މުޙައްމަދު އީމާން
10 February 2019
މަޤްބޫލު ޙަބަރު

އަށްޑިހަ އަދި ނުވަދިހައިގެ އަހަރުތަކުގައި ނެރުނު ފިލްމުތަކުގައި ނެގެޓިވް ރޯލު ނުވަތަ ވިލަންގެ ރޯލު ކުޅުނު މަޝްހޫރު އެކްޓަރު މަހޭޝް އާނަންދް މަރުވެފައިވާ އޮއްވާ ފެނިއްޖެއެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން، އުމުރުން 57 އަހަރުގެ މަހޭޝް މަރުވެފައި އޮއްވާ ފެނުނީ މުމްބާއީގައި ހުންނަ އޭނާގެ ގޭގެ ތެރެއިންނެވެ.

ނަމަވެސް އޭނާ މަރުވީ ކިހިނެތް ވެގެން ކަމެއް އަދި ސާފުވެފައިނުވާއިރު، ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް ކޫޕާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.

ޝަހެންޝާހް، މަޖްބޫރު، ސްވާގް، ގުމްރާ އަދި ބޭތާޖް ބާދްޝާހް ފަދަ ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި މަހޭޝް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ މަހުގެ 18 ގައި ރިލީޒްކުރި ގޯވިންދާގެ ފިލްމު “ރަންގީލާ ރާޖާ” އިންނެވެ.

އެ ފިލްމުގައި އޭނާ ފެނިގެންދިޔައީ އެންމެ ހަ މިނެޓަށް ނަމަވެސް، އެ ފިލްމަކީ 18 އަހަރަށްފަހު މަހޭޝް ކުޅުނު ފުރަތަމަ ފިލްމެވެ. އަދި އެ ފިލްމު ރިލީޒްކުރުމަށްފަހު މަހޭޝް ވަނީ ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް އެނބުރި މަސައްކަތަށް އާދެވުނީތީ އުފާ ކުރާ ކަމަށް ބުނެފައެވެ.

އަދި މީގެ ކުރިން ދިން އިންޓަވިއުއެއްގައި މަހޭޝް ވަނީ، ހިންދީ ފިލްމީ އިންޑަސްޓްރީއާ ދުރަށް ދިއުމުން އޭނާއަށް ފައިސާގެ ބޮޑެތި ދަތިތަކެއް ދިމާވެފައިވާ ކަމަށް ބުނެފައެވެ.

haftha.mv ©