Mon, 25 May, 2020, 9:51 pm
ވިލާ ގެ ހިއްސާ އޮންނަ ކުންފުންޏަކަށް ދައުލަތުން 13 މިލިއަން ޑޮލަރު ދިނުމަށްް ހުކުމްކޮށްފި
6

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމްއިބްރާހީމްގެ ވިލާ ކުންފުނީގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވެލްސް (ޑަބްލިއުއެލްޓީ) އަށް ރަށްތަކެއް ހަވާލުނުކުރި މައްސަލައިގެ ބަދަލުގެ ގޮތުގައި 13 މިލިއަނަށްވުރެ ގިނަ ޑޮލަރު ދައުލަތުގެ ފަރާތުން އެ ކުންފުންޏަށް ދިނުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ޑަބްލިއުއެލްޓީން ކޯޓަށް ދިޔައީ ސަރުކާރުގެ ކުންފުނިތަކެއް ގުޅިގެން އުފެއްދި އެއިމްސް ކުންފުނިން ޑަބްލިއުއެލްޓީއަށް 3 ރަށެއް ދޫކުރަން އެއްބަސްވުމަށްފަހު އެ ރަށްތައް ނުދިނުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 112 މިލިއަން ޑޮލަރާއި އެޑްވާންސްގެ ގޮތުގައި ދެއްކި 16.9 މިލިއަން ޑޮލަރު ހޯދުމަށެވެ.

މި ދައުވާއާއި ގުޅިގެން ސިވިލް ކޯޓާއި ހައިކޯޓުން ކުރި ހުކުމުގައިވަނީ ޑަބްލިއުއެލްޓީން އެޑްވާންސަށް ދެއްކި 16.9 މިލިއަން ޑޮލަރު ދައުލަތުން އަނބުރާ ދޭންޖެހޭނެ ކަމަށާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ޑަބްލިއުއެލްޓީން އެދުނު 112 މިލިއަން ޑޮލަރު ނަގައި ދެވެން ނެތް ކަމަށް ބުނެފައެވެ.

މި މައްސަލަ ޑަބްލިއުއެލްޓީން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނީ ފައިނޭންސް ކޮސްޓަށްވާ 13 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދައުލަތާއި އެއިމްސް ކުންފުނިން ޑަބްލިއުއެލްޓީއަށް އެއް މަސް ތެރޭގައި ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެޑްވާންސްގެ ގޮތުގައި ޑަބްލިއުއެލްޓީން ކުރިން ދައްކާފައިވާ އަނބުރާ ދައްކަން ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމުގައި ކަނޑައެޅި ބައި ރަނގަޅު ކަމަށް ކަނޑައަޅާފައެވެ.

ސުޕްރީމް ކޯޓުން ދޭން ހުކުމް ކުރި 13 މިލިއަން ޑޮލަރަކީ ފައިނޭންސް ކޯސްޓްގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދުނު އަދަދެވެ. މި މައްސަލައިގައި ސުޕްރީމް ކޯޓުން ކުރިން ވަނީ އެ ރަށްތައް ވިލާއަތުން އަތުލީ ޤާނޫނާއި ޚިލާފަށް ކަމަށާއި އެ އެއްބަސްވުން ބާތިލް ނުވެ އޮތް ކަމަށް ހުކުމްކޮށްފައެވެ.

Leave a comment

Your email address will not be published.