މުޙައްމަދު އީމާން
02 April 2019
މަޤްބޫލު ޙަބަރު

މާލޭގައި ދިރިއުޅޭ މީހުން ހަފްތާ ބަންދުގައި ދަތުރު ދިއުމަށް އެނބޫދޫ ފަޅުގައި މިހާރު ހިއްކާފައިވާ ރަށްތަކުން ރަށެއް ސަރުކާރުން ހަމަޖައްސައިފިއެވެ.

މާލޭގައި އުޅޭ މީހުން ދަތުރު ދާނެ ރަށެއް ހަމަޖެއްސުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެއް ވައުދެވެ. އަދި ދަތުރު ދާން ސަރުކާރުން ހަމަޖެއްސި ރަށްވެސް އިފްތިތާހް ކޮށްދެއްވީ ވެސް ރައީސް ސޯލިހެވެ.

ދަތުރުދާން ސަރުކާރުން ހަމަޖެއްސި ރަށަކީ، ތައިލެންޑްގެ ސިންހާ އެސްޓޭޓުން، މާލޭގެ ދެކުނުން ފަސް ކިލޯމީޓަރު ދުރުގައި އޮންނަ އެނބޫދޫ ފަޅުގައި، ހިންގާ ޓޫރިޒަމްގެ އެންމެ އަގު ބޮޑު މަޝްރޫއުގެ ފުރަތަމަ ރިސޯޓް ކަމަށް ވާ ކްރޮސްރޯޑްސްގެ ބައެއް ވަކިކޮށް ވަކިން ހަދާފައި އޮންނަ ރަށެކެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، ސިންގާ އެސްޓޭޓް އާއި އެ މިނިސްޓްރީއާ ގުޅިގެން ތަރައްގީކުރާ އެރަށަކީ ކްރޮސްރޯޑުގެ ފެރީގައި މާލެއިން އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 15 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރަށެއް ކަމަށެވެ.

ގާތްގަނޑަކަށް 3.3 ހެކްޓަރުގެ އެ ސަރަހައްދުގައި ތަރައްގީކުރާ ރަށުގައި ބީޗް ހަރަކާތްތަކަށާއި ކުޅިވަރުތަކަށް ހާއްސަ ދެ ސަރަހައްދެއް ތަރައްގީކުރާއިރު، ބާބަކިއު ސަރަހައްދަކާއި މޫދު ކުޅިވަރުގެ ހަރަކާތްތައް ވެސް ތަރައްގީ ކުރާނެއެވެ.

އަދި ތުއްތު ކުދިން ގޮވައިގެންދާ އާއިލާތަކަށް ފެމިލީ ރޫމްތަކާއި ކުޑަކުދިން ކުޅޭނެ ކިޑްސް ކުލަބެއްގެ އިތުރުން އަންހެން އަދި ފިރިހެނުންނަށް ވަކިން ހާއްސަ ހެދުން ބަދަލުކުރާ ލޮކަރުތަކެއްގެ އިތުރުން ކްލިނިކަކާއި އޮފީހެއް ވެސް އެރަށުގައި ތަރައްގީ ކުރަން ވަނީ ހަމަޖެހިފައެވެ.

ދަތުރުދާން ރަށް އިއުލާންކުރުމަށް ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ދަތުރުދާ ފަރާތްތަކަށް ކްރޮސްރޯޑް ރިސޯޓުގެ ބައެއް ވަސީލަތްތައް ވެސް ބޭނުން ކުރެވޭނެ ކަމަށެވެ.

“މިއީކީ މިހެން އޮތް ރަށެއް ނޫން. މިތަން ތަރައްގީވީމާ ޕިކްނިކް ވަޑައިގަންނަވާ ބޭފުޅުންނަށް ރިސޯޓުގެ ބައެއް ފެސިލިޓީތައް ވެސް ބޭނުންކުރުމުގެ ފުރުސަތު އެބައޮތް،” އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރަށުގެ ކޮންސެޕްޓާއި ބިން ކަނޑައަޅާ މިހާރު ނިމިފައިވާ ކަމަށާއި ކުރިއަށް އޮތީ ޑީޓެއިލް ޑިޒައިންގެ މަސައްކަތްތައް ކަމަށެވެ. އަދި އެ މަސައްކަތާއެކު އަމަލީ މަސައްކަތްކޮށް ކުރިއަށް އޮތް ހަތް މަސް ދުވަހުގެ ތެރޭގައި ރަށް ބޭނުންކުރެވޭނެ ގޮތް ހެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“އިރާދަކުރެއްވިއްޔާ މި މަސައްކަތް ވަގުތަށް ނިންމާނަން. އިރާދަކުރެއްވިއްޔާ މި ސަރުކާރަށް 1 އަހަރުވާއިރަށް މިތަން މާލޭގެ ރައްޔިތުންނަށް ބޭނުން ކުރެވޭވަރަށް ތަރައްގީކޮށް ނިންމާނަން،” މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

އެނބޫދޫ ފަޅުގައި ޕިކްނިކް ދާނެ ރަށެއް ސަރުކާރުން ހަމަޖައްސާފައި މިވަނީ، ކުރިން މާލޭގެ ރައްޔިތުން ދަތުރު ދާން އެންމެ އާންމުކޮށް ބޭނުންކުރި ކުޑަަ ބަނޑޮސް ރިސޯޓަކަށް ހަދައި، ފޭދޫފިނޮޅުގައި ވެސް ރިސޯޓެއް ތަަރަައްގީކުރަަމުންދާތީވެ، މާލޭގެ ރައްޔިތުންނަށް ދަތުރުދިއުމަށް ރަށެއް ނެތުމުންނެވެ.

އެގޮތުން ސިންހާ އެސްޓޭޓުން އެނބޫދޫ ފަޅުގައި ހިންގާ 800 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއުގައި ނުވަ ރަށް ވަނީ ހިއްކައިފައެވެ. އެ ރަށްތައް އިންޓަގްރޭޓެޑް ރިސޯޓުތަކެއްގެ ގޮތަގައި ތަރައްގީކުރާއިރު، ކްރޮސްރޯޑްސްގެ މަސައްކަތް ނިންމައި މިއަހަރު ހުޅުވާގޮތަށް ވަނީ ހަމަޖެހިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©