Thu, 28 May, 2020, 5:32 pm
ދަތުރު – 6
15

އެރޭ ގެސްޓް ހައުސްއާ ހަމައަށް ދެވެންދެން ވެސް އަހަރެން ހުރީ އިދުރީސްބެ ދެއްކި ވާހަކަތަކާމެދު ހަދާނެގޮތް ހުސްވެފައެވެ. އޭރު ރަހީފް ވެސް ހުރީ އަހަރެންނާ އެއް ހާލެއްގައެވެ. އެތެރެއަށް ވަދެގެން ގޮސް އަހަރެން ކޮޓަރިއަށް ވަނީމެވެ. އަދި އެނދުމަތީގައި އިށީންދެ، ދޮރުމަތީގައި އެއްކަނެއްގައި ލެގިލައިގެންހުރި ރަހީފްއާ ދިމާލަށް ބަލާލީމެވެ. “މާޒީގައި ހިނގާދިޔަ އެއްވެސް ކަމެއް ހަނދާނެއް ނެތް. މާޒީގެ ވާހަކަ އަހާނެ މީހެއް ވެސް ނެތް. ދެން އަހަރެން ކިހިނެއް؟ ކާކު ކައިރިއަށް ދާނީ؟”. އަހަރެންނަށް ހަގީގަތުގައި ވެސް ރޮވުނެވެ. އަހަރެންގެ ސިކުނޑިއަށް ކުރާ އަސަރު ހަމައެކަނި އިހުސާސްވާ މީހަކީ ހުދު އަހަރެން ކަމުގައިވާތީއެވެ. އެވަގުތު ރަހީފް އަހަރެން ކައިރީގައި އައިސް އިށީނެވެ. އަދި މަޑުމަޑުން އަހަރެންގެ ދެއަތުގައި ހިފިއެވެ. “އަހަރެންނާއި ރާޔާއާ މާބޮޑު ގުޅުމެއް ނެތަސް، އަހަރެންނަށް ރާޔާ ވަރަށް ހާއްސަވެއްޖެ. ހަގީގަތް ހޯދުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމުގައި އަހަރެން އެހީތެރިވާނަން. އެކަކު ނެތަސް އަހަރެން ހުންނާނަން.” ރަހީފްގެ އިހުސާންތެރިކަމުގެ ބަސްތަކުން އަހަރެންނަށް އިތުރަށް ރޮވުނެވެ. އަދި ބޭއިހްތިޔާރުގައި އޭނާގައިގައި ބައްދައިގަނެވުނެވެ. ހިތުގެ ހިނގުން އަވަސްވިއެވެ. ދުލުން ކިޔައިދޭން ކުޅަދާނަވެގެންނުވާ އެތައް ވާހަކައެއް ދެމީހުންނަށް އެވަގުތު އިހުސާސްކުރެވުނެވެ.

ކޮނޑާއި ހަމައަށް ވެއްޓިފައި އޮތް އަހަރެންގެ އިސްތަށިގަނޑު އެއްފަރާތްކޮށްލައި އޭނާ އަހަރެންގެ ކޮޑުމަތީގައި ދަށްދޮޅި ޖައްސާލިއެވެ. އަދި ހޫނު ނޭވާއެއް ބޭރުކޮށްލިއެވެ. އަހަރެން ކުއްލިއަކަށް ރަހީފްއާ ދުރަށްޖެހިލީމެވެ. އަދި ދުވެފައި ގޮސް ފާހާނާއަށްވަދެ ދޮރުތަޅުލީމެވެ. އަހަރެންނަށް ހިތާހިތުން ކިޔައިލެވުނެވެ. “މިއީ ގޯހެއް. ވަރަށް ބޮޑު ގޯހެއް. އަހަރެންނަކީ އަދި މީހެއްގެ ހައްގެއް.” ތެދެކެވެ. ކުޑަހިދުކޮޅެއްގެ އުފަލަކަށް އަހަރެންގެ އަސްލު ހަގީގަތެއް ބަދަލެއް ނުވާނެއެވެ. އަހަރެންގެ އިހުސާސްތައް ފޮރުވަން މިއަދު އަހަރެންނަށް މަޖުބޫރެވެ. ރަހީފް ކޮޓަރިން ނިކުންނާނެހާއިރު ކޮށްފައި އަހަރެން ފާހަނާއިން ނިކުތީމެވެ. އެވަގުތު ގެސްޓް ހައުސްގެ ސިޓިންރޫމު ތެރެއިން އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. އަހަރެން ދުވެފައި ގޮސް ބޭރު ބަލާލިއިރު، އެތަނުގައި ހުރީ ނުވެސް ދަންނަ މީހެކެވެ.

އޭނާ އަހަރެން ފެނުމުން ހިނިތުންވެލާފައި، ސަލާމްކޮށްލުމަށް އަތް ދިއްކޮލިއެވެ. “އަހަރެންނަކީ ރައިހާން. މިތަނުގެ ބޮޑުމީހާ. އެއްޗެއް ބަލާ މިކޮޅަށް އައީ. ރަހީފް ބުނި ރާޔާގެ ވާހަކަ.” ރައިހާން ތައާރަފުވިއެވެ. “އޯހް!. ރައިހާން. ރަހީފް ބުނި ރައިހާންގެ ވާހަކަ. ކޮން އިރަކު އައީ؟”. އަހަރެން ސަލާމް ބަލައިގަންނަމުން ވާހަކަދެއްކީމެވެ. “ހަމަ ދެންމެހާއިރަކު މިއައީ. ކޮމްޕިއުޓަރުގައިން އެގްރިމެންޓެއް ނަގަން ވެގެން. މިތަން ހިތްހަމަޖެހޭތަ؟ ކުރަން އައި މަސައްކަތް ކިހިނެއް ކުރިއަށްދަނީ؟”. ރައިހާން ވާހަކަދެއްކީ ވަރަށް ހިތްހެޔޮކަމާ އެކީގައެވެ. “އެކަން އަދި އެންމެ ހިތްހަމަޖެހޭ ގޮތަކަށް ނޫން ކުރިއަށްދަނީ. ކަންތައްތައް ހޯދުމަކީ އެހާ ފަސޭހަކަމެއް ނޫންތާދޯ.” އަހަރެން ބުނީމެވެ. “ބައެއް ކަންކަމަކީ އޭގެ ޒާތުގައި ހަގީގަތް ހޯދަން ވަރަށް ބުރަ މަސައްކަތްކުރަންޖެހޭ ކަންކަން. މަސައްކަތް ފެށީމަ އެނގޭނީ. ކުރިއަށް ދެވޭނެތޯ ނޫނީ ނުދެވޭނެތޯ. އެހެންނު؟ އޯކޭ. އަހަރެން މިވަގުތަށް ގޮސްލީ. އަދި ފަހުން ބައްދަލުކޮށްލާނަން.” ރައިހާން މިހެން ބުނުމަށްފަހު ހިނގައިގަތެވެ.

ރައިހާން އެބުނީ ކޮންކަމެއްގެ ވާހަކައެއް ހެއްޔެވެ. އަހަރެން ވާހަކައެއް ލިޔުމަށް ހޯދާ ހަގީގަތްބާއެވެ. ނޫނީ އަހަރެންގެ ހަގީގަތްބާއެވެ. މި ހިޔާލުގައި ހުއްޓާ ފަހަތުގައި ހުރި ކޮޓަރީގެ ދޮރުގެ ތަޅުހުޅުވުނު އަޑު އިވުނެވެ. އަހަރެން ވަރަށް ހުޝިޔާރުކަމާއެކީ ފަހަތަށް އެނބުރުނީމެވެ. މިރޭ އެއް ކަމަކުން ސަލާމަށްވެގެން އައިއިރު އަނެއްކާ ކަމެއް ކަމެކެވެ. އަހަރެންނަށް ކަންކަން ފެނިފެނި ކޮންމެ ވެސް ވަރަކަށް ޖެހިލުންވުން ކުޑަވެއްޖެއެވެ. ވުމާއެކު ބަނޑުހައިވެ ރުޅިއައިސް އޮންނަ ސިންގާއެއް ޝިކާރައަށް ނިކުންނު އުސޫލުން ގޮސް އެ ކޮޓަރީގެ ދޮރު ހުޅުވީމެވެ. ކޮޓަރިތެރެ ހުރީ ދިއްލާފައެވެ. އަދި އެނދުމަތީގައި އަހަރެންނަށް ފުރަގަސްދީގެން މީހަކު އިށީންދެގެން އިނެވެ. އިސްތަށިގަނޑު ފަންވެފައި ދިގެވެ. އިސްތަށިގަނޑު ދިގުކަމުން ގައިގެ އިތުރު އެހެން އެއްވެސް ތަނެއް ފެންނަވަރެއް ނުވެއެވެ. ޔަގީންވަނީ އެއީ އިންސާނެއް ނޫންކަމެވެ. އަހަރެން ހުރީ މިފަހަރު ބިރުގަތެއް ކަމަކު އެކަމާއި ކުރިމަތިލާން ތައްޔާރުވެގެންނެވެ.

“އަހަރެންނަކަށް ނޭންގެ ތީކާކު ކަމެއް. އަހަރެންނަށް ތިވަރަށް ގޯނާކޮށް އުނދަގޫކުރަންޖެހޭ ސަބަބެއް އަހަރެންނަށް ކިޔާދީބަލަ. އަހަރެން މީހަކު ނުމަރަން. އަދި ކަލޭމެންނަކަށް އުނދަގުލެއް ވެސް ނުކުރަން. މަށާ ވާހަކަދައްކަބަލަ. ކަލޭމެނަށް އަހަރެންގެ ހަގީގަތް އެނގޭނަމަ ބުނެދީބަލަ. ކޮންކަމެއްތަ ހާސިލްނުވެގެން ތިއުޅެނީ؟”. އަހަރެންގެ ކެތްތެރިކަން ކޮޅުންލައި، ބިރުފަހަޅަ އަޅާދިޔައެވެ. އަދި މަޑުމަޑުން އޭއްޗާއި ކައިރިވީމެވެ. “ދުރުގަހުރޭ. ތިހުރި ފިޔަވަޅުމަތިން އެންމެ ފިޔަވަޅެއް ވެސް ކުރިއަށް ނާޅާތި. އަހަރެން މިއުޅެނީ އެމީހުންނަށް ފިލައިގެން. އެމީހުންނަށް އަހަރެން އަތުވާ ދުވަހަކުން ރާޔާ ވެސް މަރާލަފާނެ. އަހަރެންމީ ކާކުތޯ ނުބަލާ މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާ. ފަންޑިތަވެރިއެއް ކައިރިއަށް ގޮސްގެން އަދި މިކަމެއް ހައްލެއް ނުވާނެ. މާދަމާރޭ ހަދުވަރުގެ އަލިކަން އެންމެ ގަދަވާ ވަގުތަށް އިންތިޒާރުކުރޭ. އަދި މެންދަމުން އަލިވެ ތިނެއް ޖެހުމުގެ ކުރިން މިރަށުގެ ފުއްޓަރުފަރާތުން ހުރިގޮތަށް ގޮސް ކަރުތާފެނާއި ހަމައަށް މޫދަށް އެރޭ. ދާންޖެހޭނީ އެކަނި. އޭތި ވާހަކަދެއްކީ އިންސާނެއްގެ އަޑުންނެވެ.

“އަހަރެން ކިހިނެއް ތި ދައްކާހާ ވާހަކައެއް ގަބޫލުކުރާނީ؟ ތިއުޅެނީ އަހަރެން މަރާލަން ވެގެން. ނޫނީ މަށަށް ބިރުދައްކަނީތަ؟”. އަހަރެން އައި ރުޅީގައި އޭއްޗާއި ދިމާލަށް ހިނގައިގަންނަން ނެގުނީ އެންމެ ފިޔަވަޅެކެވެ. ފަހަތުން މީހެއްގެ ހަޅޭކުގެ އަޑުއިވުނެވެ. ސިއްސައިގެން ގޮސް ފަހަތް ބަލައިލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަހަރެން އަނެއްކާ ވެސް އެއާ ދިމާލަށް އެނބުރުނީމެވެ. އޭގެ ހިލަމެއް ވެސް ނެތެވެ. އަހަރެން މާނޭވާ ލަމުން ދުވެފައި ގޮސް އަހަރެންގެ ކޮޓަރިއަށް ވަނީމެވެ. އަދި ވަގުތުން ރަހީފަށް ގުޅާފައި ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ.

ހެނދުނު ހޭލައިގެން އެންމެ ފުރަތަމަ ކަމަކަށް ވެސް އަހަރެން ރަހީފްއާ ބައްދަލުކުރީމެވެ. އަދި އިތުރަށް މިކަމުގައި ކުރިއަށްދާނެ ގޮތަކާމެދު މަޝްވަރާކުރީމެވެ. “އަހަރެން ހަމަ ހައިރާންވެއްޖެ. ރޫހާނީ ކަންކަން ގަބޫލުނުކުރަނީއެއް ނޫން. އެކަމަކު މިއީ ހާދަ އެހެން ކަހަލަ ކަމެކޭ. އެކަމަކު އަހަރެންނަށް އެއް ކަމެއް ޔަގީންވެއްޖެ. އިދުރީސްބެ ބުނީ ރަނގަޅަށް. ރޭގަ އަހަރެންނާ އެ ބައްދަލުވީ މުއުމިނު ޖިންނި. އަހަރެންގެ ހިތް ބުނަނީ އެއީ އޭ އަހަރެންނަށް ހަގީގަތް ކިޔައިދޭނެ އެއްޗަކީ. އަހަރެންނަކަށް އެއްވެސް ގޯނާއެއް ނުކުރެ. ކުރިން ދުވަހު ވަލު ތެރެއިން ވެސް އެ ދިމާވި ހަމަ މިއާ. ޔަގީން!. އަހަރެން ރަހީފް ގާތުގައި ބުނީމެވެ.

ކަންތައްތައް ގޮސްފައި އޮތް ހިސާބުން އަހަރެން ނިންމީ މަރުގެ ތުންފަތް މައްޗަށް ހާޒިރުވެގެން ނަމަވެސް ހަގީގަތް ހޯދާށެވެ. ރަހީފްއާ އެތަށް ގޮތަކުން މަޝްވަރާ ކުރުމަށްފަހުގައި އަހަރެން އެގޮތަށް ކަންތައް ކުރުމަށް ނިންމީމެވެ. މެންދަމުގެ ބާރަ ޖެހުމާއެކު، އަހަރެންނާ ރަހީފް ސިއްރުސިއްރުން ރަށުގެ ފުއްޓަރުފަރާތަށް ދިޔައީމެވެ. އެ ޖިންނި ބުނިގޮތާއި ހިލާފަށް އަހަރެން ދިޔައީ ރަހީފް ގޮވައިގެންނެވެ. ރަހީފް މަޑުކުރީ ފުދޭވަރަކަށް ދުރުގައެވެ. ގަސްހެދިފައި އޮތް ބޯ ޖަންގަލީގެ ތެރެއިން މަގުކޮށަމުން ގޮސް އަތިރިއަށް ފޭބުނެވެ. އޭރު މީހާ ހުރީ ބިރުން ދާހިތްލާ ފޯވެފައެވެ. މުޅި ތަނުގައިވަނީ ހަނދުވަރުގެ ފަޑުއަލިކަމެވެ. ކުދިކުދި ދޫނި ސޫފާސޫފީގެ ހިތްގައިމު އަޑު ފިޔަވާ އިތުރު އެއްވެސް އަޑެއް މުޅި ހިސާބަކު ވެސް ނެތެވެ. ގާތަކުމަތިން ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުންގޮސް މޫދާ ކައިރީ ވަރަކަށް އަހަރެންގެ ހިތް ދިޔައީ ތެޅެމުންނެވެ. މިކުރެވެނީ މޮޔަކަމެއް ބާއޭ ވެސް ހިތަށްއެރިއެވެ.

ކުއްލިއަކަށް އަހަރެން ބުރަކަށީގައި މީހަކު އަތްއަޅައި ކޮއްޕާލިއެވެ. އަހަރެން އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތީމެވެ. އެހާ ތިލަ ހިސާބަކަށް ވެއްޓުނުއިރު ވެސް އަހަރެންގެ ދެފައެއް ނުޖެހެއެވެ. އަހަރެން މައްޗަށް އެރޭތޯ ފީނައި ގަތީމެވެ. އެވަގުތު ކުރިމަތިން ފެނުނު މަންޒަރުން ބިރުން ފިތްކަނޑައިގެން ދިޔައެވެ. މީހަކު އަހަރެންނަށް ގޮވަނީއެވެ. “ދަރިފުޅާ. މަންމަ ސަލާމަތްކޮށްދީ. ދަރިފުޅާ!. ހަމަ އެވަގުތު އަހަރެންގެ ހަނދާނަށް އައީ އެންމެ ހާދިސާއެކެވެ. މާޒީގެ ވަރަށް މުހިއްމު ސަފުހާތަކެއް ލޯކުރިމަތީ ނިއުޅެންފެށިއެވެ. އަހަރެންގެ ދެލޯ ބޮޑުވެ ނޭވައެއް ނުލެވުނެވެ. އެހިސާބުން ދެންވީ ކިހިނެއް ނޭންގެއެވެ. ހޭވެރިކަންވީއިރު އަހަރެން އޮތީ ރަހީފްގެ އަތްދަނޑިމަތީގައި އަތިރިމަތީގައެވެ. އަހަރެން ސިހިފައި ރަހީފްގެ ގައިގައި އޮޅުލައިގަތީމެވެ. އަދި އަޑުންއަޑުނަގައި ރޯން ފެށީމެވެ. “މަންމަ. ބައް. ބައްޕަ. އަހަރެންގެ މައިންބަފައިންނަކީ ކޮންބައެއްކަން ހަނދާންވެއްޖެ. ހަނދާންވެއްޖެ ރަހީފް.” އަހަރެންގެ އަޑު ބެދުނެވެ.

(ނުނިމޭ)

ނޯޓް: ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހު މި ވާހަކައިގެ އާ ބައެއް އަޕްލޯޑު ކުރެވޭނެއެވެ.

Leave a comment

Your email address will not be published.