Sun, 7 June, 2020, 2:02 pm
މިފަހަރު ލޯބި ފަހަތަކުން ނުދުވާނަން، ލޯބި އަންނަންދެން މަޑުކުރާނީ: ސޮނާކްޝީ
157

ބޮލީވުޑް އިންޑަސްޓްރީ އަށް ބަލާއިރު، މިދިޔަ އަހަރު ފާހަގަކުރެވިފައިވަނީ ބޮލީވުޑްގެ މަޝްހޫރު ބަތަލާއިން ތަކެއް ކައިވެނީގެ ގޮއްޖަހާ ބާރު ކޮއްލި އަހަރެއްގެ ގޮތުގައެވެ.

އެގޮތުން ސޯނަމް އާއި ވިޔަފާރިވެރިޔާ އަހޫޖާގެ ކައިވެންޏާއި ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ޖޯޑު ދީޕިކާ އާއި ރަންވީރުގެ ކައިވެނީގެ އިތުރުން މިދިޔަ އަހަރުގެ ބޮޑު ކައިވެނީގެ ގޮތުގައި ލިޔެވުނު ޕްރިޔަންކާާ އާއި ހޮލީވުޑްގެ ތަރި ނިކް ޖޯނަސްގެ ކައިވެނި ފާހަގަކޮށްލެވެއެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ކައިވެނީގެ ވާހަކަތަކެއް ދަނީ ފެންމަތިވަމުންނެވެ. އެގޮތުން އަރުޖުން އާއި މަލައިކާގެ ކައިވެނީގެ އަޑު މިދުވަސްކޮޅު ވައިގައި ހިފާފައިވާއިރު ވަރުން ދަވަން އާއި ނަތާޝާގެ ކައިވެނި ވެސް އޮތީ މިއަހަރަށް ލިޔެވިފައެވެ.

މި ކައިވެނިތަކުގެ ވާހަކައަށްވުރެ ބޮޑު ވާހަކައެއް ބޮލީވުޑްގައި މިހާރު ދެކެވެއެވެ. އެއީ ބަތަލާ ސޮނާކްޝީ ސިންހާ ލޯބިވެރިއަކު ހޯދަން އަތްފުނާ އަޅާ ވާހަކައެވެ. އިންނާނެ މީހަކު ހޯދާ ވާހަކައާއި ކައިވެންޏެއް ކުރަން ކެތްމަދުވެފައި ހުރި އަޑުތަކެއް މީގެ ކުރިން ސޮނާކްޝީގެ ދެކެވުނެވެ.

އެގޮތުން ސޮނާކްޝީގެ ކުރިއަށްއޮތް މެގަ ޕްރޮޖެކްޓް “ކަލަންކް”ގެ ޕްރޮމޯޝަންގެ ތެރެއިން އޭނާގެ ލޯބީގެ އާ ވާހަކަތަކެއް މިހާރު މިވަނީ ފެންމަތިވެފައެވެ.

ބޮންމްބޭ ޓައިމްސްއަށް ސޮނާކްޝީ ދާދިފަހުން ދިން އިންޓަވިއުއެއްގައި ބުނީ، އޭނާ ލޯތްބެއްގެ ތެރޭގައި ވާން އޭނާ ލޯބިކުރާ ކަމަށެވެ. އަދި މުޅި އުމުރު އެ ލޯތްބަކާއެކު އުޅެން ބޭނުންވާ ލޯތްބެއް ހޯދުމުގެ މަރުހަލާއަށް ދިރިއުޅުމުގައި އާދެވިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

“އަހަރެން އަވަސް އަރުވާލައިގެން ނޫޅެން. އަހަރެންގެ މަސައްކަތް ދަނީ ވަރަށް ރަނގަޅަށް. އަހަރެން ސުޕަ ބިޒީ އަދި އެހެން ކަންތައްތަކަށް ލިބެނީ ވަރަށް މަދު ވަގުތުކޮޅެއް. އެހެންކަމުން އާ! އަހަރެން މިފަހަރު މަޑުކުރާނީ. މިފަހަރު އަހަރެން ލޯބި ފަހަތަކުން ނުދާނަން. އަހަރެންގެ ގާތަށް ލޯބި އަންނަންދެން މަޑުކުރާނީ،” ސޮނާކްޝީ ބުނެފައިވެއެވެ.

ލޯބިވެރިއަކު އަންނަންދެން މަޑުކުރާނެ ކަމަށް ސޮނާކްޝީ ބުނިއިރު، ނޯޓްބުކްގެ ތަރި ޒަހީރު އިގްބާލްއާ އޭނާ ޑޭޓް ކުރަމުންދާކަމުގެ ވާހަކަތަކެއް މިދޭތެރެއިން މީޑިއާތަކުގައި ފެތުރުނެވެ. ނަމަވެސް އެކަމާ ގުޅިގެން ދެމީހުން ވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ.

ސޮނާކްޝީ އެންމެ އަވަހަށް ދެން ފެނިގެންދާނެ ފިލްމު “ކަލަންކް” އަކީ އަބިޝެކް ވަރްމަންގެ ފިލްމެކެވެ. ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ކަލަންކްގެ އިތުރުން ސޮނާކްޝީ ދެން ފެނިގެންދާނީ “ދަބަންގް 3” އަދި “މިޝަން މަންގަލް” އިންނެވެ.

Leave a comment

Your email address will not be published.