މުޙައްމަދު ސިމާދު
18 މާރޗް 2019
މަޤްބޫލު ޙަބަރު

ހިންދީ ފިލްމު އިންޑަސްޓްރީގައި އެންމެ ނުފޫޒުފަދަ އެއް ތަރި ކަމަށްވާ އަމީތާބް ބައްޗަންގެ އަތުގައި އޮތް ރޯލްސް ރޮއިސް ފެންޓޮމް ކާރު ވިއްކާލައިފިއެވެ.

އެ ލަގްޒަރީ ކާރަކީ 2007 ވަނަ އަހަރު ނެރުނު ފިލްމު ”އެކްލަވްޔާ- ދަ ރޯޔަލް ގާޑް“ގައި އަމީތާބް ދެއްކި މޮޅު އެކްޓުގެ ސަބަބުން އެ ފިލްމުގެ ޑައިރެކްޓަރު އަދި ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ވިދޫ ވިނޯދް ޗޯޕްރާ އަމީތާބަށް ހަދިޔާއަކަށް ދިން ކާރެކެވެ.

ނަމަވެސް 3.5 ކުރޯޑް އިންޑިއަން ރުޕީސް (7.7 މިލިއަން ދިވެހި ރުފިޔާ)ގެ އަގުހުރި އެ ކާރު ވިއްކާލާފައިވަނީ ކިހާ ވަރަކަށް ކަމެއް ނޭނގެއެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެ ކާރު ގަނެފައިވަނީ މައިސޫރުގެ މަހުޖަނެއް ކަމަށްވާ ރުމާން ޚާންއެވެ. އޭނާއަކީ މަޝްހޫރު ކާރުތައް އެއްކުރާ މީހެއް ކަމަށްވެއެވެ.

ބޮލީވުޑްގެ ޝަހެންޝާހްގެ ގޮތުގައި މަޝްހޫރު އަމީތާބަކީ ލަކްޒަރީ ކާރު ގެންގުޅުމަށް ލޯބިކުރާ އެކްޓަރެކެވެ. އެގޮތުން އޭނާ އަތުގައި ރޭންޖު ރޯވާ އަކާއި ބެޓްލީ ޖީޓީ އެއްގެ އިތުރުން މާސޭޑީޒް- އެސް ކުލާސް އަދި ލެކްސަސް އެސްޔޫވީއެއް އޮވެއެވެ.

އަމީތާބްގެ ފިލްމީ ކެރިއަރަށް ބަލާއިރު އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ފިލްމު، ”ތަގްސް އޮފް ހިންދުސްތާން“ އިންނެވެ. ނަމަވެސް މިހާތަނަށް ހެދި ބޮލީވުޑްގެ އެންމެ އަގުބޮޑު ފިލްމުގެ ގޮތުގައި ބެލެވިފައިވާ އެ ފިލްމަށް ބޮލީވުޑްގައި އެހާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.

އެގޮތުން 250 ކުރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި އެ ފިލްމަށް މުޅި ދުނިޔެއިން ވެސް ލިބިފައިވަނީ 300 ކުރޯޑް ރުޕީސް ވަރުކަމަށްވެއެވެ.

haftha.mv 2004 ©