މުޙައްމަދު އީމާން
14 April 2019
މަޤްބޫލު ޙަބަރު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގައި މިހާރު ފެއިލްވެފައި އޮތް ލީޑާޝިޕް އިސްތިއުފާ ދެއްވުމަށްފަހު އާ ލީޑާޝިޕަކަށް ޖާގަދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ގޮވާލައްވައިފިއެވެ.

ޕީޕީއެމްގެ ލީޑާޝިޕުން އިސްތިއުފާ ދެއްވުމަށްފަހު ނިހާން މިރޭ ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ، ޕީޕީއެމްއަކީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ވެރިކަމާ ހަމައަށް ދަތުރުކުރި ޕާޓީއެއް ކަމަށެވެ. އަދި ޕާޓީ މިހާތަނަށް ހޯއްދެއްވި ހުރިހާ ކާމިޔާބެއްގެ ހައްގު ވެރި ފަރާތްތަކަކީ އާންމު މެންބަރުން ކަމަށެވެ.

އޭނާ ވިދާޅުވީ، ޕީޕީއެމްގެ މިހާރު އޮތް ލީޑާޝިޕް ފެއިލްވި ހުރިހާ ބޭފުޅުން ލީޑާޝިޕުން ދުރަށްޖެހި، އާ ލީޑާޝިޕަކަށް ޖާގަ ދޭންޖެހޭ ކަމަށެވެ.

“2017 ލޯކަލް ކައުންސިލް އިންތިހާބު، އަދި 2018 ރިޔާސީ އިްނތިހާބުގެ އިތުރުން 2019 މަޖިލިސް އިންތިހާބު ޕީޕީއެމްއަށް ގެއްލުނީ ހަރުދަނާ ލީޑާޝިޕެއް ނެތުމުން. އެ އެންމެން އިސްތިއުފާ،” ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

ނިހާން މިގޮތަށް ޓުވީޓް ކުރައްވާފައިވާއިރު، ނިމިދިޔަ މަޖިލިސް އިންތިހާބުގައި އުފަން ރަށް ހިމެނޭ ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވައިގެން އޭނާ ވަނީ ނާކާމިޔާބުވެފައެވެ.

ނިހާންގެ އިތުރުން މިފަހަރުގެ އިންތިހާބުގައި ޕީޕީއެމްއާއި އެޕާޓީގެ އިސްކޮށް ހަރަކާތްތެރިވި ގިނަ ބޭފުޅުންނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ.

އޭގެ ތެރޭގައި ޕީޕީއެމްގެ ކުރީގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލު އަދި ޕީޕީއެމްގެ ތަރުޖަމާން އަދި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ފަދަ ބޭބޭފުޅުން ހިމެނެއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން މިފަހަރުގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމަށް ލިބިފައިވަނީ އެންމެ ފަސް ގޮނޑި އެވެ. އަދި ޕީއެންސީ އަށް ލިބުނީ ތިން ގޮނޑިއެވެ. މަޖިލިސް އިންތިހާބުގައި ސްޕަ މެޖޯރިޓީއެއް ނަގާފައިވާ އެމްޑީޕީއަށް ލިބިފައިވަނީ 65 ގޮނޑިއެވެ.

ނިހާން އިތުރަށް ވިދާޅުވީ، އާންމު މެންބަރެއްގެ ގޮތުގައި ސިޔާސީ ގޮތުން ޕީޕީއެމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިހުންނާނެ ކަމަށެވެ. އަދި ޕީޕީއެމްގެ އާންމު މެންބަރުންނަކީ ވަރަށްވެސް އިހުލާސްތެރި ބައެއް ކަމަށާއި މެންބަރުންނަށް އިތުރަށް ހިތާމަ އާއި ގެއްލުން ދިނުމަށް ޖާގަ ނުދޭނެ ކަމަށްވެސް ނިހާން ވިދާޅުވި އެވެ.

Leave a Reply

Your email address will not be published.

  1. ބަޣާވާތެއް ރާވަން ނޫޅުއްވާތި ޤައުމު މާ މުހިއްމު.

haftha.mv ©