މުޙައްމަދު އީމާން
14 April 2019
މަޤްބޫލު ޙަބަރު

ދިވެހިންގެ ދިވެހި ބަހަކީ ދިވެހިންގެ އެއްބައިވަންތަކަމުގެ މައިގަނޑު އަސާސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ބަހުން ކުރެއްވި ޓުވީޓެއްގައި ރައީސް ވިދާޅުވީ، ދިވެހިބަހުގެ ދުވަހުގެ ހެޔޮ އެދުންތައް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރާ ކަމަށެވެ.

އަދި ދިވެހިބަހަކީ އަޅުގަނޑުމެންގެ އެއްބައިވަންތަކަމުގެ މައިގަނޑު އަސަސް ކަމަށް ރައީސް ވިދާޅުވިއެވެ.

“ދިވެހި ބަހުން ބުނާށެވެ. ލިޔާށެވެ. ބުނެވޭނެ އެވެ. ލިޔެވޭނެއެވެ،” ރައީސް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ކޮންމެ އަހަރެއްގެ ވެސް އޭޕްރިލް 14 ވާ ދުވަހަކީ ދިވެހި ބަހުގެ ގޮތުގައި މުޅި ރާއްޖޭގައި ފާހަގަކުރާ ދުވަހެކެވެ. އެގޮތުން މިއަހަރުގެ ދިވެހިބަހުގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ، “ބުނާނީ، ލިޔާސީ ސާފު ދިވެހި ބަހުން” މިއެވެ.

މިދުވަހުގެ މުނާސަބަތުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ދެއްވި ހިތާބުގައި ވިދާޅުވީ، ދިވެހިބަސް އުވިދިއުމުގެ ބިރު ހީވެފައި ވުމުން، މި ބަސް ހިމާޔަތްކޮށް ކުރިއަރުވައި ތަރައްގީ ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރަން ޖެހޭ ކަމަށެވެ.

އަދި ދިވެހި ބަސް ރައްކާތެރި ކުރެވޭނީ ކުޑަކުދީންނާއި ޒުވާނުން ދިވެހިބަހަށް ޝައުޤުވެރި ކޮށްގެންކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ، ތުއްތުކުދީންނާ ދިވެހިބަހުން ވާހަކަދައްކާ ގޭތެރޭގެ މާހައުލުގައި ދިވެހިބަހުން ވާހަކަ ދައްކައި ފޮތްކިޔައިދިނުމަށް ބާރު އަޅައިދެއްވުމަށް މައިންބަފައިންގެ އަރިހުން އިލްތިމާސް ކުރައްވައިފައެވެ.

މީގެ އިތުރުން މީޑިޔާތަކުންނާއި ނޫސްވެރިކަން ކުރާ ފަރާތްތަކުން ދިވެހިބަހުގެ ހަމަތަކާއި އުސޫލުތަކަށް ސަމާލުކަން ދެއްވައިގެން ލިޔުއްވަން ވަނީ އިލްތިމާސް ކޮށްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©