Fri, 29 May, 2020, 12:33 am
އިސްލާމްދީނާ ދުރުވެވޭތީ “ޑަންގަލް”ގެ ތަރި ޒައިރާ ފިލްމު ކުޅުން ހުއްޓާލައިފި
470

ފިލްމީ ދާއިރާގައި މަސައްކަތްކުރާތީ އިސްލާމްދީނާއި އޭނާގެ އީމާންތެރިކަމަށް ހުރަސް އެޅޭތީ، ފިލްމު “ޑަންގަލް”ގެ ތަރި ޒައިރާ ވަސީމް ފިލްމު ކުޅުން ހުއްޓާލައިފި އެވެ.

ފިލްމު ކުޅުން ހުއްޓާލިކަން ހާމަކޮށް އާމިރް ހާނާ އެކު “ޑަންގަލް” އާއި “ސީކްރެޓް ސްޕަސްޓާ” ފަދަ ފިލްމްތަކުގައި މަސައްކަތްކޮށްފައިވާ ޒައިރާ ވަސީމް، އޭނާގެ ސޯޝަލް މީޑިއާގައި ކުރި ދިގު ޕޯސްޓެއްގައި ބުނީ، ފިލްމީ ދާއިރާއަށް ވަނުމަށް އޭނާ މީގެ ފަސް އަހަރު ކުރިން ނިންމި ނިންމުމަކީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ނިންމުމެއް ކަމަށެވެ.

އެގޮތުން އޭނާ ބޮލީވުޑަށް އެޅި ފުރަތަމަ ފިޔަވަޅުން ވެސް ބޮޑު މަޝްހޫރު ކަމަކަށް ދޮރު ހުޅުވިގެން ގޮސް، މުޖުތަމައުގެ ސަމާލުކަން އޭނާއަށް ލިބެން ފެށި ކަމަށާއި އަދި އޭނާއަކީ ކާމިޔާބީ އާއި ޒުވާނުންގެ ރޯލް މޮޑެލް އެއް ކަމަށް ބަަލައިގަންނަން ފެށި ކަމަށެވެ.

އެހެން ނަމަވެސް އެ ކަންކަމަކީ އޭނާ ހާސިލް ކުރަން ނުވަތަ ކުރަން ބޭނުންވި ކަންކަމެއް ނޫން ކަމަށް އުމުރުން 18 އަހަރުގެ ޒައިރާ ބުނެފައިވެ އެވެ.

ކަޝްމީރަށް އުފަން ޒައިރާގެ ޕޯސްޓުގައި އިތުރަށް ބުނީ، މީގެ  ދުވަސްތަކެއް ކުރިން، އެހެން މީހަކަށް އޭނާ ބަދަލުވާން ވަރަށް އުދަނގުލުން އުޅޭކަމުގެ އިހުސާސެއް ކުރެވުނު ކަމަށެވެ.

އަދި އޭނާ ވަގުތު ހޭދަކުރި ގޮތާއި މަސައްކަތާއި އަދި މުޅިން އާ ލައިފްސްޓައިލް އަކަށް އުޅެން އޭނާ ކުރި މަސައްކަތް ހޯދައި ވިސްނައިގަންނަން ފެށުމުން ފިލްމީ ދާއިރާއަށް އޭނާ ފިޓް ވިޔަސް، އޭނާއަކީ މި ދާއިރާއަށް ނިސްބަތްވާ މީހެއް ނޫންކަން އިހުސާސް ކުރެވުނު ކަމަށް ބުނެފައިވެ އެވެ.

“ކޮންމެއަކަސް މި ދާއިރާއިން އެތައް ލޯތްބަކާއި ހިތްވަރެއް އަދި އަހަރެންގެ މަސައްކަތަށް ތައުރީފު ވެސް ލިބުނު. ނަމަވެސް އެކަންކަމާއެކު ސިއްރުގައި އަދި ނޭނގުމެއްގެ ތެރޭގައި އަހަރެންގެ އީމާންތެރިކަމާ އަހަރެން ދުރުވާން ފެށި. އަހަރެންގެ އީމާންތެރިކަމަށް ހުރަސް އެޅޭ މާހައުލެއްގައި އަބަދު މަސައްކަތް ކުރަން ޖެހުމުން، އަހަރެންގެ ދީނާ އޮތް ގުޅުމަށް ނުރައްކާވި،”

އަދި އޭނާ ކުރާ މަސައްކަތަކީ ރަނގަޅު އަދި އެކަމުން އޭނާއަށް ނޭދެވޭ ބަދަލުތަކެއް ނާންނަ ކަމެއް ނިންމައި އެކަމަށް ސަމާލުކަން ނުދީ ކުރިއަށް ދިއުމުން އޭނާގެ ހަޔާތުގެ ބަރަކާތް ކެނޑިފައިވާ ކަމަށް ޒައިރާ ބުނެފައިވެ އެވެ.

ޒައިރާ ބުނީ، އޭނާއަށް ފުދުންތެރިކަމާއި ސުލްހަ ގެނެސްދިނީ މާތްﷲ ބާއްވަައިލެއްވި އެންމެ މަތިވެރި ކީރިތި ޤުރުއާނުން ކަމަށެވެ. ހެއްދެވި ފަރާތުގެ އިލްމު ލިބޭ ކޮންމެ ހިތަކަށް ސަލާމަތްތެރިކަން ވެރިވެގަންނާނެ ކަމަށާއި އެގޮތުން އޭނާގެ އަމިއްލަ ގަބޫލުކުރުންތަކުގެ ބަދަލުގައި އޭނާއަށް ހިދާޔަތް ދެއްވުން އެދި މާތް ﷲގެ ރަހްމަތްވަންތަ ކަމަށް އޭނާ އެދިއެދި ހުރި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

“އެންމެންނަށް އަހަރެން ދޭނެ އިހްލާސްތެރި ނަސޭހަތަކީ، އީމާންތެރިކަމުގެ ނޫރު ނުވަތަ ތިމާގެ ސަލާމަތްތެރިކަން ނަގާލުމަށްފަހު ލިބޭނެ އެއްވެސް މިންވަރެއްގެ ކާމިޔާބެއް، މަޝްހޫރު ކަމެއް، ބާރެއް އަދި މުއްސަނދިކަމެއް ނޯންނާނޭ،” ޒައިރާގެ ޕޯސްޓް ނިންމާލަމުން ބުނެފައިވެ އެވެ.

Leave a comment

Your email address will not be published.