Sun, 7 June, 2020, 1:37 pm
ސޮނާކްޝީ, އިންނާނެ މީހަކު ހޯދަނީ! ހުރީ ކައިވެނި ކުރަން ކެތްމަދުވެފައި!
260

ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން ސޮނާކްޝީ ސިންހާ މިދުވަސްކޮޅު އުޅެނީ އޭނާގެ ކުރިއަށްއޮތް މެގަ ޕްރޮޖެކްޓް “ކަލަންކް”ގެ ޕްރޮމޯޝަންގައެވެ. ފިލްމު ރަނގަޅަށް އިސްތިހާރުކޮށް ކާމިޔާބު ފިލްމަކަށް ހެދުމަށް ފިލްމުގެ މުޅި ކާސްޓުން ނުފޮރުޅުވާ އެންމެ ގަލެއް ވެސް ނުބާއްވަން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ފިލްމު ޕްރޮމޯޓް ކުރުމަށް އެ ފިލްމުގެ ކޯ ސްޓާރުންގެ ގޮތުގައި ފެނިގެންދާ ވަރުން ދަވަން އަދި އާލިއާ ބަޓްއާއެކު ޓީވީ ޝޯއެއްގައި ދާދިފަހުން ސޮނާކްޝީ ވަނީ ބައިވެރިވެފައެވެ. މި ތިން ތަރިންނަކީ ވެސް އެމީހުންގެ ލޯބީގެ ގުޅުންތަކާއި ކައިވެނީގެ ޕްލޭންތަކާ ގުޅިގެން ހެޑްލައިންތަކުން ޖާގަ ހޯދަމުންދާ ތަރިންނެވެ.

އެގޮތުން އެ ޝޯގެ ޝޫޓިންގައި، އެންމެ އަވަހަށް ކައިވެނިކުރަން ބޭނުންވަނީ ކާކުތޯ ތިން ތަރިން ކައިރީގައި އެހުމުން އެންމެ ފުރަތަމަ ޖަވާބުދިން ތަރިއަކީ ސޮނާކްޝީއެވެ.

ސޮނާކްޝީ ބުނީ، ވަރުން އާއި އާލިއާއަށްވުރެ އަވަހަށް އޭނާ ކައިވެނިކުރަން ބޭނުންވާ ކަމަށާއި ކައިވެންޏަށް އޭނާ ތައްޔާރު ކަމަށެވެ. އަދި ބޭނުންވަނީ ވީހާވެސް އަވަހަށް ދިރިއުޅުމައިގެން ހަމަޖެހިލަން ކަމަށާއި ކައިވެނިކުރަން ރަނގަޅު މީހަކު ހޯދަމުންދާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ކައިވެނިކުރަން ބޭނުންވަ ކަމަށާއި އިންނާނެ މީހަކު ހޯދަމުންދާ ކަމަށް ސޮނާކްޝީ ބުނިއިރު، ނޯޓްބުކްގެ ތަރި ޒަހީރު އިގްބާލްއާ އޭނާ ޑޭޓް ކުރަމުންދާކަމުގެ ވާހަކަތަކެއް މިދޭތެރެއިން މީޑިއާތަކުގައި ފެތުރުނެވެ. ނަމަވެސް އެކަމާ ގުޅިގެން ދެމީހުން ވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ.

ސޮނާކްޝީ އެންމެ އަވަހަށް ދެން ފެނިގެންދާނެ ފިލްމު “ކަލަންކް” އަކީ އަބިޝެކް ވަރްމަންގެ ފިލްމެކެވެ. ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ކަލަންކްގެ އިތުރުން ސޮނާކްޝީ ދެން ފެނިގެންދާނީ “ދަބަންގް 3” އަދި “މިޝަން މަންގަލް” އިންނެވެ.

Leave a comment

Your email address will not be published.