މުޙައްމަދު އީމާން
02 April 2019
މަޤްބޫލު ޙަބަރު

ކުގެ ރެކޯޑް ސާފުކޮށް ފުލުހުން ފޯރުކޮށްދޭ ޕޮލިސް ސެޓްފިކެޓްގެ ހިދުމަތް މިހާރަށްވުރެ ފަސޭހަކޮށް، އަވަހަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް “ޕޮލިސް ސެޓްފިކެޓް ޕޯޓަލް”ގެ ނަމުގައި އޮންލައިން ހިދުމަތެއް އިފްތިތާހްކޮށްފިއެވެ.

މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތު އެ ޕޯޓަލް އިފްތިތާހުކޮށްދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

މި ހިދުމަތަކީ 2019-2024 އަށް ކަނޑައަޅާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ ހަ ޕްރައޯރިޓީތަކުގެ ތެރެއިން އޮގަނައިޒޭޝަނަލް ރީފޯމް އަދި ޓްރާންފޮމޭޝަންގެ ތެރޭގައި ހިމެނޭ ރައްޔިތުންނަށް ފަސޭހަގޮތްތައް މަގުފަހިކޮށްދީ ފުލުހުން ފޯރުކޮށްދޭ ހިދުމަތްތައް ޒަމާނީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސީޕީ ވިދާޅުވީ، ފުލުހުންގެ ސެޓްފިކެޓްގެ ހިދުމަތް މެނުއަލް ޕްރޮސެސްއަކުން ދުރަށް ގޮސް، އިލެކްޓްރޯނިކް ހިދުމަތެއްގެ ގޮތުގައި ތައާރަފްވެގެން ދިއުމަކީ ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު ފަސޭހައެއް ކަމަށެވެ.

އަދި މިއަދު ތައާރަފްކުރި ޕޯޓަލްގެ ސަބަބުން ސެޓްފިކެޓް ހޯދުމަށް ރައްޔިތުން ހޭދަކުރަމުންދާ ވަގުތުތަކާއި އުނދަގޫތަކަށް ވަރަށް ބޮޑު ފަސޭހައެއް އަދި ހެޔޮ ބަދަލެއް އަންނާނެ ހިދުމަތެއް ކަމަށް ވިދާޅުވިއެވެ.

ސީޕީ ހަމީދު އިތުރަށް ވިދާޅުވީ، ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލްކުރަމަށް ކުރަމުންދާ މަސައްކަތްތަކުގައި ޓެކްނޮލޮޖީ އޭގެތެރޭގައި ހިމެނިގެން ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތްތަނުގައި ކުރެވިގެންދާނެކަމަށެވެ.

ރަސްމިއްޔާތުގައި ފުލުހުންގެ ބިއުރޯ އޮފް ކްރައިމް ރެކޯޑްސްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ޝަރީފް ވިދާޅުވީ، ޕޮލިސް ސެޓްފިކެޓް ޕޯޓަލް ބޭނުންކުރަން ފެށުމާއެކު އޮންލައިންކޮށް ސެޓްފިކެޓަށް އެދުމުގެ މަގު ފަހިވެގެންދާނެ ކަމަށާއި ރާއްޖެއާއި ރާއްޖެއިން ބޭރުން އެ ހިދުމަތް ބޭނުންވާ ފަރާތަކަށް ޒަމާނީ ހިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށެވެ.

އަދި ޕޮލިސް ސެޓްފިކެޓް  ތައްޔާރުކޮށް ނިމުމުން އެސްއެމްއެސްގެ ޒަރީއާއިން ހިދުމަތަށް އެދޭފަރާތަށް އެކަން އެނގިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޕޮލިސް ސެޓްފިކެޓަށް އަލަށް ބައެއް ބަދަލުތައް ގެނެސްފައިވާކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، ސެޓްފިކެޓްގެ ސެކިއުރިޓީ ފީޗާރއެއްގެ ގޮތުގައި ކިއުއާރު ކޯޑެއް ހިމެނި، އެ ކޯޑް ބެނުންކޮށްގެން ސެޓެފިކެޓްގެ ސައްހަކަން ވަގުތުން ދެނެގަނެވޭނެ ކަމަށެވެ.

“މިހާރު ސެޓްފިކެޓް ތައްޔާރުކުރުމަށް ބޭނުންކުރާ ކަރުދާހާއި އެހެނިހެން ޚަރަދުތައް 60 އިންސައްތަ ކުޑަވެ، މިހާރު ޕޮލިސް ސެޓްފިކެޓް ދޫކުރުމަށް ހޭދަކުރާ ވަގުތު 50 އިންސައްތަ އަވަސްވެގެން ދާނެ،” ޝަރީފް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެ ހިދުމަތް އިތުރަށް ތަރައްގީކޮށް 24 ގަޑިއިރުގެ ތެރޭގައި ޕޮލިސް ސެޓްފިކެޓަށް އެދޭފަރާތަށް ސެޓްފިކެޓް ދޫކުރުމަކީ އަމާޒެއް ކަމަށެވެ.

ޕޮލިސް ވެބްސައިޓް www.police.gov.mv މެދުވެރިކޮށް ޕޮލިސް ސެޓްފިކެޓަށް މިހާރު އެދެވޭނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©