިވަޑައިނުގަންނަވަނީ ޕީޕީއެމްއަށް އަޅުގަނޑުމެން ތާއީދު ކުރަނީ ޕީޕީއެމްގެ މެންބަރުންގެ ތާއީދު އަޅުގަނޑުމެން ހޯދަންކަން،” އަލްހާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޖޭޕީގެ ސްލޮޓެއްގައި ސަރުކާރުގައި މިނިސްޓަރުކަން ކުރައްވާއިރު ޕާޓީގެ ސިޔާސަތުތަކާ އެއްގޮތަށް ސަރުކާރުގައި މަސައްކަތް ކުރައްވަންޖެހޭނެ ކަމަށެވެ. އަދި ވަޒީރުންގެ ހައިސިއްޔަތުން ޖޭޕީގެ ކަންކަމާ ގުޅޭގޮތުން އެބޭފުޅުން ވާހަކަދައްކަވަން ނުވެސް ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©