Sun, 23 February, 2020, 4:05 pm
މަޖިލީހުގެ މަސައްކަތްތައް ނިންމުމަށް ބުރާސްފަތިދުވަހާއި އާދީއްތަ ދުވަހުވެސް ޖަލްސާ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ނިންމުމަށް މިރެއާއި، މިހަފްތާގެ ބުރާސްފަތިދުވަހާއި އަންނަ އާދީއްތަ ދުވަހުވެސް މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އީދު ބަންދަށް މެނދުކެނޑިފައި އޮތުމަށްފަހު މިއަދު ޖަލްސާތައް އަލުން ފަށާފައިވާއިރު، މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގައި މިވަގުތު ތިން ބިލަކާއި ދެ ޤަރާރެއްގެ އިތުރުން ކޮމެޓީތަކުން ފޮނުވާފައިވާ ތިން ރިޕޯޓެއް އެބައޮތްކަމުގަ އެވެ. އަދި ސަރުކާރުގެ ފަރާތުން ހަ ބިލެއް މަޖިލީހަށް ފޮނުއްވާފައިވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ. އަދި މި ހަ ބިލްގެ ފުރަތަމަ ކިޔުން މާދަމާ އޮންނަ ޖަލްސާގައި އިއްވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

މަޖިލީހުގައި މިހާރު ހުރި މަސައްކަތްތަށް ނިންމުމަށްޓަކައި މަޖިލީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާގުޅޭގޮތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް 2 ހަފްތާގައި މަޖިލީހުގައި މިހާރުހުރި މަސައްކަތްތައް ނިންމުމަށް ބޭނުންވާކަމަށެވެ.

މިއަދު މަޖިލީހަށް ހުށަހަޅައި ވާހަކަ ދައްކަވަމުންދާ މަސްވެރިކަމުގެ ބިލަކީ މިދައުރުގައި މަޖިލީހުގައި ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތް ކަމަށާ، މިބިލްގެ މަސައްކަތް ނިންމުމަށްޓަކައި މިއަދާއި މިރޭވެސް މަޖިލީހުގެ ޖަލްސާ އޮންނާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އަދި މާދަމާ ސަރުކާރުން ހުށަހަޅާ ބިލާއެކު މަޖިލީހުގައިހުރި މަސައްކަތްތައް ނިންމުމަށް މިދެހަފްތާގައި ޢާންމުކޮށް މަޖިލިސް ނޯންނަ ދެދުވަހުވެސް މަޖިލިސް ބޭއްވުމަށް ނިންމަވާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Leave a comment

Your email address will not be published.