މުޙައްމަދު ސިމާދު
19 މާރޗް 2019
މަޤްބޫލު ޙަބަރު

ބޮލީވުޑްގެ ތަރިންނަށް ބަލާއިރު އާލިއާ ބަޓް އަކީ މިވަގުތު އިންޑަސްޓްރީގައި ހުުރި އެންމެ ވިދުންގަދަ އެއް ތަރިއެވެ. އެގޮތުން ބްލޮކްބަސްޓަރ ދެ ފިލްމު ކުޅެފައިވާ އާލިއާގެ ކުރިއަށް ވެސް ގިނަ ޕްރޮޖެކްޓުތަކެއް އެބަހުއްޓެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން، އެ ލިސްޓަށް މިހާރު ވަނީ އިތުރު ފިލްމެއް އިތުރުވެފައެވެ. އެއީ އެއްފައި ނެތި، ދުނިޔޭގައި ހުރި އެންމެ އުސް ފަރުބަދަ މައުންޓް އެވަރެސްޓަށް އެރި ފުރަތަމަ އަންހެން މީހާ، އަރުނިމާ ސިންހައާ ގުޅޭގޮތުން ހަދާ ބަޔޯޕިކް އެކެވެ.

އެ ފިލްމު ހަދާނެ ކަމަށް ބެލެވެނީ، އޭނާގެ މައްޗަށް ލިޔެފައިވާ ފޮތް، ”ބޯން އަގައިން އޮން ދަ މައުންޓަން: އަ ސްޓޯރީ އޮފް ލޫސިން އެވްރީތިން އެންޑް ފައިންޑިން އިޓް ބެކް“ގެ މައްޗަށެވެ.

ރިޕޯޓްތައް ބުނާގޮތުން، އެ ފިލްމު ކުޅުމަށް އާލިއާ މިހާރު ވެސް އެއްބަސް ވެސް ވެފައެވެ. އަދި އެ ރޯލަށް އާލިއާގެ ބަރުދަން އިތުރު ކުރުމަށް ވެސް ވަނީ އަންގައިފައެވެ.

އަދި ފިލްމުގައި ފެނިގެންދާނެ ފަރުބަދަތަކަށް އަރާ އެއްފައި ނެތް މީހެއްގެ ރޯލު އަދާކުރުމަށް، އެފަދަ މީހުންނާއެކު އާލިއާ ބުރަ ތަމްރީންތަކެއް ފުރިހަމަ ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ފިލްމަކީ އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ކަރަން ޖޯހަރު ޑައިރެކްޓްކޮށް، ވިވެކް ރަންގަޗަރީ ޕްރޮޑިއުސްކޮށް އުފައްދާ ފިލްމެއް ކަމަށްވެއެވެ.

އާލިއާ އަދާކުރަންޖެހޭ އަރުނިމާ ސިންހަ އަކީ، އިންޑިއާގެ ގައުމީ ވޮލީބޯޅަ ކުޅުންތެރިއެކެވެ. ނަމަވެސް 2011 ވަނަ އަހަރުގެ ތެރޭގައި ވަގުންތަކެއް އޭނާ ދުއްވަމުންދިޔަ ރޭލަކުން ބޭރަށް ކޮށްޕާލުމުގެ ސަބަބުން ވާތު ފައިގެ ކަކުލުހުޅުން ބުރިކޮށްލަން ޖެހުނެވެ.

ނަމަވެސް އެކަމާ ގުޅިގެން އޭނާގެ އަމާޒަކަށްވީ ކޮންމެ ބައްރެއްގައި ހުރި އެންމެ އުސް ފަރުބަދައަށް އަރާ އިންޑިއާގެ ގައުމީ ދިދަ ވިހުރުވާލުމެވެ. އެގޮތުން ހާދިސާއަށްފަހު 2014 ވަނަ އަހަރުގެ ނިޔަލަށް ހަ ފަރުބަދައަކަށް އޭނާ އަރާފައިވެއެވެ.

އެގޮތުން އެވަރެސްޓުގެ އިތުރުން އެފްރިކާގެ ކިލިމަންޖަރޯ އަދި އެންޓާޓިކާގައި ހުންނަ މައުންޓް ވިންސަންއަށް އޭނާ އަރާފައިވެއެވެ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

haftha.mv 2004 ©