Thu, 4 June, 2020, 1:31 pm
ބޮޑު ދެ ފޭރުމާ ގުޅިގެން ތިން ކުޑަކުދިންނާއެކު 8 މީހަކު ހައްޔަރުކޮށްފި
12

މިފްކޯ އާއި ބީއެޗްއެމް ޓްރޭޑާސްގެ ފައިސާތަކެއް ފޭރުނު މައްސަލާގައި އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ، މިދިޔަ ބުދަ ދުވަހު ދުއްވާފައި ދިޔަ މިފްކޯގެ ވޭނެއް ހުއްޓުވާ އޭގައި ތިބި މީހުންނަށް ބިރު ދެއްކުމަށްފަހު ފައިސާ ފޭރުނު މައްސަލާގައި ތުހުމަތު ކުރެވޭ އުމުރުން 19 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން 19 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހާދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އެ މައްސަލާގައި ހައްޔަރުކުރި 23 އަހަރުގެ ޒުވާނާ ހައްޔަރުކުރީ ރޭގައެވެ.

މިފްކޯގެ ހެޑް އޮފީހުން ދެ މިލިއަން ރުފިޔާ ހިފައިގެން ދަތުރުކުރި އެ ވޭން ހުއްޓުވައި އޭގެ ބިއްލޫރިގަނޑު ތަޅާލައި، އޭގައި ތިބި މީހުންނަށް ބިރު ދައްކާފައިވަނީ މޫނު ނިވާކޮށްގެން ތިބި ބައެކެވެ.

ފުލުހުން މިއަދު ބުނީ، ހެލްމެޓް އަޅައިގެން ތިބި ބަޔަކު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ބީއެޗްއެމް ޓްރޭޑާސްގެ 2.3 މިލިއަން ރުފިޔާ ފޭރުނު މައްސަލާގައި ވެސް ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދެ ފިރިހެނުންނާއި 21 އަހަރުގެ ފިރިހެނަކާއި 18 އަހަރު ނުފުރޭ ތިން ކުދިން ކަމަށް ފުލުހުން ބުނެއެވެ.

Leave a comment

Your email address will not be published.