Tue, 7 April, 2020, 5:32 pm
ދަތުރު – 1

ފެންނަމުންދިޔައީ ކަނު އަދިރިކަމެވެ. ގެނބެނީއެވެ. ފަތަން ނޭނގޭ ހާލު، މީހާ ރާޅުތަކާއެކީ ގެންދަނީ ކޮން މިސްރާބަކަށް ކަމެއްވެސް ނޭނގެއެވެ. ލޮނުބޮވި ކޮށިއަރައިގެން މީހާގެ ނޭވާ ހާސްވާން ފެށިއެވެ. “މަންމާ!”. ސިއްސައިގެން ގޮސް ހޭލެވުނުއިރު ކައިރީގައި ދިރިހުރި ފުރާނައެއްގެ ހިލަމެއް ވެސް ނެތެވެ. އަމިއްލަ މީހާ ނޭވާލާ އަޑު ނޫން އިތުރު އަޑެއް ކޮޓަރިތެރެއަކުން ނީވެއެވެ. ހަށިފުރާ ނޭވާއެއްލުމަށްފަހުގައި، އެނދުގެ ބޯލާ ކޮޅުގައި ދެފައިވަށްކޮށްގެން އިށީނީމެވެ.

ކުޑައިރުން ފެށިގެން އަހަރެންނަށް ފެންނަ ހުވަފެންތަކަކީ ހަޤީޤަތެއް ކަމާމެދު ކުރެވޭ ސުވާލުތައް އެރޭވެސް އަމިއްލަ ނަފްސާ ކުރީމެވެ. “އަހަރެންނަށް މިހާރު މިކަން އާދައަކަށް ވެއްޖެ. އެއް ކަހަލަ ހުވަފެންތަކެއް އަބަދު ފެންނަނީ ކީއްވެގެން ބާ!. އަހަރެންގެ މާޒީއަކީ ކޮބައިބާ؟. އަހަރެންނަށް ވީ ކިހިނެއްބާ؟ އުހުނ!. މިއީ ބިލާހެއް. ނޫން ނޫން. މިއީ ހަޤީޤަތެއް. ޕިސް އެކަމަކު ވެސް!.” ވިސްނުމުގެ ދުނިޔެއަށް ގެއްލިފައި އިންދާ ކޮޓަރީގެ ކުޑަދޮރުން ޖެހެލި މަޑު ވައިރޯޅިއައިސް، މޭޒުމަތީގައި ހުޅުވިފައި އޮތް ފޮތުގެ ގަނޑުތަކުގައި ވިހުރެލިއެވެ. ހީވީ ވާހަކައެއް ބުނި ހެންނެވެ.

ހިތަށް އެރިއެވެ. އަހަރެންނަށް ހުވަފެނެއް ފެންނަ ކޮންމެ ފަހަރަކު އަމިއްލަ ނަފްސަށް ވިސްނައިދޭން މަޖުބޫރުވަނީ އަހަރެންނަކީ ކާކު ކަމެވެ. އެތައް ބައެއްގެ އިޙުސާސްތަކާއި ޖަޒުބާތުތަކާއި ކުޅެލުމަކީ އަހަރެންނަށް ފެންފޮދެއް ބޯލުންހާ ފަސޭހަ ކަމެކެވެ. ވާހަކަލިޔުންތެރިއެއްގެ ހައިސިއްޔަތުން އަހަރެން ނުދަންނަ މީހެއް މިފުރަ މާލޭގައި ކީއްކުރަން ހެއްޔެވެ، މުޅި ރާއްޖޭގައި ވެސް ނޫޅޭނޭ ބުނުމަކީ ކުށަކަށް ނުވާނެއެވެ. އަހަރެންގެ ދިރިއުޅުން ބިނާވެފައިވަނީ ގޮނޑީގައި އިށީންދެލައިގެން އެ ލިޔާ އަކުރުތަކުގެ މައްޗަށް ކަމުގައިވާނަމަ، އެފަދަ ހުވަފެންތައް ފެނުމަކީ ވެދާނެ ކަމެއްގެ ގޮތުގައި އަހަރެން އައީ ޤަބޫލު ކުރަމުންނެވެ. އަހަރެންގެ ޚިޔާލީ ދުނިޔެއާއި ވާހަކަލިޔުމާއި ވަނީ ގުޅިލާމެހިފައެވެ. ތަކުރާރުކޮށް މިގޮތަށް ކޮންމެ ރެއަކުހެން ކުރެވޭ ޚިޔާލުތަކާއެކު ނިދުމަކީ އަހަރެންގެ ދިރިއުޅުމުގެ އެއް ބައެވެ. އިންސާނުންނަކީ އާދަތަކަށް ނިކަން ފަސޭހައިން ހޭނޭބައެކެވެ.

އަހަރެންނަށް ދެވަނަ ފަހަރަށް ހޭލެވުނީ ފަތިސް ނަމާދުގެ ހިތްގައިމު ބަންގީގެ އަޑަށެވެ. އަހަރެންގެ ދުވަސް ފެށޭ ހިސާބަކީ އެއީއެވެ. ނަމާދުކޮށް އަވަދިވެގެން، ބަނޑުގައި ކެކިއުތުރި އަރަމުންދިޔަ ހައިހޫނުކަން ފިލުވާލަން ބަދިގޭގެ ހޮޅިގަނޑު ދިއްލާލީމެވެ. ގެއަކީ ދެމަފިރިން އުޅޭ ގެއެއްކަން، ގެއަށް ވަންނަ މީހަކަށް އިހުސާސްވާނީ ބަދިގޭގައި ދެ ސެޓަށް އަތުރާފައި ހުންނަ ތަށިތަކުންނެވެ. ނަމަވެސް ގިނަ ފަހަރު އެތަނުން ބޭނުމެއް ޖެހެނީ އެންމެ ތަށި ސެޓެއްގެއެވެ.

އަހަރެންގެ މާޒީއެއް ހަނދާނެއް ނެތެވެ. އަހަރެންގެ މާޒީ އާއި ގުޅޭގޮތުން މައިންބަފައިންނާއި މުޢާމަލާތްކުރާ ކޮންމެ ފަހަރަކު ލިބެނީ އެންމެ ޖަވާބެކެވެ. “ދަރިފުޅާއެވެ. މާޒީ ހަތްކަފުން ލާފައި ވަޅުލާށެވެ. ތިޔައީ އަހަރެމެންގެ ނަސީބެވެ.” މަންމަ އާއި ބައްޕަ ދުނިޔެއިން ވަކިވެގެން ދިޔައީ އެ ދެމަފިރިންގެ މިލްކިއްޔާތުގައި ހުރި ހަތް ބުރީގެ އިމާރާތާއި ރެސްޓޯރެންޓް އަހަރެންނަށް ހިބައިން ހަދިޔާ ކޮށްފައެވެ. ފެންވަރުގެ ގެއެއްގައި އުޅެވުނަސް، އަދި ކުރާ މަސައްކަތް ބަލައިގަންނަ އެތައް ބަޔަކު ތިބި ނަމަވެސް، ދިރިއުޅުމުގެ މާނަ އަހަރެންނަށް ވަނީ ގެއްލިފައެވެ. ލޯބިން ފެށުނު ޒަވާޖީ ހަޔާތް ހިނގަމުން ދިޔައީ ފަހަތަށެވެ. ބޯ ޖަންގައްޔެއްގެ ތެރެއިން، އަލިމަގެއް ފެނޭތޯ ކޮށަމުން ދިޔަ ގަސްތައް ކޮށާކޮށާ ވަރުބަލިވުމުން، އަމިއްލަ ނަފްސު ފޮތްތަކާއި ގަލަމުގެ ދުނިޔެއަށް ވެދުންކުރީމެވެ.

އެވަގުތު އެޕާޓްމަންޓްގެ ދޮރު ހުޅުވުނެވެ. ” ހޭ ރާޔާ!. އައިމް ބެކް!.” ފިރިމީހާގެ ވިޔަފާރި ދަތުރު ނިންމާފައި ގެއަށް އަންނަ ކޮންމެ ފަހަރަކު އެ ޖުމަލް ތަކުރާރުވެއެވެ. އާކަމަކަށް ނުވާހާލު، ފުން ނޭވާއެއް ލުމަށްފަހުގައި ހީލީމެވެ. “ދަތުރު ކިހިނެއް؟” މަޑުގިނި ރާގަކަށް އަހަރެން އަހާލީމެވެ. “ވަރަށް ކާމިޔާބު. އަހަރެންގެ ޕްރޮޕޯޒަލް އެމީހުންނަށް ވަރަށް ކަމުދިޔަ. ހީވަނީ މިފަހަރު އެމީހުން ހިތްހަމަޖެހޭ ވަރަށް ކޮންވިންސް ކޮށްދެވިއްޖެހެން.” އަތުގައި އަޅާފައި އޮތް ގަޑިއަށް ބަލާމުން ޒިވާމް ޖަވާބުދިނެވެ. އޭނާ އިސްއުފުލައި އަހަރެންނާއި ދިމާލަށް އެންމެ ފަހަރަކު ވެސް ބަލާނުލައި ދަބަސް ހިފައިގެން އޭނާގެ ކޮޓަރިއަށް ވަނެވެ. އަހަރެމެންގެ ކައިވެންޏަށް 5 އަހަރުވެގެން ދިޔައީ މިފަދަ ގޮތަކަށެވެ. ޙަޤީޤަތަކީ އަހަރެމެންގެ ކައިވެންޏަކީ ކަރުދާހެއްގައި ލިޔެފައި އޮތް ކޮންޓްރެކްޓެކެވެ.

ޚިޔާލީ ފޮލާ އެއްފަރާތް ކޮށްލުމަށްފަހުގައި، ސައިބޮއެ ނިމިގެން ރެސްޓޯރެންޓަށް ދިއުމަށް ތައްޔާރުވީމެވެ. އަހަރެންގެ ދުވަސް ހޭދަވެގެންދަނީ އެތަނުގައެވެ. ނުވަތަ ވާހަކަ ލިޔުމުގައެވެ. މިދުވަސްވަރަކީ އަހަރެން އެންމެ ފަހުން ލިޔުނު ވާހަކަ ޝާޢިއު ކުރުމަށްފަހު އެކަމުން ބޮޑު ޗުއްޓީއެއް ނަގައިގެން އުޅޭ ދުވަސްވަރެކެވެ. ސަބަބަކީ އަހަރެންގެ ވާހަކަލިޔުމުގެ ދަތުރު ނިންމާލުމުގެ ވިސްނުން ސިކުނޑީގައި އެނބުރޭތީއެވެ. އަހަރެންގެ ކެރިއަރުގެ އެންމެފަހު ވާހަކަ ލިޔަން ބޭނުމީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށެވެ. މިކަމާއި ގުޅިގެން ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކާއި ބައްދަލުކޮށް މުޢާމަލާތް ކުރެވެއެވެ.

އެގޮތުން މިއަދަކީ ވެސް ހިތްހަމަޖެހޭ ކަހަލަ ވާހަކައެއް ލިބޭނެކަމުގެ އުއްމީދުގައި އަހަރެން މީހަކާއި ބައްދަލުކުރާ ދުވަހެކެވެ. ރެސްޓޯރެންޓްގެ ކަންކަން ހުރިނެތްގޮތް ބެލުމަށްފަހުގައި، ކޮފީއެއް ގިރައިގެން ރެސްޓޯރެންޓްގެ އޭސީ ބައިގައި މަޑުކޮށްލީމެވެ. ގަޑިން ދިހައެއް ޖެހުމާއެކު ފޯނަށް މީހަކު ގުޅިއެވެ. ގުޅީ އަހަރެން ބައްދަލުވާން ހަމަޖެހިފައި އޮތް މީހާއެވެ. ރެސްޓޯރެންޓް ހުންނަތަން ކިޔައިދެވުނުތާ މާގިނައިރު ތަކެއްނުވެ އެމީހާ އެތަނަށް އައެވެ.

“އިށީންދެ! އިށީންދެ!.” އޭނާ އެތެރެއަށް އައިސްވަނުމުން އާދައިގެ މަޑުމައިތިރި ރާގެއްގައި، ކުރިމަތީގައި ހުރި ގޮނޑި ދެއްކުމަށްފަހު އިށީނުމަށް ބުނީމެވެ. “އަޅުގަނޑަށް ކިޔަނީ ރަހީފް. މިވީހާތަނަށް ރާޔާ ލިޔުނު ހުރިހާ ވާހަކައެއް ވެސް އަޅުނގަޑު ވަރަށް ޝައުޤުވެރިކަމާއެކުގައި ކިޔައިފިން. ރައްޓެއްސެއްގެ ފަރާތުން އެނގުނީ ރާޔާ ހަޤީޤީ ވާހަކައެއް ހޯދަން އުޅޭކަން. ޓްވިޓަރ ޕޯސްޓެއް އަޅުނގަޑެއް ނުއެއް ދެކެން.” ރަހީފް އިށީންނަމުން ވާހަކަދެއްކިއެވެ. “ހިހި!. އަޅުގަނޑު ކިޔައިގެން ވާހަކަދެއްކީމައި ތަންކޮޅެއް އުނދަގޫ. އެއްޗެއް ގެންނަންވީނު.” ކޮފީތަށިން ކޯވަރެއް ބޯލަމުން އަހަރެން ވާހަކަދެއްކީމެވެ. ” އޯހ! ސޮރީ ސޮރީ!. މައްސަލައެއް ނެތް. އެކަމަކު މިވަގުތު އެއްވެސް އެއްޗެއް ބޯހިތެއް ނެތް. އެހެން ފަހަރަކުން. ރާޔާ ރޫހާނީ ކަންކަން ޤަބޫލުކުރަންތަ؟.” ރަހީފް ފުރަތަމަ ވެސް ކުރީ ސުވާލެކެވެ.

“އާ ކުރަން. އެއީވެސް ހަމަ މި ދުނިޔެމަތީ ލައްވަވާފައިވާ ބައެއް.” އަހަރެން ބުނީމެވެ. “މިހެން މި އަހާލީ މިޒަމާނުގައި ބައެއް މީހުން އެކަހަލަ ކަންކަން ޤަބޫލުނުކުރާތީ. އަސްލު މިއީ އަހަރެން ވެސް އަޑުއަހާފައި އޮތް ތޯތޯ ވާހަކައެއް. އެކަމު ޤަބޫލުކުރެވޭ ކަންތައްތަކެއް އެބަހުރި. އެހެންވެ ހިތަށްއެރީ ރާޔާއާ ހިއްސާކޮށްލާނިއްޔޭ. އެއީ މީގެ ފަނަރަވަރަކަށް އަހަރުކުރިން ހއ. ތުރާކުނުގައި ހިނގާދިޔަ ކަމެއް. އެއް އާއިލާއަކުން، އެއް ދުވަހެއްގައި އެއް ވަގުތެއްގައި ތިން މީހުން މަރުވީ. އަދިއަދަށް ވެސް ހަޤީޤަތް ހޯދިފައިއެއް ނެތް. ފުލުހުން އެތައް ތަހުޤީޤެއް ކުރި. ހަށިގަނޑުތައް ވެސް ހޯދިފައެއް ނެތް. މޮޅު ކަމަކީ އެރަށު މީހަކު ހަނދާން ވެސް ނުހުރެ މިވާހަކަތަކެއް. އެކަމަކު އެކަކަށް އެނގޭ ކަމަށް ތުންތުންމަތިން ކިޔާ. އެކަމަކު އޭރުގައި ފުލުހުން ސުވާލު ކުރުމުން އޭނާ ވެސް ބުނީ ނޭނގެއޭ. ދެން މިހާ ޒަމާންވީމަ އެރަށު މީހުން ހަނދާނެއް ވެސް ނުހުންނާނެތާ. އަހަރެންވެސް އެރަށަށް ދިޔަ ފަހަރެއްގައި ރަށުގެ ހޮޅުއަށީގައި މުސްކުޅި ބޭބެމެންނާއެކު ދެކެވެނު ވާހަކައެއްގެ ތެރެއިން މިކަން އެނގުނީ. ބޭބެމެން ބުނާގޮތުގައި އެއީ ކަނޑުވެގެން އެރަށަށް ލެއްގި ބައެއް.”

ރަހީފްގެ ވާހަކަ މިހާ ހިސާބަށް ދިޔަތަނާހެން ހަމަ ކުއްލިއަކަށް އަހަރެންގެ ބޮލުގައި ރިއްސަން ފެށިއެވެ. އަދި ފެންނަ ހުވަފެންތައް މަތިން ހަނދާންވާން ފެށިއެވެ. ދެލޯ މަރައި ތަގުޅިކޮށްލިތަނާއި ހީވީ މީހަކު ކަރުގައި ހިފައި ފިތާލިހެންނެވެ. ތެޅިގަނެފައި ދެލޯ ހުޅުވައި ބަލައިލިއިރު ރަހީފެއް ނެތެވެ. މީހެއްގެ ހިލަމެއް ވެސް ނެތެވެ. އަހަރެން ދުވެފައިގޮސް ބޭރަށް ނިކުތީމެވެ. މުޅި ރެސްޓޯރެންޓްތެރެ ބަލައި ހޯދީމެވެ. އެވަގުތު ތިބި ބައެއްގެ ކައިރިން ރަހީފުގެ ސިފަ ކިޔައިދީ އެކަހަލަ މީހެއް ފެނުނުތޯ ސުވާލުކުރީމެވެ. އެއްވެސް މީހަކަށް ނުފެނެއެވެ. އަހަރެން ހުރިތަނަށް ހުއްޓުން އެރިއެވެ. ކުއްލިއަކަށް މީހަކު ފަހަތުން އައިސް އަހަރެންނަށް ގޮވާލިއެވެ. “ރާޔާ!.” ފަހަތަށް އެނބުރި ބަލާލިއިރު ރަހީފް ރެސްޓޯރެންޓަށް ވަދެގެން އަންނަނީއެވެ. “މަޢާފުކުރައްވާ!. ވަރަށް ލަސްވެއްޖެ ދެއްތޯ؟. ޓްރެފިކް ބާރުބޮޑުކަމުން ގަޑިއަށް ނާދެވުނީ.” ރަހީފްގެ މި ޖުމްލައިން އަހަރެން ގަބުވިއެވެ. މިވީ ކިހިނެއް ހެއްޔެވެ؟…

(ނުނިމޭ)

ހިޔާލު ފައުޅުކުރައްވާ

    މީ ވަހަކައަކީ ކާކު ލިޔުނު ވާހަކައެއްތަ ހަދަހާ ރިއްޗޭ މިވާހަކަ ހަމަ އަސްލުވެސް ދޮގެއްނޫން މީކި

Leave a comment

Your email address will not be published.