މުޙައްމަދު އީމާން
09 February 2019
މަޤްބޫލު ޙަބަރު

ދެހާސް ސާދަވަނަ އަހަރު ނުކުތް ކޮރެއަން ފިލްމު “އޮޑޭ ޓު މައި ފާދާ” އަސްލަކަށް ބަލައިގެން އުފެއްދި ހިންދީ ރީމޭކް “ބާރަތް” ކުޅުމަށްފަހު އިތުރު ކޮރެއާ ހިޓް ފިލްމެއްގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ސަލްމާން ޚާން ފެނިގެން ގޮސްދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ “ވެރައިޓީ” ގައި ރިޕޯޓް ކޮށްފައިވާގޮތުން ސަލްމާން މިފަހަރު ފެނިގެންދާނީ 2015 ވަނަ އަހަރު ރިލީޒްކުރި ސައުތް ކޮރެއަން އެކްޝަން ކޮމެޑީ ފިލްމު، “ވެޓެރަން” އިންނެވެ.

އެ ފިލްމަށް ކޮރެއަން ބޮކްސް އޮފީހުގައި 93.8 މިލިއަން ޑޮލަރު ލިބިފައިވާއިރު، އެއީ ކޮރެއާގެ ފިލްމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ހަތަރު ވަނަ ފިލްމެވެ.

ސައުތް ކޮރެއާގެ ފިލްމު ޑައިރެކްޓަރެއް ކަމަށްވާ ޔޫ ސުއަން ޑައިރެކްޓްކުރި އެ ފިލްމުގެ އޮރިޖިނަލް ރޯލުން ފެނިގެންދަނީ “އޮޑޭ ޓު މައި ފާދާ” ގައި ވެސް ފެނިގެންދާ އެކްޓަރު ހޮވަންގް ޖަންގް މިން އެވެ.

ގިނަ ބޮކްސް އޮފީސް ހިޓް ފިލްމުތަކެއް ކުޅެފައިވާ ހޮވަންގްއަކީ ސައުތް ކޮރެއާގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ފިލްމީ ތަރިއެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ ފިލްމު، “ބާރަތް” ގައި ސަލްމާންގެ އިތުރުން ކެޓްރީނާ ކައިފް، ދިޝާ ޕަޓާނީގެ އިތުރުން ސުނިލް ގްރޯވަރު ފެނިގެންދާނެއެވެ. އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ބާރަތްގެ ޓީޒާ މިދިޔަ ހަފްތާގެ ތެރޭގައި ރިލީޒް ކޮށްފައިވާއިރު މިހާތަނަށް އެ ޓީޒާއަށް 38 މިލިއަން ވިއުސް ވަނީ ލިބިފައެވެ.

haftha.mv ©