މުޙައްމަދު އީމާން
26 March 2019
މަޤްބޫލު ޙަބަރު

ރައްޔިތުންގެ މަޖިލީހުގައި ވަކި އެޖެންޑާތަކުގައި ޖެހިފައިވާ ޕާޓީތަކުގެ އަޅުން ތިބެގެން ނުވާނެ ކަމަށް ހެންވޭރު އުތުރު ދާއިރާއަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްެޖެއެވެ.

ޓީވީއެމް އިން ގެނެސްދޭ ކެންޑިޑޭޓުން ބަހުސް ޕްރްގްރާމްގައި ވާހަކަ ދައްކަވަމުން، އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އަލްހާން ވަނީ އެމްޑީޕީގެ ޝިއާރު ކަމަށްވާ އެޖެންޑާ 19 އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީގެ އެޖެންޑާ 19 އަކީ ސިޔާސަތުތަކެއްނަމަ ބޮލުގައި ރިއްސައިގަތީމަ ދޭ ބޭސް ގުޅަ އަކަށް އެ ސިޔާސަތުތައް ހައްދަވައިގެން ނުވާނެ ކަމަށެވެ. އަދި މަޖިލީހަށް ދަނީ އެމްޑީޕީގެ ސިޔާސަތުތައް ހިންގަން ނޫން ކަމަށާއި އޭނާ މަޖިލީހަށް ދަނީ ރައްޔިތުން ވޯޓު ދީގެން ހޮވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުތައް ހިންގުމަށް ކަމަށް އަލްހާން ވިދާޅުވިއެވެ.

“އަޅުގަނޑުމެން އެމްޑީޕީގެ ސިޔާސަތު ހިންގާކަށް ނޫނޭ މަޖިލީހަށް މިދަނީކީ. އަޅުގަނޑުމެން މިދަނީ ދިވެހި ސަރުކާރުގެ ސިޔާސަތުތައް ހިންގާށޭ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުތައް ހިންގާށެ. އެ ސިޔާސަތަށެ އަޅުގަނޑުމެން ވޯޓުދިނީ. ރައީސް ނަޝީދު ވިދާޅުވާ ގޮތަކަށް އެޖެންޑާ 19 ހިފައިގެން އައިސް މަޖިލީހުގައި ކުރާނެ ކަމެއް ނޯންނާނެ،” އަލްހާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެޖެންޑާ 19 އާއެކު ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ޕާޓީގެ މަޖިލީހަކަށް ކަމަށެވެ. އެހެންކަމުން އެތަނުގައި ތިބެންވާނީ މިނިވަންކަމާއެކީ ވާހަކަ ދެއްކޭނެ މެންބަރުން ކަމަށާއި ޕާޓީތަކުގެ އަޅުން އެތަނުގައި ތިބެގެން ނުވާނެ ކަމަށް އަލްހާން ވިދާޅުވިއެވެ.

“އެތަނުގައި (ރައްޔިތުން މަޖިލީހުގައި) ތިބެންވާނީ މިނިވަންކަމާއެކީ ވާހަކަ ދެއްކޭނެ މީހުން. ޕާޓީތަކުގެ އަޅުން އެތަނުގައި ތިބެގެން ނުވާނެ. އެޖެންޑާތަކުގައި ޖެހި ބަދަލުވެގެންދާ ހާލަތާ އެކީ ބަދަލުވާން ނޭނގޭ މީހުން ތިބެގެން ނުވާނެ،” އަލްހާން ވިދާޅުވިއެވެ.

އިތުރަށް ބަހުސްގައި ވާހަކަދައްކަވަމުން އަލްހާން ވިދާޅުވީ، އޭނާ އިންތިހާބުކޮށްފި ކަމަށްވާނަމަ މި ސަރުކާރު ޒިންމާދާރު ކުރުވުމާ އެކީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންނަވާ ރައްޔިތުންނަށް ފައިދާހުރި ހުރިހާ ކަންކަމަކަށް އެއްބާރުލުން ދޭނެ ކަމަށެވެ.

ނަމަވެސް ކޮންމެ ފަރާތަކުން ހުށަހެޅިޔަސް، ރައްޔިތުންނަށް ހެވާ ލާބަ ނުވާ ކޮންމެ ކަމަކާ ދެކޮޅަށް އޭނާ ވަކާލާތު ކުރައްވާނެ ކަމަށް އަލްހާން ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ ކަންކަން ހައްލުކޮށްދިނުމަށްޓަކާ ރާއްޖޭގެ ގާނޫނީ ނިޒާމަކީ ހަމަޖެހޭ އަދުލު އިންސާފުގެ މަގުން ގެންދެވޭ، އެންމެންގެ މައްޗަށް ހިންގޭ ހަމަހަމަ އުސޫލަކަށް ހެދުމަށްޓަކާ ކުރަންޖެހޭ ބަސްހުތައް ރައްޔިތުންގެ މަޖިލީހުގެ ކެނޑިނޭޅި ކުރަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©