މުޙައްމަދު އީމާން
04 February 2019
މަޤްބޫލު ޙަބަރު

ކެންސަރަށް ފަރުވާ ކުރުމަށް އެމެރިކާގައި ދުވަސްތަކެއް ހޭދަ ކުރުމަށްފަހު ބޮލީވުޑްގެ ކުރީގެ ތަރި ސޮނާލީ ބޭންދްރޭ އެނބުރި މަސައްކަތަށް ނުކުމެއްޖެއެވެ.

އެނބުރި އިންޑިއާއަށް ގޮސް މަސައްކަތްތައް އަލުން ފަށާފައިވާކަން ސޮނާލީ ހާމަ ކުރީ އިންސްޓަގުރާމް މެދުވެރިކޮށް އިއްޔެ ކުރި ޕޯސްޓެއްގައެވެ.

ސޮނާލީ އަށް ކެންސަރު ޖެހިފައިވާކަން އެނގުނީ ވޭތުވެދިޔަ އަހަރު ތެރޭގައެވެ. އޭރު އޭނާ ދިޔައީ ޒީޓީވީ އިން ދައްކަމުންދިޔަ “އިންޑިއާސް ބެސްޓު ޑުރޭމްބާޒް”ގެ ފަނޑިޔާރުކަން ވެސް ކުރަމުންނެވެ.

ކެންސަރު ޖެހުނު ނަމަވެސް، ސޮނާލީ ފެނިގެންގޮސްފައިވަނީ ވަރަށް ޕޮޒިޓިވް އަދި ވަރަށް ހިއްވަރު ގަދަ މީހެއްގެ ގޮތުގައެވެ. އަދި އެކަމުގެ ސަބަބުން ގިނަ ބަޔަކު ދިޔައީ އޭނާއަށް ތައުރީފު ވެސް ކުރަމުންނެވެ.

ކެންސަރަށް ފަރުވާ ހޯދުމަށް އެމެރިކާއަށް ބަދަލު ވިނަމަވެސް ސޮނާލީ ދިޔައީ އޭނާގެ ސިއްހީ ހާލަތު ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭނުންނާ ގަވާއިދުން ހިއްސާ ކުރަމުންނެވެ. އަދި އޭނާއަށް އާއިލާ އާއި ރައްޓެހިންގެ ފަރާތުން ލިބެމުން ދިޔަ އެހީތެރިކަމާ އެއްބާރުލުން ވެސް ސޮނާލީ ވަނީ ފާހަގަކޮށްފައެވެ.

ސޮނާލީ އެނބުރި މަސައްކަތަށް ނުކުތް ނަމަވެސް އޭނާގެ ޓްރީޓްމަންޓް އަދި ނުނިމެއެވެ.

haftha.mv ©