މުޙައްމަދު އީމާން
17 March 2019
މަޤްބޫލު ޙަބަރު

އަންނަ މަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް އަގުލަބިއްޔަތު ނުލިބިއްޖެނަމަ މިސްރާބު ޖަހާނީ ބޮޑު ބަޣާވާތަކާ ދިމާލަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނ. ވެލިދޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ސޯލިހު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ ގިނަ ވައުދުތަކެއް ވެގެން ކަމަށާއި ވެރިކަމާ ހަވާލުވި ފަހުން އެ ވައުދުތައް ފުއްދަން ފަށާފައިވާ ކަމަށެވެ.

އެގޮތުން، ސަރުކާރުން ވެފައިވާ ގިނަ ވައުދުތަކެއް ހިމެނޭ، އެމްޑީޕީގެ “އެޖެންޑާ 19″ގެ ސިޔާސަތުތައް ފުއްދުމަށްޓަކާ ރައްޔިތުން މަޖިލީހުގެ ގާނޫނީ ބާރު ލިބެންޖެހޭ ކަމަށާއި މަޖިލީހުގައި ތިއްބަވަން ޖެހޭނީ އެ ކަންކަމަށް ތާއީދުކޮށް ގަބޫލުކުރާ މެންބަރުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެން ނޫނީ ކުރިން ވެސް ފެނިގެންދިޔަ ގޮތަށް ސަރުކާރުގެ ވައުދުތައް ނުފުއްދި ބޮޑު ބަޣާވާތަކާ ދިމާލަށް ގައުމުދާ މަންޒަރު ކަމަށް ވިދާޅުވިއެވެ.

“ރައްޔިތުން މަޖިލީހުގައި ތިބެންޖެހޭ އެއަށް ތާއީދު ކުރާ ގަބޫލުކުރާ މެންބަރުން. އަދި އަގުލަބިއްޔަތު އަޅުގަނޑުމެންނަށް އެތަނުގައި އޮންނަންޖެހޭ. އެހެންނޫނީ ކުރިއެކޭ ވެސް އެއްގޮތަށް އަޅުގަނޑުމެންނަށް ކުރިމަތިލާން ޖެހޭނީ ސަރުކާރު ހުއްޓި، ވައުދުތައް ނުފުއްދި، އެންމެފަހުން ބޮޑު ބަޣާވާތަކާ ދިމާލަށް މިސްރާބު ޖެހުން،” ރައީސް ވިދާޅުވިއެވެ.

ރައީސް އެ ފާހަގަކުރެއްވީ ކުރިން އެމްޑީޕީގެ ސަރުކާރާ އޮތްއިރު ރައްޔިތުން މަޖިލީހުގައި އޮތް އިދިކޮޅު މެޖޯރިޓީންނާއި މިހާރު ކޯލިޝަންގައި ތިއްބެވި ބައެއް ބޭފުޅުން އިސްވެ ތިއްބަވައިގެން ސިލްސިލާ ގޮތެއްގައި ކުރި މުޒާހަރާތަކަށް އެންމެފަހުން ފުލުހުންނާއި ސިފައިން ވެސް ގުޅި، ގައުމުގައި ހިންގި ކަންތައްތަކަށްފަހު ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ދެއްވުމަށެވެ.

ހަތެއް ފެބްރުއަރީ 2012 ގައި ހިންގި އެ ކަންތައްތަކަކީ ބަޣާވާތެއްކަމަށް އެމްޑީޕީން ނިންމި ނަމަވެސް އެ މައްސަލަ ބަލަން އެކުލަވާލި ނޭޝަނަލް އިންކުއަރީ ކޮމިޝަނުން ވަނީ އެއީ ބަޣާވާތެއް ނޫން ކަމަށް ނިންމައިފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރައްޔިތުން އިންތިހާބުކޮށްފައި އޮތް ވެރިކަމަކާ ދެކޮޅަށް ދެވަނަ ފަހަރަށް މި ރާއްޖޭގައި ބަޣާވާތެއް ކުރުމަކީ، މިގައުމު އެތައް އަހަރެއް ފަހަތަށްދާނެ ކަންތައްތަކެއް ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ނުލިބިއްޖެނަމަ ބަޣާވާތަކާ ދިމާލަށް ގައުމު ދާނެ ކަމަށް ރައީސް ވިދާޅުވި މިއީ ފުރަތަމަ ފަހަރެވެ. އަދި ރައީސް އެހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަކުރަން ނިންމާފައިވާތީ އެޕާޓީއާއި ޖުމްހޫރީ ޕާޓީއާ ދެމެދު އޮންނަ ގުޅުން ވަނީ ހީނަރުވެފައެވެ.

އަދި ޖޭޕީން މިހާރު ވަނީ ސަރުކާރާ އިދިކޮޅު މައި ދެ ޕާޓީ ކަމަށްވާ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމްއާއި އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދި ކޮންގުރެސް ޕާޓީއާ ގުޅިގެން މަޖިލިސް އިންތިހާބަށް ވާދަކުރަން ނިންމައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©