މުޙައްމަދު އިބްރާހިމް
10 November 2019
މަޤްބޫލު ޙަބަރު

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އިނގުރައިދޫގައި މޫދަށް އެރި އުޅެނިކޮށް ގެނބުނު ކުއްޖެއްގެ ފުރާނަ ސަލާމަތްކުރި އިނގުރައިދޫގެ ހިތްވަރުގަދަ ދެ ސްކައުޓުންގެ އަގުވަޒަންކޮށް، ސަރުކާރުން ހަނދާނީ ފިލައެއް އަރުވައިފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި އެ ފިލާ އަރުވާފައިވަނީ ރ. އިނގުރައިދޫ ހަތިހާ، އަލީ ފައުޒާން، 16 އަދި އެރަށު މާހާ، ނިޝާހް އަބްދުލްޣަފޫރު، 15 އަށެވެ.

ދެ ސްކައުޓުންނަށް ސަރުކާރުން ދެއްވި ހަނދާނީ ފިލާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފައުޒާން އާއި ނިޝާހަކީ، އިނގުރައިދޫ ހުދުފިނިފެންމާގޭ އަހުމަދު އަހުނަފް ނަމަކަށް ކިޔާ އުމުރުން 14 އަހަރުގެ ކުއްޖަކު އެރަށު ފުއްޓަރު ފަރާތަށް މަސް ހިފަން ފީނަން ގޮސް އުޅެނިކޮށް، އޭނާ ފާނައަކަށް ދަގަނޑު ޖެހުމުގެ ތެރެއިން ގަލެއްގައި ދަގަނޑު ތާށިވެ، އަދި އެ ވަގުތު ދަގަނޑުގައި އައްސާފައިވާ އޮތް ވާގަނޑު އެކުއްޖާގެ އަތުގައި ވެސް އައްސާފައި އޮތުމުން މައްޗަށް ނޭރި ނޭވާ ހާސްވެގެން މޫދު އަޑީގައި އޮއްވާ ސަލާމަތްކުރި ދެ ކުދިންނެވެ.

އެގޮތުން އެކުއްޖާ ފެނުން މައްޗަށް ނެގޭތޯ އުޅެ ނެގޭގޮތް ނުވުމުން އޭނާއެކު ގަލުގައި ތާށިވެފައިހުރި ދަގަނޑު، ފައުޒާން އާއި ނިޝާހްގެ މަސައްކަތުން ހަލާކުކޮށްލައިގެން ތާށިވެފައި އޮތް ކުއްޖާ ފެނުން މައްޗަށް ނެގިއެވެ.

އެކުއްޖާ ނޭވާލެވޭގޮތްވެ، ލޯ ހުޅުވުމުން ދެ ކުދިން ވެގެން ކުއްޖާ އެއްގަމަށް އަރުވައި އެވަގުތު އެހިސާބުގައި އެއްވެސް މީހަކު ނެތުމުން މީހެއްގެ އެހީތެރިކަން ހޯދުމަށް އެތަނުން އެއް ކުއްޖަކު ރަށުތެރެއަށް ގޮސް، އިތުރު ދެ މީހެއްގެ އެހީތެރިކަމާއެކު ރަށުގެ ސިއްހީ މަރުކަޒަށް ކުއްޖާ ގެންދިޔައެވެ.

ފައުޒާން އާއި ނިޝާހްގެ މި ހިތްވަރުގަދަ އަމަލުގެ ސަބަބުން ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނުން ހާއްސަ އެވޯޑެއް ދީފައިވާއިރު، ބައިނަލްއަގުވާމީ ސްކައުޓް ޖަމިއްޔާގެ އޭޝިއާ ޕެސިފިކް ރީޖަނުން ވެސް އެކަން ވަނީ ފާހަގަކޮށްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©