މުޙައްމަދު ސިމާދު
18 މާރޗް 2019
މަޤްބޫލު ޙަބަރު

މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އިންޑިއަން އައިޑަލްގެ ޖަޖު ނޭހާ ކައްކަރަކީ ފެންނަ ފެނުމަށް ކިތަންމެ އުފާވެރި ތަރިއެއް ނަމަވެސް، ހަގީގީ ދިރިއުޅުމުގައި ވަރަށް ދަތި އުނދަގޫ ކަންތައްތަކެއް ތަހައްމަލު ކުރަން ޖެހިފައިވާ ކަމަށް ދާދި ފަހުން އޭނާ ބުނެފަ އެވެ.

ދާދިފަހުން ލޯބިވެރިޔާ ހިމާންޝް ކޯލީއާ ވެސް ގުޅުން ކަނޑާލި ނޭހާ ވަނީ، އޭނާ ޑިޕްރެޝަންގެ ޝިކާރައަކަށް ވެފައިވާ ކަމަށް ބުނެފަ އެވެ. އޭނާ އެކަން ހާމަކުރީ އިންސްޓަގުރާމް މެދުވެރިކޮށް އިއްޔެ ކުރި ޕޯސްޓެއްގައެވެ.

”އަހަރެން ޑިޕްރެޝަންގެ ޝިކާރައަކަށް ވެއްޖެ. އެކަމަށްޓަކާ މިދުނިޔޭގައި ތިބި ނެގެޓިވް މީހުންނަށް ޝުކުރު އަދާކުރަން. އަހަރެންގެ ދިރިއުޅުމުގެ އެންމެ އުނދަގޫ ދުވަސްތައް އަހަންނަށް ކުރިމަތި ކުރުވުމުގައި ތި މީހުން ކާމިޔާބު ވެއްޖެ…،“ ނޭހާ ބުނެފައި ވެއެވެ.

އޭގެ އިތުރުންވެސް، އޭނާ ތަހައްމަލު ކުރަމުންދާ ކަންކަން ނުދަނެ ތިބެ އޭނާއާ ބެހޭ ގޮތުން ފާޑުފާޑުގެ ވާހަކަ ދައްކާ މީހުންގެ ސަބަބުން އުނދަގޫ ވަގުތުތަކެއް ތަހައްމަލު ކުރަން ޖެހިފައިވާ ކަމަށް ވެސް ނޭހާ ބުނެފައި ވެއެވެ.

”އަހަރެންގެ ދެކެ ލޯބިވާ އަދި އަހަރެންގެ މަސައްކަތް ދެކެ ލޯބިވާ މީހުންނަށް ޝުކުރު އަދާ ކުރަން. އެކަމަކު އަހަރެން ތަހައްމަލު ކުރަމުންދާ ކަންތައްތައް ނުދަނެ ތިބެ އަދި އަހަރެންގެ ހާލު ނުދަނެ ތިބެ އަހަންނާ ބެހޭ ގޮތުން ވާހަކަ ދައްކާ މީހުންގެ ސަބަބުން ދަތި ވަގުތު ތަކެއް އަހަންނަށް ތަހައްމަލު ކުރަން ޖެހިފައި މި ވަނީ….،“ ނޭހާ ބުނެފައިވެއެވެ.

އިންސްޓަގުރަމްގައި ޖެހި ޕޯސްޓް ނޭހާ ނިންމާލާފައިވަނީ، އޭނާ ޖަޖު ނުކުރުމަށާއި އޭނާއަށް ހަމަޖެހިލައިގެން ދިރިއުޅުމުގެ ފުރުސަތު ދިނުމަށް އެދެމުންނެވެ.

ނޭހާގެ މި އަސަރުގަދަ ޕޯސްޓު އަމާޒުވާ ސިދާ ފަރާތެއް ނުވަތަ ފަރާތްތަކެއް ނޭހާ ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ޕޯސްޓުގެ މައިގަނޑު ސަބަބެއް ކަމަށް ބޮޑަށް ބެލެވެނީ ކުރީގެ ލޯބިވެރިޔާ ހިމާންޝް އެވެ.

haftha.mv 2004 ©