މުޙައްމަދު އިބްރާހިމް
21 June 2019
މަޤްބޫލު ޙަބަރު

ރާއްޖޭގައި ނަގާ ކިޔާ ބޮޑުބެރު ގުރޫޕެއް ކަމަށްވާ މަންދީރަ ބޮޑުބެރު ގުރޫޕް ލީޑް ކުރަމުންދިޔަ ތިން މެންބަރުން ކަމަށްވާ ނައުޝާދް ލަތީފް (ޒަރޭ)، އަބްދުﷲ މުރުޝިދް (ލާރާ) އަދި އަހުމަދު ވަލީދު (ފިއްޓެ) އެ ގުރޫޕުން ވަކިވެއްޖެ އެވެ.

އެ ތިން މެންބަރުން ވެސް މަންދީރަ ބޮޑުބެރު ގުރޫޕުން ވަކިވިކަން ހާމަ ކޮށްފައިވަނީ ކައިރި ކައިރީގައި ކުރި ފޭސްބުކް ޕޯސްޓްތަކެއްގަ އެވެ.

އެގޮތުން މަންދީރަ ބޮޑުބެެރު ގުރޫޕްގައި ހަތް ވަރަކަށް އަހަރު އުޅުނު އަދި އެ ގުރޫޕްގެ އެސިސްޓަންޓް މެނޭޖަރ އަކަށް ހުރި ފިއްޓެ ކުރި ޕޯސްޓުގައި ބުނެފައިވަނީ، މިއަދުން ފެށިގެން ބޮޑުބެރުގެ މަންދީރަ ގެ ކެރިއަރު ހުއްޓާލިކަން ދަންނަވާ ކަމަށެވެ.

މޯލްޑިވިއަން އައިޑޮލްއިން ބޮޑު މަގުބޫލު ކަމެއް ލިބުނު އެ ގުރޫޕުގައި ހަ ވަރަކަށް އަހަރު އުޅުނު ޒަރޭ ކުރި ފޭސްބުކް ޕޯސްޓުގައި ބުނީ، މަންދީރަ ބޮޑުބެރު ގުރޫޕާއެކު ކުރި ދަތުރަކީ އުފާވެރި ދަތުރެއް ކަމަށާއި ވަކިވާން ޖެހޭތީ ދެރަވާ ކަމަށެވެ.

އަދި މިއަދުން ފެށިގެން ބޮޑުބެރު ކެރިއަރު ނިންމާލަން ބޭނުންވާކަން ހާމަކޮށް ޒަރޭ ވަނީ އޭނާއަށް ލިބުނު ލޯތްބާއި ހިތްވަރަށް ޝުކުރު އަދާކޮށްފަ އެވެ.

“ޝުކުރިއްޔާ އަބްދުލް ރައްޒާގް ދޮމްބެ، ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ ބޮޑުބެރު ކެރިއަގުގައި މިހިސާބަށް ޒަރޭ އައުމުގެ އަސްލަކީ ހަމަ ދޮމްބެ، ވަރަށް ލޯބިވޭ،” މަންދީރަ ބޮޑުބެރު ގުރޫޕްގެ ބާނީ އަބްދުލް ރައްޒާގު (ދޮންބެ)އަށް ޝުކުރު އަދާކޮށް ޒަރޭގެ ފޭސްބުކް ޕޯސްޓުގައި ބުނެފައިވެ އެވެ.

އަށް އަހަރު ވަންދެން މަންދީރަ ބޮޑުބެރު ގުރޫޕްގައި އުޅުނު އަދި އެ ގުރޫޕްގެ މައި އެއް އަޑު އަދި ލާރާ ބުނީ، މަންދީރަ ބޮޑުބެރު ގުރޫޕް މަތިން މިސްވާނެ ކަމަށާއި ނަމަވެސް އެ ގުރޫޕާއެކު ހޭދަކުރި ދުވަސްތަކަކީ އުފާވެރި ދުވަސްތަކެއް ކަމަށެވެ.

ނަމަވެސް މި ތިން މެންބަރުން މަންދީރަ ބޮޑުބެރު ގުރޫޕުން ވަކިވި ސަބަބެއް ހާމަ ކޮށްފައެއް ނުވެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©