Thu, 28 May, 2020, 5:41 pm
ދަތުރު – 7
27

އަޑު ބެދުނުގޮތަށް ކޮށިއެރިއެވެ. އަހަރެންނަށް ވަރަށް ބައިވަރު ލޮނު ބޮވުނެވެ. ކޮށިއެރުމުން ރަހީފް އަހަރެންގެ ބޮލުގައި ހިފައި ތަޅުވާލިއެވެ. އަދި މަޑުމަޑުން ކޮޅަށް ނެގިއެވެ. “ރާޔާ ހަމަޖެހިލަބަލަ. އޯކޭތަ؟ ނޭވާ ލެވޭތަ؟” ރަހީފް އަހަރެންގެ ބުރަކަށީގައި ފިރުމަން ފެށިއެވެ. “އަހަރެން ރަނގަޅު. ހިނގާބަލަ މިތަނުން އަވަހަށް ދާން.” އަހަރެންގެ ހިތް އަވަސްވިއެވެ. އަހަރެމެން ގެސްޓްހައުސްއަށް ދިއުމަށް އިހުތިޔާރުކުރީ އެހެން މަގެކެވެ. އެއީ އެވަގުތު ވެސް މީހަކަށް ފެނިދާނެތީއެވެ. ގެސްޓްހައުސްގެ ދޮރުން އެތެރެވުމާއެކު ރަހީފް އަވަސް އަވަހަށް ދޮރުލެއްޕިއެވެ. އަދި އެތެރެއަށްވަދެ ތުވާއްޔެއް ގެނަސް އަހަރެން އަތަށް ދިއްކޮށްލިއެވެ.

އޭރު އަހަރެން އިނީ ވަރަށް ބޮޑަށް ހީކަރުވައިގަނެފައެވެ. ގައިގައި ތުވާލި އޮޅާލައިގެން އެތާހުރި ގޮނޑިއެއްގައި އަހަރެން އިށީނީމެވެ. އަދި ވެގެންދިޔަ ކަންކަމާމެދު ފުންކޮށް ވިސްނާލީމެވެ. ކުއްލިއަކަށް މިއަދު އަހަރެންނަށް ހަގީގަތް ހާމަވަމުން މިދަނީ ކީއްވެހެއްޔެވެ؟ އަހަރެން ބަލާބޮޑުކުރި މީހުން އަހަރެންގެ މައިންބަފައިންގެ ހަގީގަތް ކިޔައި ނުދިނީ ކީއްވެގެން ހެއްޔެވެ؟ ނޫނީ ކުށްވެރިއަކީ އަހަރެންހެއްޔެވެ؟ ފެށުނީއްސުރެން އަހަރެންނަށް ފެންނަމުން ދިޔަ ހުވަފެންތަކަކީ ބިލާހެއް ކަމަށް ގަބޫލުކުރީ ހުދު އަހަރެންނެވެ. ގޭތެރެއިން ދޭތެރެއަކުން ފެންނަ ކަންކަމަކީ ވެސް ޝައްކާއި ވަހުމް ކަމަށް ކަނޑައެޅީ ވެސް ހުދު އަހަރެންނެވެ. މިފަދަ އެތައް ސުވާލަކާއި ވިސްނުންތަކެއް އަހަރެންގެ ސިކުނޑިތެރޭގައި އެނބުރެން ފެށިއެވެ.

“ރާޔާ! ކިހިނެއްތަވީ؟ ކޯއްޗެއްތަ ފެނުނީ؟ ކޮންކަމެއްތަ ހަނދާންވީ؟”. ކުރިމަތީގައި ހުރި ގޮޑީގައި އިށީންނަމުން ރަހީފް އަހަރެންނާ ސުވާލުކުރިއެވެ. “މަންމަ. ވަރަށް ތުއްތުއިރު ކޮންމެވެސް ރަށަކަށް ޗުއްޓީއަކަށްދާންވެގެން ފުރީ. ފުރިއިރު މޫސުން ވަރަށް ރީތި. އެކަމަކު މާގިނައިރެއް އިރެއްނުވެ ކަޅުބޯވިލާތަކުން މުޅި ދުނިޔެ ވަށާލީ. ހަމަ ކުއްލިއަކަށް ވައިގަދަވެފަ ވިއްސާރަވެހެން ފެށީ. އަހަރެންނަށް ކަނޑުމަތީގެ ތަޖުރިބާއެއް ކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެފަހަރު އެދިޔަ ރަށަކަށް ދިޔައީ ކަނޑުމަގުން. އެ ނޫނިއްޔާ ކަނޑުމައްޗަށް އެރި ހަނދާނެއް ނުވެ. ދެން ފެނުނީ މަންމަ އަހަރެންގައިގައި ބައްދައިގަނެގެން ކުރުސިކިޔަން އިންތަން. ދެން އިތުރަކަށް އެއްވެސް އެއްޗެއް ހަނދާނެއް ނުވި. ހޭވެރިކަންވީއިރު އަހަރެން އޮތީ ރަހީފްގެ އަތްމަތީ. ރަހީފް އެއީ އަހަރެންގެ މަންމަ. އަހަރެންނަށް މަންމަ ފެނުނު. ޔަގީން. އަހަރެންނަށް މަންމަ ހުންނަގޮތް ހަނދާންވެއްޖެ.” އަހަރެންނަށް ރުއިން ފިޔަވާ އިތުރު ކަމެއް ނުކުރެވުނެވެ.

އެރޭ ރަހީފް މަޑުކުރީ ގެސްޓްހައުސްގައެވެ. އޭނާ ނިދީ ޖެހިގެން ހުރި ކޮޓަރީގައެވެ. އަހަރެން އެރޭ ވަރަށް ރުއީމެވެ. އުފާވެސްވިއެވެ. އުމުރުގެ މިހާތަނާއި ޖެހެންދެން ވެސް އަހަރެންނަކީ މާޒީ ހަނދާންނެތިފަ ހުރި މީހެކެވެ. ނަމަވެސް މާޒީން ހަނދާންމިވީ ފޮހެލަން އުނދަގޫ، ހިތަށް އެހާމެ ފުން އަސަރުތަކެއް ކުރުވި ކަމެކެވެ. އަހަރެން އެރޭ ނިދީ ގިސްލާ ކަރުނަ އަޅަމުންނެވެ. އެކަމަކު ހިނގަމުންދިޔަ ކަންކަމާއި ކުރިމަތިލާނެ ހިތްވަރެއް ލިބުނެވެ. ހުރިހާ ކަމެއްގެ ހަގީގަތް ހޯދާފައި ނޫނީ، އެބުރި މާލެ ނުދާން އަހަރެންގެ ހިތުގައި އަޒުމު ކަނޑައެޅީމެވެ.

ހެނދުނު ހޭލައިގެން ނާސްތާ ނިންމާލުމަށްފަހުގައި އަހަރެންނާއި ރަހީފް ދިޔައީ ރައިހާން ހޯދަންށެވެ. ރަހީފް ބުނާގޮތުންނަމަ ރައިހާން އާއި ގުޅިގެން އެކަމުގައި ކުރިއަށް ދިއުމަށް ފަސޭހަވާނެތީއެވެ. ރައިހާން އާއި ދިމާވުމުން އަހަރެން ރައިހާންއަށް ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. ރައިހާންއަކީ ވަރަށް މަޑުމަޑުން ހުރެ ކަންކަމާމެދު ވިސްނާ މީހެކެވެ. “ވަރަށް ހައިރާންވެއްޖެ. ތިބުނާ ބައެއްގެ ވާހަކަ ތުންތުން މަތިން އަހަރެން ވެސް އަޑުއެހިން. އެކަމަކު އަހަރެން ހިތަށް އަރަނީ އެހާ ކުރީގެ ކަމަކާއި ރާޔާއާ ގުޅެން ޖެހެނީ ކީއްވެބާއޭ؟. ދެން ތިބުނީއެއްނު ފުރަތަމަ ރަހީފް އާއި ދިމާވި ދުވަހު، ރަހީފް އައުމުގެ ކުރިއަށް އޭނަގެ ސިފައިގަ އެހެން މީހަކު އައިވާހަކަ. އޭތި ބުނިކަމަށް އެބަ ވެއެއްނު، ހަގީގަތް އެގޭ އެކަކު ހުރި ވާހަކަ. އެމީހާ ހޯދަންވީއެއްނު. މިރަށުގައި ހުރި އެންމެ ދުވަސްވީ މީހާ ކައިރިއަށް ދަމާ. ކޮންމެވެސް ކަމެއް ހޯދިދާނެ. އެކަމަކު އޭނަ މިހާރު ވަރަށް މުސްކުޅިވާނެ. ކަމެއް ހަނދާން ހުންނާނެކަމާމެދު ޝައްކު.” ރައިހާން ދިން ހިޔާލަކީ އެއީއެވެ.

ރައިހާން ބުނި ގޮތަށް ކުރިއަށްދިއުމަށް އަހަރެން ނިންމީމެވެ. އޭރު ރަށުތެރޭގައި ކޮންމެ ވެސް ވަރަކަށް އަހަރެންގެ ވާހަކައައީ ދެކެވެމުންނެވެ. ކޮންމެ މީހަކަށް ވެސް އެގެނީ އަހަރެން އެރަށަށް ދިޔައީ ޗުއްޓީ ހޭދަކޮށްލަން ކަމެވެ. ހާއްސަކޮށް ރަހީފް އާއި އަހަރެންގެ ވާހަކައެވެ. އަހަރެންމެން ދެމީހުންގެ ގުޅުމާމެދު އެތައް ބަޔަކު ސުވާލު އުފެއްދިއެވެ. ނަމަވެސް އަހަރެން މިއިން އެއްވެސް ކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެމެވެ. ކަންކަން ހާމަވަމުން ދިޔަގޮތުން އަހަރެންގެ މަސައްކަތަށް ވަރަށް ބޮޑު ލުއެއް ލިބުނެވެ.

އަހަރެމެންގެ މަސައްކަތް އަބަދުވެސް ފެށެނީ ރޭގަނޑުވުމުންނެވެ. ރޭވުމާއެކު، އެބުނާ މުސްކުޅި މީހާގެ ގެއަށް ދިޔައީމެވެ. މިފަހަރު އަހަރެމެންނާއެކު ރައިހާން ވެސް ބައިވެރިވިއެވެ. އެ ގެއަކީ ރަށުގެ އަނެއްކޮޅުގައި މީހުން ދިރިއުޅޭ ހިސާބާއި ތަންކޮޅެއް އެކަހެރިކޮށް ހުންނަ ގެއެކެވެ. އެއީ ދޮންހުއްތު ކިޔާ މީހެކެވެ. އެގެއާއި ގާތްގަނޑަކަށް ފަނަރަވަރަކަށް ފޫޓާއި ހަމައިން މަގުމަތީގައި ދިއްލާފައިހުރި ހޮޅިބުރިތައް ނިވުނެވެ. އަހަރެން ސިހިފައި ރަހީފްގެ އަތުގައި ހިފީމެވެ. ހޮޅިބުރިތައް ނިވުމާއެކު ތަނެއް ދޮރެއް ވައްކެއް ނުވިއެވެ. އެގޭގެ ކުރިމައްޗަށް އޮތީ ރަށުގެ ވަލުތެރެ ކަމުން، އެކިޒާތްޒާތުގެ އަޑުއިވެއެވެ. ކުއްލިއަކަށް މީހަކު އަހަރެންގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަތެވެ. ވީތަދެއްގެ ބޮޑުކަމުން އަހަރެންނަށް ރޮވުނެވެ. އަހަރެން ބިންމައްޗަށް ބަންޑުން ވެއްޓުނެވެ. އަހަރެން ވަރަށް އުނދަގުލުން ކޮޅަށް ތެދުވީމެވެ. “ރާޔާ!. ރާޔާ!.” އަހަރެންގެ ފުރަގަހުން މީހަކު ގޮވަން ފެށިއެވެ. އަހަރެން ތުރުތުރުއަޅައި ދާހިތްލާ ފޯވާން ފެށިއެވެ. ބިރުން، ހުރި ފިޔަވަޅުމަތީ ގުޑާލަން ވެސް ނުކެރިފައި ހުރީމެވެ. އަދިރިކަމުން އެއްވެސް ތަނެއް ނުފެނެއެވެ. އިރުކޮޅަކުން އަހަރެންގެ ކަންފަތާއި ދިމާލުން މީހެއްގެ ހޫނު ނޭވާއެއް އިހުސާސްވިއެވެ. އޭތި ހުރީ އަހަރެންގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ. ކުއްލިއަކަށް އަހަރެންގެ ކަންފަތްބުޑުގައި ދަތްއެޅިއެވެ. ވީތަދުން ހަޅޭއްލަވައިގަނެވުނު ގޮތްވެސް ނޭންގުނެވެ. އަހަރެން އަތުގެ އުޅަބޮށިން ޖަހާ އޭތި ކޮއްޕާލީމެވެ. އަދި ގައިގައި ހުރި ބާރެއްލާފައި ކުރިއަށް ދުއްވައިގަތީމެވެ. އަހަރެންނަށް ދުއްވައިގަނެވުނީ ތަންކޮޅަކަށެވެ. އަހަރެންގެ ބޯމަތީ ވަށައިގެން ކާޅުތަކެއް އެނބުރެން ފެށިއެވެ. އަހަރެން ހުއްޓިފައި މައްޗަށް ބަލާލީމެވެ. އޭރު ވަކިވަކިން ފަހަރަކު ކާޅެއް އަހަރެންގެ ފައިބުޑަށް ވެއްޓެން ފެށިއެވެ. އެއިން އެއްވެސް އެއްޗެއްގެ ބޮލެއް ނެތެވެ. އޮތީ ލެއިން ތަތްތެޅިފައެވެ.

މާގިނަ އިރުތަކެއްނުވެ މުޅި އެ ހިސާބުގައި އޮތީ ލެއިން ތަތްތެޅިފައިވާ ކާޅުތަކެކެވެ. އަހަރެން އަނެއްކާ ވެސް ދުއްވައިގަތީމެވެ. ދުވެދުވެ ހުއްޓާ އޭތި މިފަހަރު ދިމާކުރީ އަހަރެންގެ ކުރިމަތިންނެވެ. މޫނެއް ނުފެންނަތާ، ބިމުގައި ފައިވެސް ނުޖެހެއެވެ. މުޅި ގައިގައިހުރީ ލޭކޮށާފައެވެ. އަހަރެންނަށް ހަމަނޭވާލާނެ ވަގުތެއް ނުލިބި އުޅެނިކޮށް އޭތި އައިސް އަހަރެންގެ ކަރުގައި ހިފިއެވެ. އެހިފިގޮތަށް ބިންމަތީގައި ކޫއްތާފައި ގެންދަން ފެށިއެވެ. ދިޔަލެއް ބާރުކަމުން ފުރާނަ ސަލާމަތްވާނެ ކަމުގެ އުއްމީދު ވެސް ކަނޑާލީމެވެ. އަހަރެންގޮސް ބަންލާފައި ޖެހުނީ ގަސްބުޑެއްގައެވެ. ވީތަދުން މަންމާއޭ ކިޔައި ހަޅޭއްލަވައިގަނެވުނެވެ.

ދެން ކުރިމަތިން ފެނުނު މަންޒަރުން ހިތްގަނޑު އަތަށް ނައީހަމަ ކިރިޔާއެވެ. ފެނުނީ ގަހުގައި ދަންޖައްސާފައި ހުރި ގަބުރެކެވެ. ފައިގެ ނިޔަފަތިތައް ވެސް ހުރީ ވަކިވެފައެވެ. މުޅި މީހާގެ ގައިގައި ހުރީ ހުސްލެއެވެ. ދެލޯ އޮތީ ބޭރަށް ނިކުމެފައެވެ. ލޯ ކައިރިން ލޭ އޮހޮރެމުން ދިޔައެވެ. އަހަރެން ބިރުން ހަޅޭއްލަވަމުން ދުއްވައިގަތީމެވެ. ދުވަމުން ގޮސް އަހަރެންނަށް ނިކުމެވުނީ ދޮންހުއްތުބޭގެ ދޮރުމައްޗަށެވެ. އޭރު ރަހީފް އާއި ރައިހާން ފެންނާކަށް ނެތެވެ. ބިރުގަނެފައިހުރިލެއް ބޮޑުކަމުން އަހަރެން ދުވެފައިގޮސް ދޮންހުއްތުބެ ގޭގެ ދޮރުގައި ވަރަށް ބާރަށް ޓަކި ޖެހީމެވެ. އަހަރެން އޭރުވެސް ރޯމަހެއް ތެޅޭހެން ތެޅެނީއެވެ. އަދި ކުރިއަށްވުރެ ބާރަށް އެގޭ ދޮރުގައި ޓަކި ޖެހީމެވެ. ދޮރެއް ނުހުޅުވިއެވެ.

އަހަރެންނާ ދިމާލަށް މީހަކު އަންނަކަމުގެ އިހުސާސް ކުރެވުނެވެ. ބިރުންވިރިވިރި އޮތް ހިތަކާއެކީ ފަހަތަށް އެބުރުނީމެވެ. ކުރިމަތީގައި ހުރީ އަހަރެންގެ މަންމައެވެ. އެކަމަކު އެއީ އިންސާނެއްގެ ސިފައިގައި ހުއްޓަސް އިންސާނެއް ނޫންކަން އަހަރެންނަށް ޔަގީންވިއެވެ. ދެންފެނުނީ މަންމަގެ ކަރުގައި އޮތް ވާގަނޑެވެ. އެ ވާގަނޑަކީ ދެންމެ އަހަރެންނަށް ވަލުތެރެއިން ފެނުނު ގަބުރުގެ ކަރުގައި އެލުވާފައި އޮތްވާގަޑެވެ. ހަމަ ކަޅުކުލައެވެ. ކުއްލިއަކަށް މަންމަގެ ފަހަތުން ވާގަނޑުގެ އެލިފައި އޮތްބައިގައި ހިފައި މީހަކު ދަމައިގަތެވެ. ލޯކުރިމަތިން މަންމަ ގެއްލުނެވެ. އަހަރެންނަށް ހަޅޭއްލަވައިގަނެވުނު ގޮތް ވެސް ނޭންގުނެވެ. އެވަގުތު ސިކުނޑިއަށް ވެރިވީ ބަރުދާސްތުކުރަން ވެސް ދަތި ހިޔާލެކެވެ. މަޑުމަޑުން އަހަރެންނަށް ވިސްނެން ފެށިއެވެ. އަހަރެންގެ މަންމަ މަރާލީއެވެ. އަދި ކޮންމެ ވެސް ސިފައެއްގައި އަހަރެންނަށް ހަގީގަތް ކިޔައިދޭން މަސައްކަތް ކުރަނީއެވެ. “އެކަމަކު އަހަރެންގެ މަންމަ މަރާލަން ޖެހުނީ ކީއްވެ އަދި ކާކުހެއްޔެވެ؟”.

(ނުނިމޭ)

ނޯޓް: ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހު މި ވާހަކައިގެ އާ ބައެއް އަޕްލޯޑު ކުރެވޭނެއެވެ.

Leave a comment

Your email address will not be published.