Thu, 28 May, 2020, 11:15 pm
މަޝްހޫރު ދިވެހި ކޮމީޑިއަން “ޖޮނީ” ނިޔާވެއްޖެ
4

ޓީވީ މޯލްޑިވްސްގެ ކޮމެޑީ ޑްރާމާތަކުން ގިނަ ބައެއްގެ މަޝްހޫރުކަން ހޯދި ކޮމީޑިއަން މއ. ސީރިޔަޒުގޭ ހާރޫން އަހުމަދު ނުވަތަ އެންމެން ދަންނަ ނަމުންނަމަ “ޖޮނީ” ނިޔާވެއްޖެއެވެ.

ކޮމެޑީ ތަފާތު ރޯލުތަކުން ދިވެހިން ހެއްވާލަދިން ހުނަރުވެރިޔާ ޖޮނީ މިއަދު ނިޔާވިއިރު އުމުރަކީ 72 އަހަރެވެ. އޭނާގެ ކަށުނަމާދު އޮންނާނީ މިއަދުގެ ފަތިސް ނަމާދަށްފަހު މާލޭ އާސަހަރާ މިސްކިތުގައެވެ.

ޖޮނީ ނިޔާވުމާއެކު ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު ދަނީ ހިތާމަފާޅުކޮށް ތައުޒިޔާ ކިޔަމުންނެވެ.

އެގޮތުން ޖޮނީއާއެކު ބައެއް ކޮމެޑީ ޑްރާމާތަކާއި ފިލްމުތަކުގައި ހަރަކާތްތެރިވެފައިވާ ރާއްޖޭގެ މަޝްހޫރު ކޮމީޑިއަން ޔޫސުފް ރަފީއު (ޔޫސޭ) އޭނާގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ، ޖޮނީއަކީ ވަރަށް ގާތް އެކުވެރިއެއް ކަމަށާއި އޭނާގެ ޑްރާމާތަކުގައި ވަރަށް ތަފާތު ރޯލްތައް އަދާކޮށްފައިވާ ހުނަރުވެރިއެއް ކަމަށެވެ.

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ސަރުކާރުގެ އިސް މަގާމުތަކެއް ފަހުން ފުރުއްވި ހުސެއިން ޝިހާބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖޮނީއަކީ ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާގައި ލެޖެންޑެއް ކަމަށާއި އޭނާއަށް ހެޔޮ ދުއާ ކުރާ ކަމަށެވެ.

މަޝްހޫރު ހިންދީ ކޮމެޑިއަން ޖޮނީ ލެވާ ކުޅޭފަދަ ރޯލްތައް ކުޅެ އޭނާގެ އެކްޓިން ސްޓައިލަށް ރޯލްތައް ކުޅޭތީ ޖޮނީގެ ނަމުން މަޝްހޫރު ހާރޫންއަކީ ގިނަ ބަޔަކު ބުނާގޮތުގައި، އާންމު ދިރިއުޅުގައި ވެސް އަބަދުވެސް ހިނިތުންވުމާއެކު މީހުންނާ ބައްދަލުކުރާ މީހެކެވެ.

Leave a comment

Your email address will not be published.