މުޙައްމަދު އީމާން
05 April 2019
މަޤްބޫލު ޙަބަރު

މާދަމާ ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވޯޓު ލުމަށް ލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ބޭނުން ކުރެއްވުމަށް ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސެއިން ނަސޭހަތްތެރިވެވަޑައިގެންފިއެވެ.

އިލްޔާސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޖިލިސް އިންތިހާބުގެ ވޯޓަކީ ފަސް އަހަރުން އެއް އަހަރު ލިބޭނެ ފުރުސަތެއް ކަމުން އެ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ބޭނުން ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން ތެދުވެރި، އަމާނާތްތެރި، ދީނާއި ގައުމަށް ވަފާތެރި އަދި ނަސޭހަތްތެރި ބަޔަކު މަޖިލީހަށް ހޮއްވަވާ ދެއްވުމަށް ޝެއިހް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ވަގުތު ފާއިތުވެއްޖެނަމަ އަނބުރާ ނުގެނެވޭނެކަން ހަދުމަކުރެއްވުމަށެވެ.

މާދަމާ ބާއްވާ ވޯޓާ ދިމާކޮށް ޝައިހް އިލްޔާސް ނަސޭހަތްތެރިވެވަޑައިގެންނެވިއިރު، މީގެ ކުރިން ވެސް އޭނާ ވަނީ ވޯޓު ދިނުމުގެ ކުރިން ވިސްނާލުން މުހިންމު ކަންކަން ފާހަގަކުރައްވާ ޓުވީޓު ކުރައްވާފައެވެ.

އެގޮތުން މިދިޔަ މާޗް މަހުގެ ތެރޭގައި ޝައިހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ވޯޓު ދެއްވާ ކެންޑިޑޭޓުންނަކީ ތެދުވެރި އަމާނާތްތެރި ފަރުޟޫ ފަސް ނަމާދަށް ރައްކާތެރިވާ ނަޒާހަތްތެރި އަދި ދީނާއި ގައުމަށް ވަފާތެރި ބައެއްތޯ ބެއްލެވުމަށް އެދިވަޑައިގެންފައެވެ.

މާދަމާ ބާއްވާ މަޖިލިސް އިންތިހާބަށް ހުރިހާ ކެންޑިޑޭޓުން ވެސް ފޯރިއާއެކު ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، މިފަހަރު މަޖލިސް އިންތިހާބުގައި 395 ކެންޑިޑޭޓުން ވާދަކުރާނެއެވެ.

އަދި މަޖިލިސް އިންތިޚާބުގައި ޖުމްލަ 501 ވޯޓުފޮށި ބަހައްޓަން ނިންމާފައިވާއިރު އިންތިހާބުގައި ވޯޓުލުމުގެ ހައްގު 264442 މީހުންނަށް ލިބިގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފައެވެ.

އީސީން ކުރިން އިއުލާން ކުރައްވާފައި ގޮތުން، މާދަމާ ރާއްޖޭގައި ވޯޓު ލުން ފަށާނީ ހެނދުނު 8:00 ގައެވެ. އަދި ވޯޓުލުން ބަންދުވާނީ މާދަމާގެ ހަވީރު 4:00 ގައެވެ.

Leave a Reply

Your email address will not be published.

haftha.mv ©