މުޙައްމަދު އީމާން
31 March 2019
މަޤްބޫލު ޙަބަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބެންކް އެކައުންޓުތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރު ބާތިލްކޮށް، އެ އެކައުންޓުތައް ދޫކޮށްލަން ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ޔާމީންގެ އެކައުންޓްތައް ފްރީޒް ކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގުކޮށް، އެކަމަށް ފުލުހުން ކްރިމިނަލް ކޯޓުގައި އެދިގެން ނެރުނު އަމުރެއްގެ ދަށުންނެވެ.

އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓްތަކެއް ފްރީޒްކޮށް، އެ އެކައުންޓުތަކުގައި ހުރި 100 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ހިފެހެއްޓިއެވެ.

ކްރިމިނަލް ކޯޓުން އެމްއައިބީގެ މައްޗަށް އަމުރު ކުރީ މިދިޔަ ޑިސެމްބަރު 13 އިން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ޔާމީން އެމްއައިބީގައި ހުޅުވާފައިވާ އަށް އެކައުންޓްގައިވާ ފައިސާ ހިފަހައްޓައި، އެ ފައިސާ އިން މުޢާމަލާތްކުރުން ހުއްޓުވުމަށެވެ.

ނަމަވެސް އެ މައްސަލައިގައި ހައި ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ ކްރިމިނަލް ކޯޓުން އެކައުންޓްތައް ފްރީޒްކުރަން އަމުރުކުރީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބުނާ 72 އަދި 73 ވަނަ މާއްދާގެ އިޖުރާއާތުތަކާ ހިލާފަށް ކަމަށެވެ. އެ ދެ މާއްދާއަކީ މީހެއްގެ އެކައުންޓް ފްރީޒުކުރަން އަމުރު ނެރުމުގެ އިޖުރާއަތްތައް ބަޔާންކުރާ ދެ މާއްދާއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ހ)ގައިވާ އެންމެ ފުރަތަމަ އެދެން ޖެހޭނީ އެކައުންޓް މޮނީޓާކުރުމުގެ އަމުރަކަށެވެ. މީހެއްގެ ބޭންކް އެކައުންޓް މޮނީޓާކުރުމުގެ އަމުރަކަށް އެދެވޭނެ ހާލަތްތައް އެ މާއްދާގައި ބަޔާންކުރެއެވެ.

ދެން އޮތް 73 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން މޮނިޓާކުރުމުގެ އަމުރެއްގެ ދަށުން ބަލަމުންދާ ބެލުންތަކުން ޖިނާއީ ބޮޑު ކުށެއް ފާހަގަވާކަމަށްވާނަމަ، އެ އެކައުންޓްގައިވާ ފައިސާ، ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުޢާމަލާތްކުރުން ހުއްޓުވުމުގެ ކޯޓު އަމުރަކަށް ގާނޫނު ތަންފީޒުކުރާ އިދާރާއަށް އެދެވިދާނެއެވެ.

ހުކުމްގައި ބުނީ އެމްއެމްއޭގެ ސިޓީއާއި އެކައުންޓް ފްރީޒް ކުރުމުގެ އަމުރު ނެރެދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމާއި ދެމެދު މޮނިޓަރިން އަމުރަކަށް އެދި ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދައުލަތަށް ލިބިގެން ގޮސްފައިވާއިރު، ދައުލަތުގެ ފަރާތުން މޮނިޓަރިން އަމުރަކަށް އެދި ހުށަހަޅާފައިނުވާ ކަމަށެވެ.

ދައުލަތުން ޝަރީއަތުގެ މަޖިލީހުގައި ވަނީ 72 ވަނަ މާއްދާގެ (ބ) އަކީ 72 ވަނަ މާއްދާގެ (ހ) އަށް އޮތް އިސްތިސްނާއެއް ކަމަށް ބުނެފަ އެވެ. (ބ)ގައި ބުނަނީ ޕްރޮސިކިއުޓާ ޖެނެރަލް ލިޔުމަކުން އެދިގެން، ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓްތަކާއި، ޑިޕޮސިޓްތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮސިޓް ބޮކްސްތަކުގެ މައުލޫމާތުތައް ހޯދުމަކަށް މި މާއްދާ ހުރަހެއް ނާޅާ ކަމަށެވެ.

ނަމަވެސް ހުކުމްގައި ބުނީ ބޭންކުގެ ކަސްޓަމަރުންގެ މައުލޫމާތުތައް ހޯދަން ވާނީ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ލިޔުމަކުން އެދިގެން ކަމަށް މާއްދާގައި ބުނާ ކަމަށެވެ. އެ މާއްދާގެ ދަށުން ވެސް ލިޔުމަކުން ދައުލަތުން އެދިފައި ނެތްކަން ހާމަވާ ކަމަށެވެ.

ހައި ކޯޓުގެ މި މައްސަލަ ބެއްލެވީ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ. ހައި ކޯޓުގައި އޮތް އަޑުއެހުމަށް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އޮފީހުގެ ވަކީލުން ވަޑައިގެންނެވިއެވެ.

ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ތުހުމަތާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދު ކުރަން މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެކަމަކު، މިދިޔަ ބުދަ ދުވަހު ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އެ އަމުރު ވެސް ބާތިލްކޮށް، ޔާމީން މިނިވަންކޮށްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©