Tue, 7 April, 2020, 6:53 pm
ދަތުރު – 4

ހޭވެރިކަން ވިހިނދު ވަށައިގެން ހޯދާ ބަލާލީމެވެ. އޭރު އަހަރެން އޮތީ ހޮސްޕިޓަލުގައި އެދުމަތި ކުރެވިފައެވެ. އަހަރެން ފިޔަވައި އިތުރު މީހަކު އެތަނުގައި އެދުމަތި ކުރެވިފައެއް ނުވެއެވެ. އޭރު ރަހީފު ވޯޑުގެ ދޮރުކަނީގައި ލެގިލައިގެން ފޯނާ ކުޅެން ހުއްޓެވެ. “ރަހީފު!”. އަހަރެން ރަހީފަށް އަޑުއިވޭ ވަރަށް ގޮވާލީމެވެ. އަހަރެން ގޮވާލި އަޑަށް ރަހީފު ބަލާލިއެވެ. އަދި އިޝާރާތުން އަހަރެން ގާތު މަޑުކޮށްލުމަށް ބުނުމަށްފަހު، ޑޮކްޓަރަށް ގޮވިއެވެ. ޑޮކްޓަރު އަހަރެންގެ ލޭގެ ޕްރެޝަރާއި، ހިތުގެ ވިންދާއި އަދި ދެ ލޯ ބެލިއެވެ. “ކިހިނެއްތޯވީ ހޭނެތުނީ؟” ޑޮކްޓަރު އަހަރެންގެ ލޯ ބަލަމުން ވާހަކަދެއްކިއެވެ. “ބޮލަށް އެނބުރުން އެރީ. އަޅުގަނޑަށް ހީވަނީ ދަތުރު ނުކޮށް ހުރެފަ ދަތުރު ކުރީމަހެން. އަދި މިއަދު އެހާ ރަނގަޅަކަށް ނުވެސް ކަން.” އަހަރެން އޮޅުވާލީމެވެ. “ވެދާނެ!. ތަންކޮޅެއް ބޮޑަށް ލޭގެ ޕްރެޝަރުދަށްވުމުގެ ސަބަބުން ހޭނެތުނީ. ތިބުނި ކަންކަމުގެ ސަބަބުން އެފަދަ ކަމެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް. މި އައިވީ ފުޅި ނިމުނީމަ ޑިސްޗާޖު ކޮށްލާނަން. ދެން ދޭނަން ވިޓަމިނެއް. ފަސް ދުވަސް ވަންދެން އެ ބޭނުންކޮށްލާ.” ޑޮކްޓަރު މިހެން ބުނުމަށްފަހު ވޯޑުން ބޭރަށް ހިނގައިގަތެވެ.

“ރާޔާ ކިހިނެއްތަ ވީ؟. އަހަރެންނަށް ޔަގީން ކޮންމެވެސް ކަމެއް ދިމާވި.” ރަހީފު އަހަރެން ކައިރީގައި ހުރި ގޮޑީގައި އިށީންނަމުން ވާހަކަދެއްކިއެވެ. ކަން ހިނގާދިޔަ ގޮތް އަހަރެން ވަރަށް ތަފްސީލުކޮށް ރަހީފަށް ކިޔައިދިނީމެވެ. “އަސްލުތަ؟. އެކަމަކު ތިއީ ދުވަހަކު ވެސް އެތަނުގައި ހިނގި ކަމެއް ނޫން. މަރާމާތަށް ބަންދުކުރި ފަހުން ވެސް އެތަނުގައި ބަޔަކު ތިބި ދެ ދުވަހެއްވަރު. ތިއީ އެކަމަކު ހާދަ އެހެން ކަހަލަ ކަމެކޭ. ކިހިނެއް ދެން ހަދަންވީ. އެހެން ތަނެއް ބަލަންވީތަ؟.” ރަހީފު އިނީ އަހަރެން ދެއްކި ވާހަކައިން އާޝޯހުވެފައެވެ. “ނޫން ރަހީފު. އެހެން ތަނެއް ހޯދާނެ ކަމެއް ނެތް. އަހަރެން ހޯދަން ބޭނުންވާ ވަރަށް ބައިވަރު ކަންކަން އެބަހުރި. މިވަގުތު ނުކިޔާދިނަސް ކޮންމެ ވެސް ދުވަހަކުން އަހަރެން ރަހީފަށް ހުރިހާ ވާހަކައެއް ކިޔައިދޭނަން.” މިހެން ބުނުމަށްފަހު ފޯނު ނަގައި ގަޑި ބަލާލީމެވެ. އޭރު ގަޑިން ނުވަގަޑި ބައިވަނީއެވެ. އަދި ޒިވާމްގެ މެސެޖެއް ވެސް ލިބިފައި އޮތެވެ. އަހަރެން މެސެޖު ހުޅުވީމެވެ. “ރާޔާ ކޮންމެތަނަކަށް ދިޔަސް އެއީ އަހަރެން ބަލަން ބޭނުން ކަމެއް ނޫން.” ޒިވާމު އެގޮތަށް ޖަވާބު ދިނުމަކީ އާއްމުކަމެކެވެ.

އަހަރެންގެ އަތަށް ގުޅާފައި ހުރި އައިވީ ފުޅި ހުސްވާން ވަގުތު އޮތުމާއެކު ނިދާލެވޭތޯ މަސައްކަތް ކުރީމެވެ. އޭރު ތަންކޮޅެއް ދުރުގައި ރަހީފް ފޯނެއްގައި ހުއްޓެވެ. އަހަރެންނަށް ނިދި ޖެހުނުތާ މާގިނަ އިރުތަކެއް ނުވެއެވެ. ހުވަފެނީ އާލަމަކަށް ދަތުރުފެށުނެވެ. އަހަރެންހުރީ އަތިރިމަތީގައެވެ. ދުނިޔެ މައްޗަށް ވެރިވެފައިވަނީ ކަޅުފޮއި އަދިރިކަމެވެ. ނަމަވެސް އެ އަދިރިކަމުގެ ތެރޭގައި އަހަރެންނާއި ތަންކޮޅެއް ދުރުގައި، ރާޅުޖަހާ ހިސާބުގައި އަންހެނަކު މޫދާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އަހަރެން ޖެހިލުންވެހުރެ އެމީހާއާ ދިމާލަށް ހިގައިގަތީމެވެ. އޭނާއާ ކައިރިވާ ވަރަކަށް ހިތް ތެޅެމުން ދިޔައެވެ. ކުށްލިއަކަށް އޭނާ އަހަރެންނާއި ދިމާލަށް އެނބުރުނެވެ. އަހަރެން ހުރި ފިޔަވަޅުމަތީ ހުއްޓުނީމެވެ. އަހަރެން އޭރު ހުރީ އޭނާއާ ފުދޭ ވަރަކަށް ކައިރީގައެވެ. އޭނާގެ މޫނު ސާފުކޮށް ފެންނަ ގޮތެއް ނުވެއެވެ. އޭނާ ސަލާމްކޮށްލުމަށް އަހަރެންނަށް އަތްދިއްކޮށްލިއެވެ. އަތުގައި ހުރީ ފެހި ޖަހާފައެވެ. ދުވީ ފަރުހޮކި ވަހެވެ. އެހެން ހުރެފައި އިސްއުފުލާ ބަލާލިއެވެ. މުޅި މޫނުގައި ހުރީ ވަކި ދަމާފައެވެ. ދެލޮލުން ލޭ ފައިބަނީއެވެ.

 ސިއްސައިގެން ގޮސް އަހަރެންނަށް ހޭލެވުނެވެ. އަދި އެވަގުތަކީ އަހަރެންގެ ގައިމަތީ އަޅާފައި އޮތް ފޮތިގަނޑު ރީތިކުރުމަށް ރަހީފް ގުދުވެލި ވަގުތެވެ. އަހަރެންނަށް ބޭއިހްތިޔާރުގައި އޭނާ ގައިގައި ބައްދައިގަނެވުނެވެ. އެގޮތުގައި ދިހަ ވަރަކަށް ސިކުންތު ހޭދަވެގެން ދިޔައިރު ރަހީފް ހުރީ ހަދާނެ ގޮތެއް ނޭންގިފައެވެ. “ސޮރީ!. ހުވަފެނެއް ފެނުނީ. އެހެންވެ. ސޮރީ.! ސޮރީ.!” ރަހީފް ގައިގައި ބައްދައިގަނެވުމުން އަހަރެން މައާފަށް އެދުނީމެވެ. ރަހީފް އެއްޗެކޭ ނުބުނެ ހިނިތުންވެލިއެވެ. އޭނާގެ ހިނިތުންވުން ސާދާވެފައި އެހާމެ ފުރިހަމައެވެ. “ހިނގާ ދާން. ރާޔާ ޑިސްޗާޖް ކޮށްފަ ތިއޮތީ. ނިދިފައި އޮތީމަ ނުގޮވީ.” ރަހީފްގެ އޯގާތެރިއަތުން އަހަރެންގެ ކޮޑުގައި ހިފަހައްޓާލަމުން ބުންޏެވެ.

އެރޭ އަހަރެންނަށް ވަރަށް އަރާމުކޮށް ނިދުނެވެ. ކީއްވެ ކަމެއް ބުނެދޭކަށް ނޭންގެއެވެ. ހީވީ ބައި ގަރުނުފަހުން ފުންނިންޖެއްގައި ނިދާލެވުނު ހެންނެވެ. ހެނދުނު ހޭލައިގެން ނަމާދުކޮށްގެން އެތަނުން ބޭރަށް ނުކުތީމެވެ. އެ ހިސާބުގައި ކޮންމެ ވެސް ވަރަކަށް ވާ ހެދިފައި އޮތެވެ. އަދި ވަލުތެރެއިން އަތިރިއަށް ފައިބަން މަގެއް ކޮށާފައި އޮތެވެ. ފަތިހުގެ ތެތްފިނި ވައިރޯޅި ގައިގައި ބީހިލާއިރު އެ ލިބޭ ހިތްހަމަޖެހުން ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟. ހިނގަމުން ވަކި ހިސާބަކަށް ދެވުނުތަނާ ދަރުހޮވަން ވަލަށް ގޮސް އުޅޭ މީހަކު ފެނުނެވެ. އެވަގުތު އެމީހާއަށް ވެސް އަހަރެން ފެނުމުން ހިނިތުންވެލިއެވެ.

“ދައްތާ!. ހާދަ ހެނދުނަކާ ވަލަށް އައިސް ތިއުޅެނީ!.” އަހަރެންނަށް އެއީ ކާކުކަން ނޭންގުނަސް ވާހަކަދެއްކީމެވެ. “ތިއީ ވާހަކަ ލިޔާ ރާޔާދޯ. އައިސް އުޅޭ ހަބަރު ލިބުނޭ. ކީއްކުރަން މިރަށަށް އައީ؟.” އެމީހާއަށް އަހަރެންނަކީ އާ މޫނަކަށް ނުވިއެވެ. “މި ރަށް ބަލާލަން މިއައީ. ވަރަށް ރީތި ރަށެއްނު މީ.” އަހަރެން ބުނީމެވެ. “ރާޔާ މިރަށަށް ތިއައީ މި ރަށް ބަލާލާކަށް ނޫން. އަދި ކިރިޔާ އަންނަން ޖެހޭ ހިސާބަށް ތިއައީ. ތިން މީހުންގެ މަރުގެ ހަގީގަތް އޮތީ ފޮރުވާފައި. ރާޔާގެ ކަމެއް އެއީ ހަގީގަތް ހޯދުން. ނުހޯދި ގިނަ ދުވަސްވާ ވަރަކަށް ރާޔާގެ ފުރާނައަށް އޮތީ ހުސް ނުރައްކާ.” އޭނާގެ ވާހަކަ ކުއްލިއަކަށް ހުއްޓާލިއެވެ. އަދި މަޑުމަޑުން އަހަރެންނާއި ދުރަށް ޖެހެން ފެށިއެވެ.

“އޭ!. ތީ ކާކު؟ ބުނޭ ތީކާކު؟ ކޮން ތިން މީހުނެއް؟ އެއީ ކޮން ބައެއް؟ އަހަރެންނާއި އޮތީ ކޮން ގުޅުމެއް؟ އޭ!. މަޑުކޮށްބަލަ. ޕްލީޒް.” ފަސް އެނބުރުނު ގޮތަށް އޭނާ ދިޔައީ ކުރިއަށެވެ. އަހަރެން އޭނާ ފަހަތުން ދުއްވައިގަތީމެވެ. ނަމަވެސް އޭނާ އަހަރެންގެ ލޯކުރިމަތިން ގެއްލިގެން ދިޔައީ އެސްފިޔަ ޖަހާލާހާ ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައެވެ. އެހިސާބުން އެއީ އިންސާނެއް ނޫންކަން އަހަރެންނަށް ވިސްނުނެވެ. އަހަރެން ހުރީ މާނޭވާ ލެވޭ ވަރުވެފައެވެ. ސިކުނޑިތެރޭގައި އެތައް ސުވާލެއް އެނބުރެން ފެށިއެވެ. އަހަރެންނާއި އެބުނާ ބަޔަކާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ އެއީ ކޮން ބައެއް ހެއްޔެވެ؟ މިއީ ޔަގީނުން ވެސް އަހަރެންގެ މާޒީއާ ގުޅިފައިވާ ކަމެކެވެ. އަނެއްކާ އަހަރެންނަކީ ގާތިލެއްބާއެވެ؟.

(ނުނިމޭ)

Leave a comment

Your email address will not be published.