މުޙައްމަދު އީމާން
07 December 2018
މަޤްބޫލު ޙަބަރު

އޭޝިއާގެ އެންމެ ސެކްސީ ނުވަތަ އެންމެ ހިތްކިޔާ އަންހެނަކަށް ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯން ހިމެނިއްޖެއެވެ.

އިނގިރޭސިވިލާތުގެ ހަފްތާ ނޫހެއް ކަމަށްވާ “އީސްޓާން އައި” އިން އަހަރަކު އެއްފަހަރު އެކުލަވާލައި އޭޝިއާގެ އެންމެ ސެކްސީ 50 އަންހެނުންގެ ލިސްޓުގެ އެއްވަނާގައި “ޕަދްމާވަތް” އަދި “ބަޖިރާއޯ މަސްތާނީ” ފަދަ ބޮކްސް އޮފީހުގައި ހިޓް ފިލްމުތަކެއް ކުޅެފައިވާ ދީޕިކާ ހިމެނުނުއިރު، މިއަހަރަކީ އޭނާގެ ހުވަފެނީ އަހަރެއް ވެސް މެއެވެ.

އެގޮތުން މިއަހަރުގެ ތެރޭގައި އުމުރުން 32 އަހަރުގެ ދީޕިކާ ވަނީ ބޮލީވުޑްގެ ތަރި ރަންވީރު ސިންގް އާއި ކައިވެނިކޮށް، މިއަހަރުގެ މެއި މަހު ބޭއްވި ކޭންސް ފިލްމު ފެސްޓިވަލް ރެޑް ކާޕެޓުން ވެސް ފެނިގެން ގޮސްފައެވެ.

އޭޝިއާގެ އެންމެ ސެކްސީ އަންހެނާގެ މަގާމު ދީޕިކާއަށް ލިބުނުއިރު، މިދިޔަ އަހަރު އެ މަގާމު ލިބުނު ޕްރިޔަންކާ ޗޯޕްރާ އޮތީ މިއަހަރުގެ ލިސްޓުގެ ދަވަނައިގައެވެ. އަދި ލިސްޓުގެ ތިން ވަނަ މަގާމު ލިބުނީ، ޖެހިޖެހިން ތިން އަހަރު، އެންމެ ސެކްސީ ޓީވީ ތަރީގެ މަގާމު ހޯދާފައިވާ އިންޑިއާގެ ޓީވީ އެކްޓުރެސް ނިއާ ޝަރްމާ އަށެވެ.

ލިސްޓުގެ ހަތަރު ވަނަ މަގާމު ލިބުނީ، ޗެރިޓީތަކަށް ފައިސާ ހޯދުމުގަ އާއި އަންހެން ކުދިން ބާރުވެރިކުރުވުމަށް މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރި ޕާކިސްތާނުގެ އެކްޓްރެސް މާހިރާ ޚާންއަށެވެ. އޭނާއަކީ ޕާކިސްތާނުގެ ވެސް އެންމެ ސެކްސީ އަންހެނާއެވެ.

އޭޝިއާގެ އެންމެ ސެކްސީ އަންހެނުންގެ ލިސްޓުގެ ފުރަތަމަ 10 ވަނައިގާ ދެން ހިމެނެނީ، ޝިވާންޖީ ޖޯޝީ (5)، އާލިއާ ބަޓް (6)، ސޯނަމް ކަޕޫރް (7)، ހީނާ ޚާން (8)، ކެޓްރީނާ ކައިފް (9) އަދި ނިތީ ޓޭލާ (10) އެކެވެ.

haftha.mv ©