Thu, 28 May, 2020, 5:34 pm
ދަތުރު – 8
16

އަހަރެންގެ ސިކުނޑިހީވީ ނާށިގަނޑު ފަޅާލާފައި ނިކުމެދާނެހެންނެވެ. މި ބިރުވެރިކަމުގެ ތެރޭގައި ހުއްޓާ ރަހީފް އާއި ރައިހާން ދުވެފައި އަންނަތަން ފެނުނެވެ. ރަހީފް ދުވެފައި އައި ގޮތަށް އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. ރަހީފް ހުރީ އަހަރެން ގެއްލުމުން ހާސްވެ ކަންބޮޑުވެފައެވެ. ހަމަ އެވަގުތު އެ ގޭގެ ދޮރުޅުވުނެވެ. އެތެރެއިން ނިކުތީ ވަރަށް މުސްކުޅި ފުރައިގެ އަންހެނެކެވެ. އެމީހާ ފެނުމާއެކު ރަހީފް އަހަރެންގެ ގައިން ދޫކޮށްލިއެވެ. “ރަހީފް؟ ރައިހާން؟ މިގަޑީގައި؟.” އަންހެންމީހާ ވާހަކަދެއްކީ އެމީހުންނާއެވެ. އަހަރެން ހަމަޖެހިލެވޭތޯ މަސައްކަތްކުރީމެވެ. އަދި ދޮރުގައި ވަރަށް ގިނައިރު ޓަކި ޖެހި ވާހަކަ ބުނީމެވެ. “އެނގޭ ޓަކިޖެހިކަން. އެކަމަކު ޓަކިޖެހި ގޮތުން އަހަރެމެންނަށް ހީވީ މުޅިން އެހެން ގޮތެއް. މިގޭ ދޮރުގައި ރޭގަނޑު ގަޑީ އެގޮތަށް ޓަކިޖެހުމާ މީހުން ރޯ އަޑުއިވުމަކީ އާއްމުކަމެއް. ދޮރުމިހުޅުވީ މުޅި ގެ ވަށާ ފެންޖަހަންވެގެން. އެހެންނޫނީ ނިދޭވަރެއް ނުވާނެ،” އެ އަންހެން މީހާ ކިޔައިދިނެވެ.

“ޒުނީރައްތާ! ދޮންހުއްތުބެ ހޯދަން މިއައީ. ވަރަށް ބޮޑު ކަމަކު. މިއީ ރާޔާ. ވާހަކަލިޔާ ކުއްޖެއް.” ރަހީފް ކުރިއަށް ޖެހިލުމަށްފަހު ވާހަކަދެއްކިއެވެ. “އެހެންތަ؟ އެންމެން އަވަހަށް އެތެރެއަށް ވަދޭ. ބޭރުގައި މާގިނައިރު ތިބުން ރަނގަޅެއް ނޫން.” ޒުނީރައްތަ އަހަރެމެންނަށް އެތެރެއަށް ވަނުމަށް ދައުވަތު ދިނެވެ. ގެއަކީ ވަރަށް އާދައިގެ ގެއެކެވެ. ކުޑަ ސިޓިންރޫމުކޮޅަކާއި ކުޑަ އެއްކޮޓަރި ހުއްޓެވެ. އެދެމަފިރިންނަށް ކިރިޔާ ކައްކައި ކާލައިގެން އުޅެވޭވަރުގެ ބަދިގެއެއް ހުއްޓެވެ. ގޭތެރޭގެ ހާލަތަށް ބަލާލުމުން އެމީހުންނަކީ ވަރަށް ހާލުގައި ދިރިއުޅޭ ބައެއްކަން އެނގިގެންދެއެވެ. އަހަރެމެން ވަނުމާއެކު އަސާގަނޑެއްގައި މަޑުމަޑުން ކޮރުޖަހަމުން ކޮޓަރިތެރެއިން ދޮންހުއްތުބެ ނިކުތެވެ. ފުރަތަމަވެސް ނިކުމެފައި ވަކި ހިސާބެއްގައި ހުއްޓުނެވެ. ދޮންހުއްތުބެ އަހަރެންނާއި ދިމާލަށް ބަލަން ހުއްޓިހުރިގޮތުން އަހަރެން ބިރުވެސް ގަތެވެ. އޭރު ޒުނީރައްތަ އަހަރެމެން ކައިރި ހުރި އަނދަރާދަ ގޮނޑިގައި އިށީންދެގެން އިނެވެ.

“ދޮންހުއްތޫ! މީ ހޯދަން އައިސް ތިބި ބައެއް. އާދެބަލަ! އާދެބަލަ!.” ޒުނީރައްތަ ދޮންހުއްތުބެއަށް ތަންކޮޅެއް ބާރަށް ގޮވާލިއެވެ. ޒުނީރައްތަ ގޮވާލުމާއެކު، ދޮންހުއްތުބެ އައިސް ސޯފާގެ ކުރިމަތީގައި ލަކުޑިން ހަދާފައިހުރި ކުޑަކުޑަ އަށިމަތީގައި އިށީނެވެ. އޭރުވެސް ދޮންހުއްތުބޭގެ ކަޅިހުރީ އަހަރެންނާއި ދިމާލަށެވެ. އަހަރެން ކުޑަކޮށް ޖެހިލުންވާން ފެށިއެވެ. ރައިހާން އާއި ރަހީފް ވެސް ތިބީ ބަސްމަދުވެ ބުނާނެ އެއްޗެއް ނޭންގިފައެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އަހަރެންނަށް އިޝާރާތުން ދޮންހުއްތުބެ ކައިރިއަށް އައިސް އިށީނުމަށް ބުންޏެވެ. އަހަރެން ގޮސް ދޮންހުއްތުބޭގެ ކުރިމަތީގައި ހުރި ގޮޑީގައި އިށީނީމެވެ.

“ކޯމަތީގައި ތިއިން ލަފަކީ ކޮން އިރެއްގެ ނިޝާނެއް؟.” އަހަރެން އިށީނުމާއެކު ފުރަތަމަ ވެސް ދޮންހުއްތުބޭ ކުރީ އާދަޔާހިލާފު ސުވާލެކެވެ. މުސްކުޅިވެ ގައިބާރު ދެރަވެފައިވާ ހާލު މަޑުމަޑުން ވާހަކަދެއްކި ނަމަވެސް ދޮންހުއްތުބޭ ކުރި ސުވާލު އަހަރެންނަށް ސާފުވިއެވެ. “އަހަރެންނަކީ އެއްވެސް ކަމެއް ހަނދާންހުރި މީހެއް ނޫން. އަހަރެން މި މަސައްކަތްކުރަނީ ވަރަށް ގިނަ ކަންކަން ހޯދަން.” ދޮންހުއްތުބޭއަށް އަޑުއިވޭ ވަރަށް އަހަރެން ވާހަކަދެއްކީމެވެ. އޭރުވެސް އަހަރެން އިނީ ވެދިޔަކަންތައް ހިތަށް އަރާ ރޮވިފައެވެ. އަހަރެންނަކީ ކާކުކަމާއި، އަދި އަހަރެންނަށް ދިމާވެގެން އުޅޭކަންކަން ކޮންމެ ވެސް ވަރަކަށް ކިޔައިދިނީމެވެ. އަހަރެން ވާހަކަދައްކާ ނިމުނުތަނާ ދޮންހުއްތުބޭ ޝަހާދަތް ކިޔަންފެށިއެވެ.

“ކޮއްކޯ! މޫނުމަތީގައި ތިއިން ލަފު، ކޮއްކޮ މަންމައޭ ތިބުނާ އަންހެން މީހާގެ ނިއްކުރިމަތިން ދުށިންތަ؟ އަހަރެން އަޑުއެހިގޮތުގައި ހަމަ ތިގޮތަށް އަރިއަކަށް ދަމާލާފައި އިންނަ ރޮގެއް އެމީހާގެ ހުރޭ. އެހެންކަމަށްވާނަމަ ތި ދައްކާ ވާހަކައާއި ތި ފެންނަ ކަންކަމާއި ވަރަށް ބޮޑު ގުޅުމެއް އެބަވޭ. ބޭބެއަކަށް މާ ރަނގަޅަކަށް އެހާކުރީގެ ވާހަކަތަކެއް ހަނދާނެއް ނުހުރެ. ބުނެވޭ ގޮތުގައި އެ ހުރިހާ ކަމެއް އަސްލު ފެނުނު މީހާ ވެސް މިހާރު ދުނިޔެއަކު ނެތް. މިރަށުގައި ތިބުނިގޮތަށް ބަޔަކު މަރުވި. ބުނަނީ އެމީހުން މަރާލީއޭ. މަރާލީ ކީއްވެކަމެއް ނޭންގެ. އެއީ ދެމަފިރިންނާއި އެމީހުންގެ ދަރިއެއް. އެމީހުން މިރަށަށް ލެއްގި ގޮތަށް ފަހުން ދިރިއުޅުނީ މިރަށުގައި. އަޑުއެހިން އެފަހަރު އެމީހުންގެ ދޮށީ ދަރިފުޅު ގެއްލުނު ވާހަކަ. ގެއްލުނު ކުއްޖާ ހޯދަން ވަރަށް މަސައްކަތްކުރި. ނުފެނުމުން މަރުވީ ކަމަށް ނިންމާ އެމީހުންގެ މަރާއި ހަމައަށް ވެސް އުޅުނީ މިރަށުގައި. އެމީހުންނަކީ މާލޭ ބައެއް ކަމަށްވަނީ. ފަހުން އެމީހުން މާލެ ބަދަލުނުވީ މިރަށުގައި ގެސްޓްހައުސް ވިޔަފާރި ފަށައިގެން އެކަމުގައި އުޅުނީމަ. އަދި މި އަތޮޅު އެހެން ތިން ރަށެއްގައި ވެސް އެމީހުންގެ ވިޔަފާރި އޮވޭ. މީދަ ރައިހާނުއާނު ހުރިހާ ތަނެއް ހަވާލުކޮށްފަ ހުރީ. އަސްލު އެ ހުރިހާ ތަނެއްގެ ބޮޑުމީހަކީ މިބުނި މަރުވި މީހުންގެ ފިރިހެންދަރި. ތިބުނިގޮތުންނަމަ ތިއީ އެ ގެއްލުނު ކުއްޖާއެއްނު.” ދޮންހުއްތުބޭގެ ވާހަކަ މިހާހިސާބަށް ދިޔަތަނާ އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހޮރެމުން ދިޔައެވެ.

ދޮންހުއްތުބޭ އަހަރެންނަށް ހިތްވަރުދިނުމުގެ ގޮތުން އަހަރެން ބޮލުގައި މަޑުމަޑުން ފިރުމާލިއެވެ. ހިތްވަރުކޮށްފައި އެއީ ހަގީގަތްކަން ގަބޫލުކޮށް އަތުގެ ނުފުށުން ކަރުނަތަށް ފޮހެލީމެވެ. ގެއްލިގެން ހޯދި ކުއްޖާއަކީ އަހަރެންކަމަށް ނިންމީމެވެ. އެވަގުތު އަހަރެންގެ ހުރިހާ ސުވާލެއް ވެސް އަމާޒުވީ ރައިހާންއާއެވެ. “ރައިހާނު ނޫނަސް އަދި ހުރޭތަ ތަނުގެ ބޮޑުމީހެއް؟ އަހަރެން އެހީމެވެ. ނަމަވެސް އެ ސުވާލަށް ޖަވާބުދިނީ ރަހީފެވެ. “ހުންނާނެ. އެކަމަކު އަހަރެން ރައްޓެހީ ރައިހާންއާ. ރައިހާން ވިއްޔަ ހުރިހާތަނެއް ބަލަހައްޓަނީ. އެހެންވެ ރާޔާ ކައިރި ބުނީ ރައިހާންގެ ތަނެކޭ. ދޮންހުއްތުބެ ތިކިޔަނީ އެއްކަލަ މުރާދު ވާހަކައެއްނު. ރަށުގަ އޭނަގެ ފައި ޖެހިއްޖިއްޔާ މުޅި ރަށުގައި އޮންނާނީ އޭނަގެ ދެފައި. އޭނަ އަތުގައި ފައިސާ ހުންނާތީ މިރަށުމީހުން އޭނައަށް ވަރަށް އިހުތިރާމްކުރާނެ. މާލޭގައި އާއި ރާއްޖޭން ބޭރުގަ އުޅޭނީ. ރައިހާންއަށް ހުރިހާ ކަމެއް.” ރަހީފްގެ އަޑުގައި ވަނީ ނުރުހުމެވެ.

އަހަރެންނަށް ޔަގީންވި ކަމަކީ މަރާލެވުނީ އަހަރެންގެ އާއިލާކަމެވެ. އަހަރެންގެ އެއްބަނޑުއެއްބަފާ ކޮއްކޮމެން ތިބިކަން ވެސް މި އެގުނީ އެތައް ޒަމާނެއް ފަހުންނެވެ. އަހަރެންގެ މާޒީ ނިއުޅެމުން ދިޔަ ވަރަކަށް ހިތުގައި އުފެދެން ފެށި ސުވާލުތައް ދިޔައީ ގިނަވަމުންނެވެ. އިންސާނަކަށް ރޮވޭނެ ވަރަކަށް ރޮވިއްޖެއެވެ. ކަރުނައަޅާ ރުއިމަކުން އަހަރެންނަށް ގެއްލިގެން ދިޔަ ފުރާނަތަކެއް ނުލިބޭނެކަން ކަށަވަރެވެ. އެހިނދު އަހަރެން ދެލޯ ފޮހެލީ މަރުވެދިޔަ އަހަރެންގެ މައިންބަފައިންނާއި ކޮއްކޮގެ ހައްގުގައެވެ. ހަގީގަތް ހޯދައި އިންސާފުހޯދުމަށެވެ. އަދި އަހަރެންގެ ކޮއްކޮއެއް ދުނިޔޭގައި ހުރިކަން އެނގުމުން ލިބުނު އުފާވެރިކަން ބަޔާންކުރަން ވެސް ނޭންގުނެވެ.

“ރައިހާން ކޮންނަމެއްތަ އޭނައަށް ކިޔަނީ؟ ކިހިނެއް ހުންނަނީ؟ އަހަރެންނާއި ކޮއްކޮއާ ބައްދަލުވާނީ ކިހިނެއް؟ ޕްލީޒް ރައިހާން. ބައްދަލުވެވެން އޮތް ގޮތަކަށް، ވީއެންމެ އަވަހަކަށް އަހަރެން ކޮއްކޮއާ ބައްދަލުކުރަން ބޭނުން.” ގެސްޓްހައުސްގެ ދޮރުން އެތެރެއަށް ވަންނަމުން އަހަރެން ރައިހާންއާއި ހުރިހާ ސުވާލެއް އެއްފަހަރާ ކުރީމެވެ. “އޭނަ މިވަގުތު ހުރީ މާލޭގަ. މިތަނުގައި ރެނޮވޭޝަން މަސައްކަތްދާ ގޮތް ބަލާލަން އަންނާނަމޭ ބުނި. މިވަގުތަށް ފޯނުން ވާހަކަދެއްކިދާނެ. އެކަމަކު އަހަރެންގެ ސުވާލަކީ، އޭނަ ތިހުރިހާ ކަމެއް ގަބޫލުކުރާނެހޭ؟ މީގެ އެތައް އަހަރެއް ކުރީގެ ކަމެއް. މަށަކަށް ހިއެއްނުވޭ އޭނަގެ ދައްތައެއް ހުންނަކަން އޭނައަށް އެނގޭހެންވެސް. އެނގޭނަމަ މިއޮތްހާ ދުވަހު އެ ވާހަކަ ނުދެއްކީ ކީއްވެގެން؟ އަހަރެން ވެސް އޭނައާއި ވަރަށް ގާތްވާނެ. އަހަރެން ކައިރިއަކު ވެސް ނުބުނެ. ނޫނީ އޭނައަށް ދައްތައެއް ހުންނަކަން ނޭންގެނީ!. މިއީ ބޮޑު އޮޅުންބޮޅުމެއް. އަނެއްކޮޅުން ރާޔާތީ އޭނަގެ ދައްތަކަން ސާބިތުވާނެގޮތެއް އެބައޮތްތަ؟ މިއީ އޭނަ ކޮށްފާނެހާ ސުވާލު. އެއީ ވަރަށް އެހެން ކަހަލަ މީހެއް.”

ރައިހާންގެ ވާހަކަ މިހާހިސާބަށް ދިޔަތަނާ ގެސްޓްހައުސްގެ މައި ދޮރޯށި ބަންކިޔާފައި ހުޅުވުނެވެ. ދެން ފެނުނީ ތަނުގެ މަތިން ވަށާ އެނބުރެމުން ދިޔަ އަލިގުޅަތަކެކެވެ. އެންމެން ދުވެފައި ގޮސް ގެސްޓްހައުސްގެ އެތެރެއަށް ވަނީމެވެ. އޭރު އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ބިރުވެރިކަމެވެ. އިރުކޮޅެއްނުވެ ތަނުގައި ދިއްލާފައި ހުރި ބޮކިތައް ނިވިދިއްލެއް ފެށިއެވެ. އަދި އެތަނުން ދެބޮކި ތަޅައިގެން ގޮސް މުޅި ތަނުން ކަރަންޓް ކެނޑުނެވެ. އަހަރެންނަށް ހަޅޭއްލަވައިގަނެވުނެވެ. އޭރު ރައިހާން ހުރީ ދޮރުގައި ހިފެހެއްޓިގޮތަށް ގުޑާވެސް ނުލައެވެ. އަހަރެން ހުރީ ރަހީފްގައިގައި ބައްދައިގަނެގެންނެވެ. އަދިރިކަމުން ތަންދޮރުވަކިނުވެއެވެ. ދެންއިވުނީ މީހެއްގެ ހުނުމުގެ ބަރުއަޑެކެވެ. “ރާޔާ! ކަލޭކައިރި އަހަރެން ފުރަތަމަ ދުވަހުވެސް ބުނީމެއްނު ހަގީގަތް ހޯދަން މަސައްކަތް ނުކުރާށޭ. ކަލޭ ބޭނުންވަނީ މަރުވާންދޯ. މިރޭ އަހަރެން ކަލޭ މަރާލާފައި ނޫނީ ދުލެއް ނުކުރާނަން.” އެ ބިރުވެރި އަޑާއެކު އަހަރެންނަށް ހަޅޭއްލަވައިގަނެވުނެވެ.

(ނުނިމޭ)

Leave a comment

Your email address will not be published.