Mon, 25 May, 2020, 9:25 pm
މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ފާސްކޮށްފި
26

މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތުމާލު ކުރުން މަނަކުރަން މާލޭ ސިޓީ ކައުންސިލުން މިރޭ ފާސްކޮށްފިއެވެ. އެ ނިންމުން ނިންމީ މިއަދު ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައެވެ.

އެ މައްސަލަ މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު ހުސެއިން ޝަރީފެވެ. އަދި އެކަމަށް ކައުންސިލަރު އަހުމަދު ޒަމީރު ތާއީދު ކުރެއްވިއިރު، އެ ނިންމުން ނިންމަން ފާސްކުރީ މިރޭގެ ބައްދަލުވުމުގައި ބައިވެރިވެވައިގެންނެވި ހަތް މެންބަރުންގެ އިއްތިފާގުންނެވެ.

ކައުންސިލަރު ޝަރީފު ވިދާޅުވީ، މަގުމަތީގައި ހުރެގެން ދުންފަތުގެ އިސްތިިއުމާލު ކުރާ މީހުން ބޭރުކުރާ ދުމުގެ ޝަކުވާ ކައުންސިލަށް ލިބޭ ކަމަށާއި އެގޮތުން މިރޭ އެ ނިންމުން ނިންމީ މާބަނޑު އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށް ދިނުމުގެ ގޮތުން ކަމަށެވެ.

ނަމަވެސް އެ އުސޫލަށް އަމަލު ކުރަން ފަށާނީ އެކަމާ ގުޅޭ ގަވާއިދެއް ހަދައި، ހަ މަސް ފަހުން ކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި އެ ގަވާއިދު ހަދާއިރު ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ބައްދަލުކޮށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރާނެ ކަމަށް ކައުންސިލަރު މީޑިއާތަކަށް ވިދާޅުވެފައިވެއެވެ.

މާލޭގައި މިހާރު ވެސް ސަރުކާރުގެ އިދާރާތައް ފަދަ ތަންތަނުގެ ކައިރީގައާއި ކެފޭ/ ރެސްޓޯރެންޓްތަކުގެ ތެރެއިން ބައެއް ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުުރުން އޮންނަނީ މަނާކޮށްފައެވެ. ނަމަވެސް އެކަމާ ހިލާފުވާ މީހުންނަށް އެދެވޭ ގޮތެއްގައި ފިޔަވަޅެއް ނާޅައެވެ.

Leave a comment

Your email address will not be published.