މުޙައްމަދު އީމާން
17 March 2019
މަޤްބޫލު ޙަބަރު

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

އިންޑިއަން އެއާ ފޯސްގެ ޖެޓެއްގައި މިއަދު ސުޝްމާ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެކަމަނާ އަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، ފޮރިން މިނިސްޓަރު ޝާހިދުގެ ދައުވަތަކަށް ސުޝްމާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ސުޝްމާ ބައްދަލުކުރައްވަން ހަމަޖެހިފައިވާއިރު ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ އިތުރުން ކެބިނެޓް ވަޒީރުންނާ ވެސް ބައްދަލުކުރައްވާނެއެވެ.

އަދި އެ ބައްދަލުކުރެއްވުންތަކުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރިއަށް އޮތްތަނުގައި ވެސް ގުޅުން ބަދަހިކުރެވިދާނެ ގޮތްކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެއަށް މިއަދު ވަޑައިގެންނެވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖެއާއި އިންޑިއާއާ އޮތް ހާރިޖީ ގުޅުން ހީނަރުވެފައި އޮތުމަށްފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާއާ އޮންނަ ގުޅުން ވަނީ ވަރަށް ބޮޑުތަން ބަދަހިވެފައެވެ.

އެގޮތުން ރައީސް ސޯލިހު ހުވާކުރެއްވުމުގެ ރަސްމިޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންނެވިއިރު، ރައީސް ސޯލިހުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ވެސް ކުރެއްވީ އިންޑިއާއަށެވެ.

އޭގެ އިތުރުން ރައީސް ސޯލިހުގެ ސަރުކާރަށް މި ވީ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ މިނިސްޓަރުން ވެސް ގިނަ ދަތުރުފުޅުތަކެއް އިންޑިއާއަށް ކުރެއްވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©