Sun, 29 March, 2020, 1:49 pm
އޮސްޓްރޭލިއާއަށް ކްރިސް ހެމްސްވޯތްގެ ފަރާތުން 1 މިލިއަން ޑޮލަރުގެ އެހީއެއް!

އޮސްޓްރޭލިއާގެ ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް އެއް މިލިއަން ޑޮލަރުގެ އެހީއެއް ދޭން އެގައުމުގެ މަޝްހޫރު ފިލްމީ ތަރި، ކްރިސް ހެމްސްވޯތު ނިންމައިފިއެވެ.

ހަނަފަސްކަމާއި ހޫނުމޫސުމުގައި އޮސްޓްރޭލިއާގައި އަބަދުވެސް ޖަންގަލިތަކުގައި ރޯވެއެވެ. އެކަމަކު މި އަހަރު އެ އެނދުން އާދަޔާ ހިލާފަށް ވަނީ ބޮޑުވެފައެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ހުއްޓުމެއް ނެތި އަނދަމުންދާ އަލިފާންގަނޑުގައި އެތައް ބަޔަކު ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ.

އޮސްޓްރޭލިއަން ވައިލްޑްފަޔާ ރިލީފް އެފާޓްސް އަށް އެއް މިލިއަން ޑޮލަރުގެ އެހީއެއް ދޭނެކަން އިއުލާންކޮށް ހެމްސްވޯތު ކުރި އިންސްޓަގުރަމް ޕޯސްޓެއްގައި ބުނީ، އޮސްޓްރޭލިއާގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު އަލިފާންގަނޑު އަދިވެސް ރޯވެ ފެތުރެމުންދާ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތީ ވެސް ގޮންޖެހުންބޮޑު ދުވަސްތަކެއް ކަމުން ހެމްސްވޯތު ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި ފޭނުންނަށް ވެދެވެން އޮތް އެހީއެއް ވެދިނުމަށް ގޮވާލައިފައެވެ.

ސީބީއެސް ނޫހުގައި ބުނެފައިވާ ގޮތުން، އޮސްޓްރޭލިއާގައި އަނދަމުންދާ އަލިފާންގަނޑުގެ ސަބަބުން އެގައުމުގެ 12.35 މިލިއަން އޭކަރުގެ ސަރަހައްދެއް ވަނީ އަނދައި ހުލިވެފައެވެ. އަދި އަލިފާނުގައި 1400 އަށްވުރެ ގިނަ އަދާފައިވާއިރު 23 މީހުން ވަނީ މަރުވެފައެވެ. އަދި ބައި މިލިއަނަށްވުރެ ގިނަ ޖަންގަލި ޖަނަވާރު މަރުވެފައިވާ ކަމަށް ވަނީ ބެލެވިފައެވެ.

ކްރިސް ހެމްސްވޯތުގެ އިތުރުން ވެސް ގިނަ އަދަދެއްގެ ސެލެބުރިޓީސް ގެންދަނީ އެމީހުންގެ ޕްލެޓްފޯމްތައް ބޭނުން ކޮށްގެން އޮސްޓްރޭލިއާ އަލިފާންގަނޑުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Leave a comment

Your email address will not be published.