މުޙައްމަދު އީމާން
09 February 2019
މަޤްބޫލު ޙަބަރު

ބޮލީވުޑްގެ “ކިންގް އޮފް ޚާން”ގެ ނަމުން މަޝްހޫރު ފިލްމީ ތަރި، ޝާހްރުކް ޚާން އާއި ކާޖަލް ދޭވްގަން ފެނިގެންދާ ލޯބީގެ ފިލްމު “ދިލްވާލޭ ދުލްހަނިޔާ ލޭޖާއެންގޭ” އަކީ އިންޑިއާގެ ފިލްމީ ތާރީހުގައި އެންމެ ކާމިޔާބު އެއް ފިލްމެވެ.

އަދި އަދިތްޔާ ޗޮޕްރާގެ ފުރަތަމަ ޑައިރެކްޓުކޮށް 1995 ވަނަ އަހަރު ރިލީޒްކުރި އެ ފިލްމަކީ އެ އަހަރު އެންމެ ބޮޑު ފައިދާއެއް ވެސް ލިބުނު ފިލްމެވެ. އަދި އެ ފިލްމުގެ ސައުންޑް ޓްރެކް އަލްބަމަކީ 90ގެ އަހަރުތަކުގައި އެންމެ މަގުބޫލު އެއް އަލްބަމެވެ.

ނަމަވެސް މާސްޓާކުލާސް ބައި ވިލޫގެ ތިންވަނަ ސީޒަންގެ އެޕިސޯޑެއްގައި ދާދިފަހުން ވާހަކަދައްކަމުން ޝާހްވަނީ އެ ފިލްމު އެޅުވި ދުވަސްކޮޅު އެންމެ މީހަކު ފިޔަވައި، އެންމެން ފާޑުކީ ކަމަށެވެ.

ޝާހް ބުނީ، “ދިލްވާލޭ ދުލްހަނިޔާ ލޭޖާއެންގޭ” ޕްރިމިއާކުރި ޝޯގައި އޭނާއާއެކު ފިލްމު ބަލަން ކައިރީގައި ތިބި ރައްޓެހިންތަކެއް ޝާހް ނޫޅޭނަމަ އެ ފިލްމު ވަރަށް ރީތިވާނެ ކަމަށް ބުނި ކަމަށާއި އެކަމާ ވަރަށް ދެރަވި ކަމަށެވެ.

ނަމަވެސް ފިލްމު ޕްރޮޑަކްޝަން ޓީމުގައި ނުހިމެނޭ މީހަކު އެ ފިލްމު ބަލާފައި އެ ފިލްމު ރީއްޗޭ ބުނި ފުރަތަމަ މީހަކީ، ސަލްމާން ޚާން ކަމަށް ޝާހް ބުންޏެވެ.

އިތުރަށް ވާހަކަދައްކަވަމުން ޝާހް ވަނީ އޭނާގެ ދިރިއުޅުމުގައި އުޅޭ ހުރިހާ ކަނބަލުންނަށް ޝުކުރު އަދާކޮށްފައެވެ.

“މިހާރުވެސް އަހަންނާ ދިމާލަށް ރޮމޭންޓިކް ހީރޯއެކޭ ބުނާތީ ވަރަށް ސްޓްރޭޖް، ސަބަބަކީ އަހަރެން އެ ރޯލުތައް ކުޅެން ވަރަށް ޖެހިލުންވެ ލަދުގަނޭ. މި ފުރުސަތުގައި އަހަންނާއެކު ފިލްމު ކުޅުނު މިގައުމުގެ ހުރިހާ ހިރޮއިންނަށް ވެސް ޝުކުރު އަދާކުރަން ބޭނުންވޭ،” ޝާހް ބުނެފައިވެއެވެ.

haftha.mv ©