Thu, 28 May, 2020, 11:31 pm
“ދިރިއުޅުމަކީ މިއީބާ؟” ގެ ހެވީ މެޓަލް ކަވަރ: ޔޫސޭ ވެސް ކޮސް ވެއްޖެ
122

ބައެއް މަޝްހޫރު ލަވަކިޔުންތެރިންގެ ލަވަ ތަކުގެ ކަވަރ ހެދުމަކީ ދިވެހި އާޓިސްޓުން ވެސް ކޮށް އުޅޭ ކަމެކެވެ. ހާއްސަކޮށް ނައިފަރު ދޮހޮއްކޮ އާއި ޖޭމު ދޮންކަމަނަ ފަދަ ކުރީގެ މަޝްހޫރު ބައެއް ލަވަކިޔުންތެރިންގެ ލަވަތަކަށް މިހާރުގެ ޒުވާން ލަވަކިޔުންތެރިންގެ އަޑުން ގެނެސްދީފައި އެބަ ހުއްޓެވެ.

ނަމަވެސް ދިވެހި މިއުޒީޝަނުންގެ ފަރާތުން އިންސްޓުރުމެންޓަލް ކަވަރ ހަދާ އުޅޭތަން ވަރަށް ނުފެނެ އެވެ. ނޫނީ އެކަން ކޮށް އުޅެނީ މަދު ބައެކެވެ. އޭގެ ތެރެއިން ވެސް އެކަމުގައި ތަފާތު ދައްކަމުން އަންނަ އެއް ފަންނާނަކީ ރާއްޖޭގެ ހުނަރުވެރި ގިޓަރިސްޓް އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެވެ.

ގިޓަރ، ބޭސް ގިޓަރ، ކީބޯރޑް އަދި ޑްރަމް ކުޅެން ދަންނަ އަދި ހެވީ މެޓަލްގައި ރާއްޖެ އާއި ބޭރު ދުނިޔޭގައި ވެސް ވިދަމުން އަންނަ ޝަހީދު މިފަހަކަށް އައިސް ރިކޯޑް ކުރަމުން އަންނަ ދިވެހިންގެ މެދުގައި މަގުބޫލު ބައެއް ލަވަތަކުގެ އިންސްޓްރުމެންޓަލް ކަވަރ އަކީ ދިވެހިންގެ ތެރޭގައި ހިޓެކެވެ. އެ ކަވަރ ބޯތަޅުވާ ނުލައި ނުހުރެވޭނެ އެވެ.

އެގޮތުން ދިވެހިގެ މެދުގައި މިހާރު ވެސް މަޝްހޫރު ބައެއް ލަވަތަކުގެ ތެރެއިން “ހިތް އެދޭހާ ކަމެއް”، “އޯ ވަޒަަން”، ނައިފަރު ދޮހޮއްކޮބެ ގެ “ޖާޒުބީ އަސަރުގަދަ” އަދި މިފަހުން މަޝްހޫރު ވެގެންދިޔަ “ކުދި ޖަޒީރާ” އަދި “ފެހި ފެހި އާޒާދީ” ފަދަ ލަވަތަކުގެ ހެވީ މެޓަލް ކަވަރ ތަކުން އެ ލަވަތަކަށް އިތުރު ޖޯޝެއް ޝަހީދު ވަނީ ގެނެސްދީފަ އެވެ.

ޝަހީދް ލެގަސީ އެންމެ ފަހުން ގެނެސްދިން އިންސްޓްރުމެންޓަލް ކަވަރ އަކީ މަޝްހޫރު ކޮމީޑިއަން ޔޫސުފް ރަފީއު (ޔޫސޭ) ގެ “ދިރިއުޅުމަކީ މިއީބާ”ގެ ތީމް ރާގެވެ.

ރާއްޖޭގެ އެންމެންގެ މަގުބޫލްކަން ހޯދާފައިވާ އެ ޑްރާމާ ސީރީޒްގެ ބައެއް މަންޒަރުތައް ލައިގެން އެ ކަވާގެ ވީޑިއޯއެއް ޓުވިޓަރަށް ދޫކޮށްލާފައިވާއިރު ޝަހީދުގެ ހުނަރުވެރި ކަމަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ.

އެ ކަވަރ އެންމެ ގަޔާވި އެކަކީ ވެސް ކޮމީޑިއަން ޔޫސޭ އެވެ. ޝަހީދު ލެގަސީގެ ކަވަރ ރިޓުވީޓް ކޮށް ޔޫސޭ ބުނެފައިވަނީ، އޭނާގެ ކޮސް ވެއްޖެ ކަމަށެވެ. އަދި ޝަހީދު ލެގަސީ އަށް ވަނީ ޝުކުރު އަދާ ކޮށްފަ އެވެ.

މި ހިސާބުން ކިޔުންތެރިންނަށް ވެސް މި ކަވަރ ދޫކޮށްލާ ނަމެވެ.

“ދިރިއުޅުމަކީ މިއީ ބާ؟” އަކީ ދިވެހި މުޖުތަމައުގައި ހުންނަ އެކި އެކި މައްސަލަތަކާއި ގުޅިގެން މުޖުތަމައު ހޭލުންތެރި ކުރުވުމަށް ޔޫސޭ އުފައްދަމުން އަންނަތާ 40 ވަރަކަށް އަހަރުވެފައިވާ ރާއްޖޭގެ އެންމެ މަޝްހޫރު ޑްރާމާ ސީރީޒް އެކެވެ.

ޝަހީދު އެއްމެ ފުރަތަމަ ބޭންޑަކާ އެކު މިއުޒިކީ ދާއިރާއިން ފެނިގެން ދިޔައީ 2004 ވަނަ އަހަރުއެވެ. ނަމަވެސް ޝަހީދުގެ ތަރި އެއްމެ ބޮޑަށް “މެޓަލް” މިއުޒިކަށް ލޯބިކުރާ ދިވެހިންނަށް ފާޅުވެގެން ދިޔައީ 2006 ވަނަ އަހަރު ޝަހީދު އުފެއްދި ބޭންޑް “ޝަހީދް ލެގަސީ”އާ ހިސާބުންނެވެ.

Leave a comment

Your email address will not be published.