Thu, 28 May, 2020, 11:46 pm
ދުވަސްތަކަކަށްފަހު ޝަލަބީގެ އަސަރުގައި ޖައްސައިފި، މިފަހަރު ޤުރުއާން ކިޔެވުމުގެ ހުނަރުން
18

މޯލްޑިވިއަން އައިޑަލް އިން ވިދާލި ޝަލަބީ އަކީ ގިނަ ބަޔަކު ދަންނަ މޫނެކެވެ. ޝަލަބީގެ ލަވައެއްގެ އަޑު ނީވި ދުވަސްތަކެއް ފަހުން ޝަލަބީ އެންމެންގެ ހިތްތަކާއި މިފަހަރު ކުޅެލީ ޤުރުއާނުގެ އަޑުންނެވެ.

ޝަލަބީގެ އެ ރީތި ކިޔެވުމުގެ އަޑު އިވިގެންދިޔައީ، އޭނާގެ އަޑުން ކިޔާފައިވާ މަދަހަ އަލްބަމް، “ހިދާއީ ނޫރު 3” ލޯންޗް ކުރުމަށް މާގިރި ހޮޓެލްގައި އިއްޔެ ބޭއްވި ހަފްލާ ފެށުމުގެ ގޮތުން ޤުރުއާން ކިޔަވައިދިނުމުންނެވެ.

ޝަލަބީގެ ޤުރުއާން ކިޔެވުން: ވީޑިއޯ

ޝަލަބީ ޤުރުވާން ކިޔެވުމުގެ ހުނަރު ފެނިގެންދާ ވިޑީއޯއެއް ފޭސްބުކްގައި މިހާރު ދައުރުވަމުންދާއިރު، ލަވަތަކާއި މަދަހަތަކުގެ އަސަރުގައި ޖެއްސި މީހުން މިފަހަރު އޭނާގެ ޤުރުއާން ކިޔާވާ އަޑުގެ ޖާދޫގައި ހަމަ ޔަގީނުން ވެސް ޖައްސައިފިއެވެ.

އެގޮތުން އެ ވީޑިއޯ ފޭސްބުކާ ހިއްސާ ކުރިތާ 12 ގަޑިއިރު ނުވަނީސް އެ ވީޑިއޯ ބެލިމީހުންގެ އަދަދު 22،200 އަށްވުރެއް މައްޗަށް ވަނީ ގޮސްފައެވެ. އަދި 900 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ އެ ވީޑިއޯ ޝެއާކޮށްފައެވެ.

މީގެ ކުރިން ވެސް ޝަލަބީގެ ޤުރުއާން ކިޔެވުމުގެ އަސަރުގައި އެތައް ބަޔަކު ވަނީ ޖައްސައިފައެވެ. އެގޮތުން ހިދާއީ ނޫރުގެ ފުރަތަމަ އަލްބަމް ނެރުމަށް ޗަމްޕާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތު ފެށުމުގެ ގޮތުން ޤުރުއާން ކިޔެވީ ވެސް ޝަލަބީއެވެ. އެ ހަފްލާ ޝަރަފްވެރި ކޮށްދެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ އޭނާގެ ޤުރުއާން ކިޔެވުމުގެ ހުނަރަށް ތައުރީފު ކުރައްވައިފައެވެ.

ޝަލަބީގެ “ހިދާއީ ނޫރު” މަދަހަ އަލްބަމަކީ އޭނާގެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ފޭނުންނާ ހަމައަށް ގެނެސްދޭން ފެށި ހަދިޔާއެކެވެ. އެގޮތުން ޝަލަބީ ގެންދަނީ ކޮންމެ އަހަރަކުވެސް އޭނާގެ އަޑުން ރެކޯޑް ކޮށްފައިވާ މަދަހަ ސީޑީއެއް ނެރުމަށް މަސައްކަތް ކުރަމުންނެވެ.

އިއްޔެގެ ހަފްލާގައި ނެރުނު ހިދާއީ ނޫރުގެ ތިން ވަނަ އަލްބަމްގައި ވެސް ހިމެނެނީ ހައުސް އޮފް މިއުޒިކާއި ޝަލަބީ ގުޅިގެން ކިޔާފައިވާ ހުސް އަމިއްލަ ރާގުގެ މަދަހަތަކެވެ. ނަސްމާ އަބްދުލް މުހުސިނާއި އަހުމަދު ޝަރީފް ޅެން ހަދާފައިވާ ޖުމްލަ ހަތް މަދަހަ އެ އަލްބަމްގައި ހިމެނޭއިރު، އެ މަދަހަތައް މިހާރު ބައިސްކޯޕް އެޕްލިކޭޝަން މެދުވެރިކޮށް އަޑުއަހާލެވޭނެ އެވެ.

ޝަލަބީގެ ހިދާއީ ނޫރުގެ ދެ އަލްބަމަށް ވެސް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާއިރު، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެކިގޮތްގޮތުން ޝަލަބީ ވެދޭ އެހީއަށްވެސް ގިނަ ބައެއްގެ ލޮތްބާއި ތަރުހީބު އޭނާއަށް ދަނީ ލިބެމުންނެވެ.

Leave a comment

Your email address will not be published.