މުޙައްމަދު ސިމާދު
19 މާރޗް 2019
މަޤްބޫލު ޙަބަރު

އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނެންގެވި ބޭފުޅުންނަށް އެމަނިކުފާނު ތާއީދު ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭނަށް މިއަދު ވ. ފެލިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މަޖިލީހަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ.

އެގޮތުން ޒުވާން ލޭގެ ކޯޝާއެކީގައި އާ ފިކުރުތަކާއެކުގައި ޒަމާނީ ބަދަލުތަކެއް މަޖިލީހަށް ގެންނަވަންޖެހޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ”އެމްއެމްޕީއާރުސީގެ ކެނޑިޑޭޓަކަށް،“ ތާއީދެއް ނެތް ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި އެ އިޝާރާތް ކުރެއްވީ ބޮޑު ހިޔާނާތުގެ ފައިސާ ނެންގެވި ކަމަށް ތުހުމަތު ކުރެވޭ ބޭފުޅުންގެ ތެރެއިން މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންނަށެވެ. އެއީ ކޮން ކެންޑިޑޭޓުންނެއް ކަމެއް ރައީސް ވިދާޅެއް ނުވެއެވެ.

ނަމަވެސް އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ މިހާރު ރައްޔިތުން މަޖިލީހުގައި ތިއްބެވި ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުންގެ އިތުރުން އިދިކޮޅުގައި ތިއްބެވި މެމްބަރުންނަށް ލިބިފައިވާ ކަމަށް ތުހުމަތު ކުރެއެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ތެރޭގައި ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވިއިރު ވެރިކަމަށް ވަޑައިގެން ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ ވައުދުތައް ފުއްދަން މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.

އެގޮތުން ސަރުކާރުން ރައްޔިތުންނަށް ވި ވައުދުތައް ފުއްދުމުގެ މަސައްކަތުގައި ރައްޔިތުން މަޖިލީހަކީ މުހިންމު ދައުރެއް އަދާކުރަންޖެހޭ ބައެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ބައެއް އުސޫލުތައް ގާއިމްކުރުމަށް ހޯދަންޖެހޭ ގާނޫނީ ބާރުވެރިކަން މަޖިލިސް މެދުވެރިކޮށް ހޯދޭނީ ސަރުކާރުން ވީ ވައުދުތައް ގަބޫލުކޮށް، އެއަށް ތާއީދު ކުރާ ބަޔަކު މަޖިލީހުގައި ތިބެގެން ކަމަށެވެ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

haftha.mv 2004 ©