Mon, 1 June, 2020, 6:25 pm
ހެލްމެޓްތަކުގެ ސައިޒު ދިމާނުވާ ފަރާތްތަކަށް ހެލްމެޓް ބަދަލުކޮށްދިނުން ހޮނިހިރުދުވަހު
5

ހިލޭ ހެލްމެޓް ބެހުމަށް ހިންގި ޕްރޮގްރާމުގައި ލިބުނު ހެލްމެޓްތަކުގެ ސައިޒު ދިމާނުވާ ފަރާތްތަކަށް ހެލްމެޓް ބަދަލުކޮށްދިނުން އަންނަ ހޮނިހިރުދުވަހު އޮންނާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ، ހެލްމެޓް ދޫކުރުމަށްޓަކައި ބޭއްވި އެވެއަރނަސް ސެޝަން، ހަތެއް، އަށެއް، އަދި ނުވައެއްގެ ބައިވެރިންނަށް ދޫކޮށްފައިވާ ސައިޒު “އެސް” އަދި “ޑަބަލް އެސް”ގެ ހެލްމެޓްތައް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހެލްމެޓް ބަދަލުކޮށްދިނުން އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 11އިން ހަވީރު 4އަކަށް ޓްރާންސްޕޯޓް އޮތޯރިޓީގައި ކުރިއަށްދާނެކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ އޮފިޝަލަކު ވިދާޅުވީ، ހެލްމެޓް ދޫކުރުމަށް ބޭއްވި އެވެއަރނަސް ސެޝަންތަކުގެ ފުރަތަމަ 6 ބުރުގައި ބައިވެރިންނަށް ބަހާފައިވަނީ އެމީހަކު ބޭނުންވާ ސައިޒެއްގެ ހެލެމެޓްތައްކަމަށެވެ. ނަމަވެސް ފަހު 3 ސެޝަންގައި ދިމާވި ޝޯޓޭޖެއްގެ ސަބަބުން ގިނަ މީހުންނަށް ލިބުނު ހެލްމެޓްތަކުގެ ސައިޒު ދިމާނުވާކަމަށެވެ. އެހެންކަމުން ހޮނިހިރު ދުވަހު ބާއްވާ ހަރަކާތުގައި މީހުން އަންނަވަރަކުން ހެލެމެޓްތައް ބަދަލުކޮށްދޭނެކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްރަށުގައި 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވުމަށް ކަނޑައަޅާފައިވާ މަގުތަކުގައި، ދުއްވާ ފަރާތްތަކުން ހެލްމެޓް އެޅުމަކީ ޓްރާންސްޕޯޓް ޤާނޫނުގައި ލާޒިމުކުރާކަމެކެވެ. މިކަމަށް ޢާއްމުން ހޭލުންތެރިކޮށް އެކަމަށް ބާރުއެޅުމަށް ސަރުކާރުން ހިލޭ ފަސްހާސް ހެލްމެޓް ބަހަން ނިންމާފައިވާއިރު، މީގެތެރެއިން މާލެއަށް ބެހުމަށް ނިންމި ތިންހާސް ހެލްމެޓްގެ ތެރެއިން ދެހާސް ފަސް ސަތޭކަ ހެލްމެޓް މިހާރުވަނީ ބަހާ ނިންމާފައެވެ. މި ހެލްމެޓުތައް ބަހާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމަށް ބޭއްވި ޚާއްޞަ ސެޝަންތަކެއްގައެވެ. އެގޮތުން ތަފާތު 4 ސައިޒެއްގެ ހެލްމެޓް އާއްމުންނަށް ބަހާފައިވާއިރު، ކުޑަކުދިންނަށް ޙާއްސަ ހެލްމެޓްތަކެއްވެސް ބަހާފައިވެއެވެ.

Leave a comment

Your email address will not be published.