Sun, 31 May, 2020, 11:00 am
މަހަކު 6000 ރުފިޔާ ދައްކައިގެން އުޅެވޭނެ ހައުސިން މަޝްރޫއެއް ފަށަނީ
11

ށޮމި ސަރުކާރުން ހިންގަން ރާވާފައިވާ ޝޯޝަލް ހައުސިން މަޝްރޫއެއްގެ ތެރެއިން 4000 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ “ފަށާއިރު” ޕްރޮގްރާމްގައި ރައީސް ވިދާޅުވީ، ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކުގެ ލީޑް އެސެސްމެންޓެއް ރާއްޖޭގައި ހެދިފައި ނެތުމުން މި ސަރުކާރުން އެކަން ކުރަމުން އަންނަ ކަމަށާއި އެކަން ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

ނަމަވެސް ކުރިން ހެދިފައިހުރި ބައެއް ދިރާސާތަކަށް ބަލާއިރު ބޯހިޔާވަހިކަން ބޭނުންވާ 20،000 މީހުން ރާއްޖޭގައި އުޅޭ ކަމަށާއި އޭގެ ތެރެއިން 4000 މީހުންނަކީ މާލޭގައި ގެދޮރު ނެތް މީހުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ ސޯޝަލް ހައުސިން ޕްރޮގްރާމްތައް ހިންގާނީ ހަދާ ހައުސިން ދިރާސާގެ އަލީގައި ކަމަށެވެ. އަދި ފަށަން ނިންމާފައިވާ ޝޯޝަލް ހައުސިން މަޝްރޫއަކީ ރައްޔިތުންނަށް އަތް ފޯރާ ފަށުގައި ބޯހިޔާވަހިކަން ލިބޭނެ މަޝްރޫއެއް ކަމަށް ވިދާޅުވިއެވެ

އެގޮތުން ތިން ކޮޓަރީގެ އެެޕާޓްމަންޓެއް މަހަކު 6000 ރުފިޔާއަށް ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

“މިއަދު އިރާދަކުރެއްވިޔާ 4000 ޔުނިޓްގެ އެގްރިމަންޓާ ހަމައަށް ދެވޭނެ ކަމަށް އުއްމީދު މިކުރަނީ. ހަމަގައިމުވެސް އަގު ހުންނާނީ އަތްފޯރާ ފަށުގައި. 5000 އާއި 6000 ރުފިޔާއަށްވުރެ މަތި ނުވާވަރަށް ތިން ކޮޓަރީގެ އެޕާޓްމަންޓެއް ބެހެއްޓޭތޯ މި ބަލަނީ،” ރައީސް ވިދާޅުވިއެވެ.

Leave a comment

Your email address will not be published.