Tue, 7 April, 2020, 5:51 pm
ދަތުރު – 2

ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުން އަހަރެންގެ ހިތްހުއްޓޭވަރު ވިއެވެ. އިންސާނެއްގެ ހިތަށް ސިހުން ލިބޭނީ މިވަރަކަށެވެ. އަހަރެން ހުއްޓުން އަރާފައި ހުރުމުން، ރަހީފް އަހަރެންގެ ކޮނޑުގައި މަޑުމަޑުން ހިފައި ތަޅުވާލިއެވެ. “ރާޔާ! ރާޔާ!”.  ހުރެވުނުތަން ވެސް އަހަރެންނަށް އިހުސާސްވީ އެހިސާބުންނެވެ. “އަނ، އެއީ؟ އެތަނުގައި!. ކާ..ކާކު.” އަހަރެންގެ އަނގައިން ފުރިހަމަ ޖުމްލައެއް ވެސް ނުނިކުތެވެ. “ރާޔާ ކިހިނެއްތޯވީ؟ މީ ރަހީފަކީ. އަޅުގަނޑަށް ރަހީފު ކިޔަނީ!.” އޭނާ ތައާރަފުވިއެވެ. “އޯ..އާ އާ!. ސޮރީ ސޮރީ!. ވަރަށް ދެކެފަރިތަ މޫނަކާ ވައްތަރު. އެހެންވެ އިރުކޮޅެއްވަންދެން އަނގައިން ބަހެއް ނުކިޔާ ހުރެވުނީ.” މަދު ސިކުންތުކޮޅެއް ކުރިންކަން ހިނގި ގޮތް އަހަރެން ސިއްރުކުރީމެވެ.” ރަހީފް!. ހިނގާ އެތެރެއަށް ވާހަކަދައްކާލަން.” އަހަރެން ލޮލުގެ އިޝާރާތުން އެތެރެއަށް ހިނގައިގަތުމަށް އެދުނީމެވެ.

އަހަރެންނަށް އަނެއްކާ ވެސް ލިބުނީ އިތުރު ހައިރާން ކަމެކެވެ. ހަމަ އެވާހަކައެވެ. އެ ޖުމްލަތަކެވެ. ވާހަކަދެއްކުމުގައި ވެސް އެއްވެސް ތަފާތެއް ނެތެވެ. ހިގަމުން މި އަންނަނީ ވަރަށް ގޯސް ކަންތައްތަކެއްކަން ޔަޤީންވާން ފެށިއެވެ. ނަމަވެސް އަހަރެން ކަމުގެ ހަޤީޤަތް ބަލަން ޝައުޤުވެރިވިއެވެ. ކުއްލިއަކަށް ލޯ ކުރިމަތިން މީހަކު ގެއްލުމަކީ އާދައިގެ ކަމެއް ނޫނެވެ. “އަޅުގަނޑު ނުކިޔަސް މައްސަލައެއް ނެތް. އަހަރެންނަށް ވަރަށް ގިނަ މީހުން އާދަޔާ ހިލާފު އެކި ކަހަލަ ވާހަކަތައް ކިޔައިދީފި. ނަމަވެސް ތިކަހަލަ ވާހަކައެއް އަޑުއެހި މިއީ ފުރަތަމަ ފަހަރު. ރަހީފް ތީ ކޮން ރަށެއްގެ މީހެއް؟.” އަހަރެންނަށް ރަހީފްގެ ވަނަވަރު ވަރަށް މުހިއްމުވިއެވެ. “އަޅުގަނޑަކީ ހއ. ތުރާކުނު މީހެއް. މި ވާހަކައާ މެދު ރާޔާގެ ޝައުގެވެރިކަމެއް ހުރިނަމަ، އަހަރެންނާއެކު ރަށަށް ވެސް ދެވިދާނެ. އަހަރެންނަށް އެނގިފައި އޮތީ ރާޔާ މިފަހަރު ވަރަށް ދިރާސާ ކުރަން ބޭނުންވެގެން އުޅޭކަން.” މޭޒުމަތީގައި ހުރި ކޮފީ ތަށިން ކޯވަރެއް ބޯލަމުން ރަހީފް ވާހަކަދެއްކިއެވެ.

“ރަނގަޅު!. އަހަރެން މިފަހަރު ވަރަށް ރަނގަޅު ދިރާސާއެއް ކުރަން ބޭނުން. އަހަރެންނަށް ތިވާހަކަ ވަރަށް ޝައުގުވެރި. ކަންވީ ގޮތް އެނގޭނެ ކޮންމެ ވެސް އިންސާނަކު ހުންނާނެ. އަހަރެންނަށް ހީވަނީ އެހާ ކުރީގެ ކަމެއްވީމައި މިހާރު މީހުންގެ މާބޮޑު ޝައުގުވެރިކަމެއް ނެތީހެން. އަހަރެން ބޭނުން މި ހަފްތާ ވެސް ތިރަށަށް ފުރެން އޮތިއްޔާ ފުރަން. ލަސްކުރާނެ ކަމެއްނެއްތާ. އެހެންނު؟”. އަހަރެންގެ ޚިޔާލަށް ރަހީފު ވެސް އާބަސް ބުންޏެވެ.” ވަރަށް އުފާވެއްޖެ. އުއްމީދެއް ވެސް ނުކުރަން އަހަރެންގެ ވާހަކަ ގަބޫލުކޮށް ދިރާސާއެއް ކުރަން ވިސްނާނެ ކަމަކަށް ވެސް. ރާޔާ ކަހަލަ މަޝްހޫރު ލިޔުންތެރިއަކު އަހަރެންގެ ރަށަށް ދިއުމަކީ، މުޅި ރަށަށް ވެސް ލިބޭނެ އުފަލެއް. ރަށުގައި އުޅޭ ހުރިހާ އުމުރުފުރައެއްގެ މީހުންވެސް ރާޔާގެ ވާހަކަތަކަށް ވަރަށް ޝައުގުވެރިވޭ. ޔޫ ހޭވް އަ ހިއުޖް ފޭން ބޭސް. އެހެންވީމަ ފުރުން ހަމަޖައްސަންވީ ކޮންދުވަހަކުން؟.” ރަހީފް ސުވާލުކުރިއެވެ. “ރަނގަޅަށް ހިނގާނެހެން ހީވާ ކަމެއް ލަސްކުރުން ބުއްދިވެރިއެއް ނޫން. އަހަރެންގެ ހިތް ބުނަނީ، މި ދަތުރު ވަރަށް ކާމިޔާބުވާނެއޭ. ދެ ދުވަސް ފަހުން ފުރޭނެ ގޮތް ހަމަޖައްސައިދީ. ރަށުގައި ހޭދަވާނެ މުއްދަތެއް އަހަރެންނަށް ބުނާކަށް ނޭނގެ. ބޮޑަށް ރަނގަޅީ ގެސްޓް ހައުސްއަކުން ރޫމެއް ހޯދިއްޔާ. ތަންކޮޅެއް މީހުން މަދު އަމާން ހިސާބަކުން.” އަހަރެން ބޭނުންވާ ކަންކަން ވަރަށް ތަފްސީލުކޮށް ރަހީފްއަށް ކިޔައިދިނީމެވެ.

ވާހަކައިގެ މިހާ ހިސާބުން މެންދުރު ނަމާދުގެ ބަންގީގެ އަޑު އިވުނެވެ. އަހަރެންގެ ވީރާނާވެފައިވާ ދިރިއުޅުމުގެ ތެރެއިން ހިތްހަމަޖެހުމެއް ހަމައެކަނި ލިއްބައިދެނީ އަހަރެން ކުރާ ނަމާދާއި ދުޢާތަކުންނެވެ. އަހަރެން ކޮންމެ ތަނެއްގައި ވީނަމަވެސް ބަންގިއަށް އިޖާބަދީ އަވަހަށް ނަމާދަށް ދިއުމަށް އަވަސްވެގަންނަމެވެ. ރަހީފްއާ ސަލާމްކޮށްލުމަށްފަހުގައި އަހަރެން ދިޔައީ ގެއަށެވެ. ނަމާދުކޮށް އަވަދިވެގެން، ގޭގެ ޓެރަސްމަތީގައި އަހަރެން އިންދާފައި ހުރި ލިލީ މާތަކަށް ފެންދިނުމަށް މައްޗަށް އެރީމެވެ.

ޓެރަހުގެ ދޮރު ހުޅުވާލާ ކޮންމެ ފަހަރަކު ދުވާ ހިތްގައިމު ވަހުން މުޅި މީހާ ފުރިގެންދެއެވެ. ޓެރަހުގެ މަތި ހިޔާކޮށްފައި ހުރި ނަމަވެސް، ވަގުތަކީ މެންދުރުގެ ދިލަ ހޫނުން މީހަކު ވެސް ފިހޭނެ ވަގުތެކެވެ. އެދިލައިގައި ވެސް މާތަކުގެ ތެރޭގައި ހުންނައިރު ދުނިޔޭގެ ކަންފުޅެއް ވެސް އަހަރެންނަށް ނުވެއެވެ. ލޯ މަރާލުމަށްފަހު ފުންނޭވާއެއް ބޭރުކޮށްލީމެވެ. އަދި ދެއަތުން މޯޅިއަކަށް ދެމިލީމެވެ. ކުށްލިއަކަށް ފައިގައި އެއްޗެއް އޮޅޭކަހަލަ އިހުސާސެއް ކުރެވުނެވެ. އަރާފައިހުރި ފައިވާން ތެމި ފޯވާހެން ހީވިއެވެ. ދެލޯ ހުޅުވަން މަސައްކަތް ކުރި ނަމަވެސް ލޮލެއް ނުހުޅުވުނެވެ. ކުރިމަތިން މީހެއްގެ ނޭވާ އިހުސާސްވިއެވެ. ދުވީ މަޑުމަޑު ސެންޓު ވަހެކެވެ. ހަށިގަނޑު އަމިއްލަ ބާރުގައި ނެތްކަން އިހުސާސްވިއެވެ. އެތެރޭގެ ގުނަވަންތައް ފޫއަޅުވާލައިފައި ބޭރަށް ނިކުމެދާނެހެން ހީވިއެވެ.

އަހަރެން ހުރިތަނަށް އަނގަވަތަށް ވެއްޓުނެވެ. ހީވީ މީހަކު ބުރަކަށީގައި އަޅައި ކޮއްޕާލިހެންނެވެ. ތެދުވެ ވަށައިގެން ހޯދާލިއިރު އެކަކުވެސް ފެންނާކަށް ނެތެވެ. ތެދުވެ ހަށިފޮޅާލައި ފަހަތަށް އެނބުރުނުއިރު ކައިރީގައި ކަރުދާސްކޮޅެއް ވެއްޓިފައި އޮތެވެ. އަތަކަށް ގުޑާ ވެސް ނުލައެވެ. އަހަރެން ކިޔުނު ހެޔޮ އެއްޗެއް ކިޔުމަށްފަހުގައި އެ ކަރުދާސްކޮޅު ނެގީމެވެ. އަދި ކަރުދާސްކޮޅު ނިއުޅާލީމެވެ. “ތިޔަ ދަތުރު ފަށައިފިއްޔާ ނިންމޭނެތަ؟ ބޭނުމީ ދިރިހުންނަންތަ ނޫނީ މަރުވާންތަ؟. ރާޔާގެ އިންތިޒާރުގައި އެތައް އަހަރުތަކެއް ހޭދަކޮށްފިން.” އަހަރެން ގައިން ހީބިހި ނަގައިގަތެވެ. އަދި ކޮންމެވެސް ކަމެއް ވަރަށް ބޮޑަށް ގޯހުން ހިނގައްޖެކަމުގެ އިހުސާސް ކުރެވުނެވެ. އަހަރެންނަށް މިއަދު އަޑުއިވުނު ވާހަކަތަކާއި، ކަންކަން ހިނގާދިޔަ ގޮތުން އެ ވާހަކައާއި އަހަރެންގެ ދިރިއުޅުމާއި ގުޅިލާމެހިފައިވާކަމުގެ ސިގްނަލްތައް ސިކުނޑިއަށް ފޯރަން ފެށިއެވެ. މިއަދު އެވާހަކަ އަޑުއިވުނީއްސުރެން އަހަރެންނަށް ދިމާވަމުން އަންނަ އާދަޔާ ހިލާފުކަންކަމުން އަހަރެންގެ ސިކުނޑި ބަރުވާންފެށިއެވެ. “ސުބުޙާނަﷲ. މިއީ ރޫހާނީ ކަމެއްބާ؟. އެ ހާދިސާއަކީ އަހަރެންގެ މާޒީ ބާ؟. ނޫނީ އަހަރެން މި ވާހަކަލިޔަން އުޅޭކަން ބަޔަކަށް މާކުރިން ވެސް އެނގެނީބާ؟.

(ނުނިމޭ)

Leave a comment

Your email address will not be published.