Tue, 7 April, 2020, 5:38 pm
ދަތުރު – 3

ކުއްލިއަކަށް މީހަކު ފަހަތުން އައިސް ކޮނޑުގައި ހިފިއެވެ. ސިއްސައިގެން ގޮސް ހަޅޭއްލަވައިގަތީމެވެ. ފަހަތުގައި ހުރީ ޒިވާމެވެ. “ރާޔާ ކިހިނެއްވީ؟”. ޒިވާމު ވެސް ހުރީ ސިހިފައެވެ. “އާހ!. ޒިވާމްތަ؟ ނޭންގޭނެންނު!. ކުއްލިއަކަށް ފަހަތުން އައިސް ކޮނޑުގައި އަތްއެޅީމަ ސިއްސައިގެންދޯ ދާނީ!. އަހަރެންނަށް އޭރުވެސް މާނޭވާލެވެނީއެވެ.” ތިނޫން އިރެއް ރާޔާއަށް އާދޭތަ؟ އަބަދުވެސް ރާޔާ ހީވާނީ ބިރުވެރިކަމެއްގެ ތެރޭ އުޅޭހެން. ނޫނީ ނަފްސާނީ ބައްޔެއް ޖެހިގެން އުޅޭހެން.” ޒިވާމު ތަންކޮޅެއް ރުންކުރު ގޮތަކަށް ވާހަކަދެއްކިއެވެ. “ޒިވާމަށް އެކަމުން ގެއްލުމެއް ވަނީތަ؟ ނޫނީ ޒިޔާމުގެ ލާރިން އަހަރެންނަށް އެކަމަށް ހަރަދެއް ކުރަން ޖެހެނީތަ؟. އަހަރެން ވެސް ރައްދު ދިނީމެވެ. ” ގޯޑް!. އޯކޭ ސްޓޮޕް!. މަށެއް ބޭނުމެއް ނޫން އެއްކަލަ އޯލްޑް ސްޓޯރީ އަޑުއަހާކަށް. ދެން އޮތީ އެންމެ އަހަރެއްތާ!. އޭގެ ފަހުން އަހަރެން ވެސް ރާޔާ ވެސް މިނިވަންވީ.” އަހަރެންގެ ޖަވާބަކަށް ބެލުމެއް ވެސް ނެތި ޒިވާމު އެތަނުން ހިނގައިގަތެވެ.

އިނދެގެން އުޅޭ ފިރިމީހާއަށްވީތީ ހިތުގައި ކޮންމެ ވެސް ކަހަލަ އިހުސާސްތަކެއް ނުފިލާހުރެއެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް އަހަރެން ޒިވާމްދެކެ ފޫހިވެއެވެ. ނަފްރަތު ކުރަމެވެ. އެތައް ބައިވަރު ސަބަބުތަކެކެވެ. ނަމަވެސް އަހަރެންގެ ދިރިއުޅުމަށް އެއިން އެއްވެސް ކަމަކުން އަސަރެއް ނުކުރެއެވެ. ފުންނޭވާއެއްލުމަށްފަހު ޓެރަހުން ފޭބުމަށް ހިނގައިގަތީމެވެ. ކޮޓަރިއަށްވަދެ ދަތުރަށް ފެށުމުގެ ތައްޔާރިތައް ކުރީމެވެ. އަހަރެން ހުރީ އެރަށަށް ދިއުމަށް ކެތްމަދުވެފައެވެ.

ދެ ދުވަސް ވެސް އަހަރެންނަށް ވީ ގިނައެވެ. ފުރާ ދުވަހަށް ކުރެވެމުންދިޔަ އިންތިޒާރު މާބޮޑަށް ދިގުވާހެން ހީވިއެވެ. ރެސްޓޯރެންޓްގެ ކަންތައްތައް އަހަރެން ހަވާލުކުރީ ތަނުގައި މަސައްކަތްކުރާ، އަހަރެންނަށް އެންމެ ވަފާތެރި ހުމެއިދުއާއެވެ. ހުމެދުއަކީ ޕާކިސްތާނަށް ނިސްބަތްވާ މީހެކެވެ. ފެށުނީއްސުރެން ތަނުގެ ކަންކަން ބަލަހައްޓަމުން އައި ހީވާގި މުވައްޒަފެކެވެ. އަހަރެން ދަތުރު ނިންމާފައި އަންނަންދެން ހުރިހާ ކަމެއް ވެސް އެންމެ ފުރިހަމައަށް ބަލަހައްޓައިދިނުމަށް އެދުނީމެވެ. ހުމެއިދު އެދުނީ އަހަރެން އެއްވެސް ކަމަކާއި ނުވިސްނާ، ހަމަޖެހިލައިގެން ދަތުރު ނިންމުމަށްފަހު އައުމަށެވެ.

ފުރަން އެއާޕޯޓަށް ދަމުން، ޒިވާމަށް އަހަރެން މެސެޖެއް ކުރީމެވެ. އަހަރެން ކިތަންމެ ފޫހިވިއަސް ޒިވާމަކީ އަދިވެސް އަހަރެންގެ ފިރިމީހާކަން ހަނދާން ނައްތައެއް ނުލަމެވެ. އަބިމީހާގެ ހައިސިއްޔަތުން އަހަރެންގެ ޒިންމާ އިސްކުރީމެވެ. އެއާޕޯޓަށް ދިޔައިރު ރަހީފު އަހަރެންގެ އިންތިޒާރުގައި މަޑުކޮށްގެން ހުއްޓެވެ. ކާރުން ފައިބައިގެން ދެމީހުން އެއްކޮށް ޑޮމެސްޓިކް ޓާރމިނަލަށް ވަނީމެވެ.

ދުވަހަކީ ދަތުރުކުރުމަށް ހިތްގައިމު ދުވަހެކެވެ. އިރުގެ ހޫނުން ދާހިއްލާ ފޯވިއެއްކަމަކު، ޖެހެމުން ދިޔަ ލުއި ވައިރޯޅިން އެތައް ވާހަކައެއް ބުނެދޭ ކަހަލައެވެ. އަހަރެންގެ ހިތް އެކިރާގުރާގަށް ނަށަން ފެށިއެވެ. ހަގީގަތުގައި ވެސް ބުނެދޭން ނޭންގޭ ކަހަލަ އުފާވެރި އިހުސާސްތަކެއް ކުރެވެމުން ދިޔައެވެ. ދާންބޭނުންވާ މަންޒިމަށް ދެވިއްޖެވެ. ތުރާކުނުގައި އަހަރެންގެ ފައި ޖެހުމާއެކު ހީވީ މީހަކު އަހަރެންގެ އިންތިޒާރުގައި ހުރިހެންނެވެ. ކުއްލިއަކަށް ހިތަށް އެރީ ޓެރަސްމަތިން ދިމާވި ހާދިސާގެ މަތިންނެވެ. “މަރުހަބާ ރާޔާ. މިއޮތީ އާދެވިފައި.!” ރަހީފުގެ އަޑާއެކު ކެކެމުން އައި ހިޔާލީ ފޮލައި ބޮލުން ވެއްޓުނެވެ. “ހިހި!. ރަހީފްއަށް އެނގޭތަ. އަހަރެން މިހުރީ މިއަދު ވަރަށް އުފާވެފަ. ކީއްވެ ކަމެއް ނޭންގެ. ވަރަށް އާދަޔާ ހިލާފުކަމެއް މީ.” ކުރިމަތީގައި އަހަރެމެންގެ އިސްތިގުބާލުގައި މަޑުކޮށްލައިގެން އޮތް ކާރަށް އަރަމުން އަހަރެން ބުނީމެވެ. “ރާޔާ ބުނިގޮތުން ނަމަ މާލެއިން ބޭރަށް އެހެން ތާކަށް ތި އައީ ކިތައް އަހަރު ފަހުން. ތީ އެހެންވީމަ ވާގޮތެއް ކަންނޭންގެ.” ރަހީފުގެ ކޮންމެ ޖުމްލައެއްގައި ވެސް ވަނީ ހިތްހެޔޮ ކަމާއި އޯގާތެރިކަމެވެ. “ވެދާނެ!”. އަހަރެން ރަހީފްގެ މޫނަށް ވަރަށް ފަރުވާތެރިކަމާއެކު ބަލަން އިދެފައި ޖަވާބުދިނީމެވެ.

ރަށުގެ އެކި ވާހަކަތައް ދެއްކުމުގައި މަސްއޫލުވެ ތިއްބައި ގެސްޓް ހައުސްއަށް އާދެވުނެވެ. ތަންހުރީ ވަށާފާރު ރާނާއި، ދަނގަޑު ބޮޑު ގޭޓެއް ލާފައެވެ. އެތެރެއަށް ވަދެގެން ދިޔައިރު ދެފަރާތަށް އެކި ކުލަކުލައިގެ މާތައް ހައްދާފައި ހުއްޓެވެ. މާތަކުން ދުވި މީރު ވަހުން ކާނާއިން ބަނޑުހުސްވެފައިވާ ގޮހޮރު ވެސް ދިޔައީ ފުރިގެންނެވެ. ހިނގަން އޮތް މަގާއި، ގޯތިތެރެއަށް އޮތީ ދޮންވެލި ލާފައެވެ. ޖުމްލަ ނުވަ ރޫމުގެ އެތަނުގައި އެވަގުތު އެއްވެސް މީހެއްގެ ހިލަމެއް ވެސް ނެތެވެ. “މިތަން އަސްލު މިއޮތީ މަރާމާތަށް ބަންދުކޮށްފައި. ރައްޓެއްސެއްގެ ތަނަކަށް ވީމައި ހަމައެކަނި ރާޔާއަށް ހުރުމުގެ ހުއްދަ ލިބުނީ.” އަހަރެން ހުރުމަށް ތައްޔާރުކޮށްފައިވާ ކޮޓަރި ދޮރުހުޅުވަމުން ރަހީފް ބުންޏެވެ. “މިއޮތީ ކީ. އަހަރެން އަންނާނަށް ގެއަށް ގޮސް ފްރެޝް ވެލައިގެން މަޣްރިބް ނަމާދުކޮށް. ރާޔާ ވެސް ފްރެޝްވެލައިގެން ނަމާދުކޮށް ނިމިގެން ގުޅާލާ.” ތަޅުދަނޑި ހަވާލުކުރުމަށްފަހު ރަހީފް ހިނގައިގަތެވެ.

އަހަރެން އަވަސް ވެގަތީ ފެންވަރައިގެން ނަމާދު ކުރުމަށެވެ. ނަމާދުކޮށް އަވަދިވެގެން ގެސްޓް ހައުސްތެރޭ ކުޑަކޮށް ބަލާލުމަށް ކޮޓަރިން ނިކުތީމެވެ. ކުއްލިއަކަށް މުޅި ތަނުން ކަރަންޓު ދިޔައެވެ. ފޯނުގެ އަލި ހޯދަން ބެލިއިރު ހަނދާންވީ ފޯނުވީ ކޮޓަރީގައި ކަމެވެ. ކަނުއަދިރީގެ ތެރޭގައި މަޑުމަޑުން ކޮޓަރިއަށް ދެވޭތޯ ކުރިއަށް އެޅުނީ އެންމެ ތިން ފިޔަވަޅެވެ. ފަހަތުން މީހަކު ހިނގައިގަތް އަޑު އިވުނެވެ. ހިތްވަރުކޮށްލާފައި ފަހަތަށް އެނބުރުނުއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނޭވާކުރުވެ ހިތް އަވަސްވިއެވެ. ” ރާޔާ!. އާދޭ!. އާދޭ ރާޔާ! އަހަރެން ބަލާދޯ ތިއައީ. ރާޔާ އަހަރެން ގެންދޭ!.” ކުރިމަތިން މީހަކު ގޮވިއެވެ. އަނދިރިކަމުން ތަނެއްދޮރެއް ވަތްކެއް ނުވެއެވެ. “ކަ..ކާ. ތީ..ތީ…ތީކާކު؟. އެއްވެސް ޖަވާބެއް ނުލިބުނެވެ. އެހިނދު އަހަރެންގެ ކޮޓަރީގެ ދޮރު ހުޅުވުނެވެ.

ކޮޓަރީގައި އަލިކަމެއް ހުއްޓެވެ. އަހަރެން ދުވެފައި ގޮސް ކޮޓަރިއަށް ވަނީމެވެ. އެނދުމަތީގައި އޮތީ މަރުވެފައި އޮތް މުޅަ މަސްގަނޑެކެވެ. އަހަރެން ފެނުމާއެކު ފުންމައިގެން ތެދުވިއެވެ. އަދި އޭތީގެ ކަރު އެނބުރެން ފެށިއެވެ. އަހަރެން އަޑުގެ ނެތް ތަނަށް ހަޅޭއްލެވީމެވެ. ގައިގައި ހުރި ބާރެއް ލާފައި ރޮމުން ހަޅޭއްލަވަމުން ނިކުތީމެވެ. އަނދިރިކަމުން ދެވޭނުދެވޭ މިސްރާބެއް ވެސް ނޭންގުނެވެ. ތަޅެއްގައި އަތްޖެހުމުން އަތުގައި ހުރި ބާރެއްލާފައި ތަޅުހުޅުވީމެވެ. އަނެއްކާ ވެސް ގޮސްވަދެވުނީ ހަމަ އަހަރެންގެ ކޮޓަރިއަށެވެ. ކޮޓަރީގައި އޭރުވެސް އަލިކަން ހުއްޓެވެ. އެނދު ދަށުން އެއްޗެއް ދުވާހެން ހީވިއެވެ. ބިރުންހުރެ އެނދުދަށް ބަލާލީމެވެ. ފެނުނީ ލެއިން ތަތްތެޅިފައި އޮތް އިންސާނެއްގެ ދެފައެވެ. އެކަމަކު ކޮޅަށް ތެދުވެ ބެލިއިރު ހަށިގަނޑެއް ނުފެނެވެ. އަނެއްކާވެސް އެނދުދަށް ބަލާލިއިރު އެ ދެފައި ފެނުނެވެ. ބިރުން ހަޅޭއްލަވަމުން ތެދުވިއިރު އެއްކަލަ ދެފައި އޮތީ އަހަރެންގެ ކައިރީގައެވެ. ދުވެފައި ކޮޓަރިން ނިކުންނަން ދިޔަތަނާ ކޮޓަރީގެ ދޮރު ލެއްޕުނެވެ. ތަޅުގައި ހިފައި ހުޅުވަން މަސައްކަތް ކޮށްކޮށް ވަރުބަލިވި އިރުވެސް ދޮރެއް ނުހުޅުވުނެވެ. ކުއްލިއަކަށް ކޮޓަރިން ބޭރުން ތަޅުގައި މީހަކު ހިފިއެވެ. އަހަރެން ބިރުން ފަހަތަށް ޖެހުނީމެވެ. އަދި ކޮޓަރީގެ ކަނަކަށް ވަދެ ދުލަށް އައިހައި ހެޔޮ އެއްޗެއް ކީމެވެ. އަދި ދެލޯމަރާ ފިއްތާލީމެވެ.

ކޮޓަރީގެ ދޮރުހުޅުވުމާއެކު އަހަރެންގެ ދެލޯ ބޮޑުވިއެވެ. ދޮރުމަތީގައި ހުރީ ރަހީފެވެ. “ރާޔާ!.” އަހަރެން އިންގޮތް ފެނިފައި އޭނާ ހުރީ ހައިރާންވެފައެވެ. އަހަރެން ދުވެފައި ގޮސް ރަހީފްގެ ގައިގައި އޮޅުލައިގަތީމެވެ. އޭރުވެސް އަހަރެންގެ ރުއިމަކަށް ބަދަލެއް ނާދެއެވެ. “ރާޔާ.! އޭ ރާޔާ!. ކިހިނެއްވެފަތަ ތިހުރީ. ކިހިނެއްވީ ތިހާވަރަކަށް ތި ރޮނީ؟.” އޭ ހަމަޖެހި…”. ރަހީފްގެ ޖުމްލަ ފުރިހަމަނުވަނީސް އަހަރެން އޭނާގެ އަތްދަނޑި މައްޗަށް ހަބަރުހުސްވެގެން ވެއްޓުނެވެ.

(ނުނިމޭ)

ހިޔާލު ފައުޅުކުރައްވާ

    މާޝާﷲ ވަރަށް ސަޅި ވާހަކައެއް ރީތި ހަމައަސްލުވެސް ކޮންމެ ބުރާސްފަތި ގަ ދޯ ވަާހަކަ ގެ އާ ބައެއް ގެނެސްދޭނީ.ވަރަށް އިންތިޒާރު އާ ބަޔައްވެސް

Leave a comment

Your email address will not be published.