Sun, 31 May, 2020, 12:02 pm
ރައީސް ސޯލިހުގެ އިލްތިމާސް: ކަންނެތްނުވެ، ހަރަކާތްތެރި ދިރިއުޅުމަކަށް އެނބުރި އާދޭ!
121

ދިރިއުޅުމުގައި ކަންނެތް ނުވެ، ހަރަކާތްތެރި ދިރިއުޅުމަކަށް އަލުން އެނބުރި އައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދިވެހިންނަށް އިލްތިމާސްކުރައްވައިފިއެވެ.

އިއްޔެ ފާހަގަކުރި ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރައީސް ވިދާޅުވީ، އާންމު ސިއްހަތުގެ ހޭލުންތެރިކަމުން ފެށިގެން، ބޭސްފަރުވާގެ ކަންތައް ވެސް ޝާމިލުވާ، ވަށައިޖެހިފައިވާ ސިއްހީ ހިދުމަތުގެ ނިޒާމެއް ބިނާކުރުމުގައި އެންމެން ގުޅިގެން އައު މަސައްކަތްތަކެއް ފަށަން ޖެހިފައިވާ ކަމަށެވެ.

އަދި ޒަމާނީ ޓެކްނޮލޮޖީގެ ލުއިފަސޭހަތަކުގެ ޝިކާރައަކަށްވެ، ދިރިއުޅުމުގެ ކަންނެތް އާދަަތަކަށް ދީލައިނުލާ، ހަރަކާތްތެރި ދިރިއުޅުމަކަށް އަލުން އެނބުރި އައުމަށް އިލްތިމާސް ކުރައްވާފައިވެއެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރުގެ ދަށުން ރާއްޖޭގެ ސިއްހީ ހިދުމަތްތައް މިއަހަރު ބޮޑަށް އަމާޒުކުރެވިގެންދާނީ އިބްތިދާއީ ސިއްހީ ހިދުމަތް ނުވަތަ ވަކި ޖިންސަކަށް، އުމުރަކަށް، ނަސްލަކަށް ނުވަތަ އެ މީހަކު ނިސްބަތްވާ ތަނަކަށް ބަލައިގެން ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއެކު އެންމެންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.

އެގޮތުން އިބްތިދާއީ ސިއްހީ ހިދުމަތްތަކުގެ ތެރެއިން ގިނަ ހިދުމަތްތައް ރާއްޖޭގައި ފޯރުކޮށްދެމުން އަންނަނީ މުޅިން ހިލޭ ކަމަށާއި ޅަދަރީންނަށް ބޭނުންވާ ވެކްސިން ދިނުމާއި މާބަނޑު ދުވަސްވަރުގެ ފަރުވާތައް ދެމުން އައީ މުޅިން ހިލޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހިިތާބުގައި އިތުރަށް ވިދާޅުވީ، ބޮޑެތި ބަލިބައްޔަށް ފަރުވާކުރުމަށްޓަކާ ސަލާންޖެހުން ހުއްޓުވުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ ސިއްހީ ސިޔާސަތުކަމަށެވެ.

އެކަމަށްޓަކާ ސަރުކާރުން އަމާޒު ހިފާފައިވަނީ ސިއްހީ ފަރުވާގެ ނިޒާމު ލާމަރުކަޒީކޮށް، އެމީހަކު ދިރިއުޅޭ ރަށަކުން އެންމެ އެކަށޭނެ ފަރުވާ ފޯރުކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިހާރު ސިއްހީ ހިދުމަތްދޭ ސަރުކާރުގެ ހުރިހާ ތަނެއް އެއް ވިއުގަޔަކުން ގުޅާލެވިފައިވާ ކަމަށެވެ.

Leave a comment

Your email address will not be published.