Thu, 28 May, 2020, 6:02 pm
ވާހަކަ: ދަތުރު – 9
16

އަހަރެންނަށް ބޭއިހްތިޔާރުގައި ރަހީފްގެ ގައިން ދޫކޮށްލެވުނެވެ. އަދި ތަޅުގައި ހިފަހައްޓައިގެން ހުރި ރައިހާން ކޮށްޕާލުމަށްފަހުގައި ދުވެފައި ބޭރަށް ނިކުތީމެވެ. އެވަގުތު ރަހީފް އާއި ރައިހާން ވެސް އަހަރެން ފަހަތުން ދުވެފައި އައިސް ބޭރަށް ނިކުތެވެ. ދުވަމުން ގޮސް ވަކި ހިސާބަކަށް ދެވުމާއެކު ރަހީފް އާއި ރައިހާން ފަހަތުން އާދޭތޯ ބަލައިލުމަށް މަޑުކޮށްލީމެވެ. އޭރު އަހަރެންނަށް މާނޭވާލެވެނީއެވެ. ފަހަތުން އައި ރަހީފް އާއި ރައިހާން ނެތުމުން ލިބުނު ހައިރާން ކަމާއި ބިރުވެރިކަން އިތުރުވިއެވެ. އެ ދެމީހުން ފެންނަން ނެތުމުން އައިކޮޅަށް ދިއުމަށް މަޑުމަޑުން ހިނގައިގަތީމެވެ. އަހަރެންނަށް ހިނގާފައި ކުރިއަށް އެޅުނީ ހަތަރުވަރަކަށް ފިޔަވަޅެވެ. އަހަރެންނާއި ފަސް ފޫޓު ދުރުން ކުރިމަތިން ކަޅު ހިޔަންޏެއް ފެނުނެވެ.

ހުރިތަނުގައި ގަބުވެފައި އެއާ ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރީމެވެ. ދެން ފެނުނީ އެ ހިޔަނި އަހަރެންނާއި ދިމާލަށް މަޑުމަޑުން އަންނަތަނެވެ. އަހަރެން އަނެއްކާ ވެސް ކުރިއަށް ދުއްވައިގަތީމެވެ. ދުވަމުން ގޮސް ނިކުމެވުނީ ރަށުގެ އަތިރިމައްޗަށެވެ. އެތަނުގައި ހަނދުވަރުގެ ފަޑު އަލިކަން ފިޔަވާ އިތުރު އެއްވެސް އަލިކަމެއް ނެތެވެ. ދުވެދުވެ ހުއްޓައި އަހަރެންގެ ފައި ކަކުނި ހޮރެއްގެ ތެރޭގައި ތާށިވިއެވެ. ތާށިވީގޮތަށް ފައި ނުވެސް ނެގުނެވެ. ކަކުނި ހޮރެއްގެ ތެރޭގައި ފައި ތާށިވުމަކީ އާދައިގެ ކަމެއް ނޫންކަން އަހަރެންނަށް އިހުސާސްވިއެވެ. އެވަގުތު ފަހަށް ބަލައިލިއިރު އެ ހިޔަނި ފެންނާކަށް ނެތެވެ. އޭރުވެސް އަހަރެން މަސައްކަތްކުރީ އެހޮރު ތެރެއިން ފައި ދަމައިގަނެވޭތޯއެވެ.

ގައިގައި ހުރިބާރެއްލާފައި ފައިގައި ހިފައި ދަމައިގަތީމެވެ. އޭރު ފަޔަށްވީ ތަދުން ހަގީގަތުގައި ވެސް އަހަރެންނަށް ރޮވުނެވެ. ފައި ބަލާލިއިރު ފައިގެ ތަބިކަށިން ވަރަށްބޮޑު ތަންގަނޑެއް ކަނޑައިގެން ގޮސްފައި ހުއްޓެވެ. އެހާލަތުގައިވެސް، ފަހަތުން އައި ހިޔަނި ފެނޭތޯ ވަށައިގެން ހޯދާ ބަލާލީމެވެ. އަހަރެންގެ ބަދުނަސީބުކަމުން އެ ހިޔަނި ހުރީ އަހަރެންގެ ފަހަތުގައިކަމެއް ނޭންގުނެވެ. ހިތްވަރުކޮށްފައި ހިނގައިގަންނަން ތެދުވި ތަނުން އަހަރެން ދިޔައީ ދުރަށް އެއްލިގެންނެވެ. އެވަގުތު އެންމެބޮޑަށް ތަދުވީ އަހަރެންގެ ފަޔަށެވެ. ބަންޑުންއޮވެ ފަސްގަނޑުގައި ކޭތްތެމުން ކުރިއަށް ދެވޭތޯ މަސައްކަތްކުރީމެވެ. އެވަގުތު އެތަށް އިހުސާސްތަކެއް ކުރެވުނެވެ. މައިންބަފައިން މަރުވިގޮތުގެ ހަގީގަތް ނުބެލި އަހަރެން މިދުނިޔެއާއި ވަކިވާން ޖެހިއްޖެނަމަ އަހަރެންގެ ހިތް ކުދިކުދިވާނެއެވެ. އަހަރެންގެ އާއިލާ މީހަކަށް ހުރި ހަމައެކަނި ކޮއްކޮއަށް ނުފެނި ހަމަ މަރުވާންވީ ހެއްޔެވެ؟

އެ ބިރުވެރިކަމުގެ ތެރޭގައި ވެސް ސިކުނޑިއަށް ބާރުކުރުވި ވިސްނުމަކަށްވީ އާއިލާއެވެ. އަހަރެން ވަރަށް ހިތްވަރުކޮށްފައި ތެދުވީމެވެ. އަދި މަޑުމަޑުން ކޮރުޖަހަމުން އަނެއްކާ ވެސް ކުރިއަށް ހިގައިގަތީމެވެ. މިފަހަރު އޭތި އަހަރެންނާއި ދިމާކުރީ ކުރިމަތިންނެވެ. ފުދޭވަރަކަށް ކައިރިންނެވެ. އޭތީގެ އިސްތަށިގަނޑު މޫނުމައްޗަށް ވެއްޓިފައި އޮތުމުން މޫނެއް ނުފެނެވެ. އަތުގައި ހުރި ނިޔަފަތިތައް ހުރީ ލޭކުލައިގައެވެ. މުޅި ހިސާބުގަނޑުގައި ވެސް ހުރީ ފަރުހޮކިވަހެވެ. ”ރާޔާ!” އަހަރެންގެ ފަހަތުން ރަހީފްގެ އަޑުއިވުނެވެ. ބޭއިހްތިޔާރުގައި ފަހަށް ބަލައިލެވުނެވެ. އެއްވެސް މީހަކު ފެންނާނަކަށް ނެތެވެ. އަހަރެން މޫނު އަނެއް ފަރާތަށް އަބުރާލިއިރު އޭތިހުރީ އަހަރެންގެ މޫނާއި މޫނު ޖެހޭ ނުޖެހޭ ހިސާބުގައެވެ.

އެ ބިރުވެރި މޫނު ފެނިފައި ހަޅޭއްލަވައިގަނެވުނު ގޮތްވެސް ނޭންގުނެވެ. މޫނުގެ އެއްފަޅި ހުރީ ޗިސްޗިސްވެފައެވެ. އަނެއްފަޅި ހުރީ އަދާފައެވެ. އަހަރެންނަށް ނޭވާއެއް ބޭރުކޮށްލުމުގެ ފުރުސަތު ވެސް ނުދީ އޭތި އަހަރެންގެ ކަރުގައި ހިފާ މައްޗަށް ނެގިއެވެ. އަހަރެންގެ އަޑު ބެދުނެވެ. ސަލާމަތަށް އެދި ގޮވާނީ ވެސް ވަކި ކާކަށް ހެއްޔެވެ. “އަހަރެން ކަލެއަށް ދިން އިންޒާރު ހަނދާންނެތުނީތަ؟ މި ދަތުރު ނުފަށާށޭ ބުނިން. ހަގީގަތް ހޯދަން މަސައްކަތް ވެސް ނުކުރާށޭ ބުނިން. ކަލެއަށް ހީވަނީތަ ވަރަށް ފަސޭހައިން ހަގީގަތް ހޯދޭނެއޭ. ނުހޯދޭނެ. ކަލޭ އާއިލާ މީހުންގެ ދުވަސް ދުއްވާލި ގޮތަށް، ދަންޖައްސާފައި ހަމަ ކަލޭގެ ދުވަސް ދުއްވާލާނީ.” އޭތި ވާހަކަދެއްކި ބަރު އަޑުންނާއި ލޮލުގައި ހުރި އަނގުރު އަލިފާން ފެނިފައި މިދެން މަރުވަނީއޭ ހިތަށް އެރިއެވެ.

އެވަގުތު ރަހީފް އާއި ރައިހާން ދުވެފައި އަންނަތަން ފެނުނެވެ. ކައިރީގައި އިތުރު މީހަކު ވެސް ހުއްޓެވެ. އަހަރެންގެ އަޑުބެދިފައިވާތީ އަތުން އެހީއަށް އެދި ހަނާއެޅީމެވެ. އެވަގުތު އޭތި އަހަރެންގެ ކަރުން އަތްދޫކޮށްލިއެވެ. އަދި ވީނުވީއެއް ނޭންގި ގެއްލުނެވެ. ” ރާޔާ! ރާޔާ!. ރަހީފް ރޮމުން ކަހަލަގޮތަކަށް ގޮވަމުން އައިސް ބައްދާލިއެވެ. އަހަރެން ވެއްޓުނީ ރަހީފްގެ އަތްމައްޗަށެވެ. އަހަރެންނަށް އެއްވެސް ވަރަކަށް ވާހަކައެއް ނުދެއްކުނެވެ. ކަރުގައި އެތައް ޒަހަމްތަކެއް ހުއްޓެވެ. އެތަންތަނުން ނަގައި ދިލައިން ކެތްނުވެއެވެ. “ސުބުހާނައްﷲ ހާދަވަރެއްކޮށްލާފައޭ އެ ދޫކޮށްލީ. އަވަހަށް ހިނގާ މީނަ ހޮސްޕިޓަލަށް ގެންދަން.” ވާހަކަދެއްކީ އިދުރީސްބެކަން އެނގުނީ އަޑު ޖެހުމުންނެވެ. އޭރު މުޅި ހިސާބުގައި ކާޅުގޮވަން ފެށިއެވެ. “ނޫން. ހޮސްޕިޓަލަށް ގެންގޮއްސިއްޔާ ރަށުތެރޭގައި އެތައް ވާހަކައެއް އަނެއްކާ ފެތުރޭނީ. މިހާރުވެސް ލައްކަ ވާހަކަ ދައްކާ.” ރައިހާންގެ އަޑުގައި ވަނީ ހާސްކަމެވެ.

އަހަރެންގެ ދެލޯ ހުޅުވުނީ އާ ދުވަހަކަށެވެ. އަހަރެން އޮތީ ގެސްޓް ހައުސްގައެވެ. ކައިރީގައި ރަހީފް ނިދާފައި އޮތެވެ. އޭރު އަހަރެންގެ ހަށިގަނޑުގައި ނުރިއްސާ ތަނެއް ނެތެވެ. ކަރުގައި ބެންޑޭޖެއް އޮޅާފައި އޮތް އިރު ފައިގައި ވެސް އޮތީ ބެންޑޭޖު އަޅާފައެވެ. އެވަގުތު އަހަރެންގެ ނަޒަރު ހުއްޓުނީ ކައިރީގައި ނިދަފައި އޮތް ރަހީފަށެވެ. ތުނިކޮށް ކޮށާލާފައި އޮތް އިސްތަށިގަނޑެކެވެ. ތުބުޅި އާއި މަތިމަސް ވެސް ހުރީ އެއްވަރަކަށް ކޮށާ ރީތިކޮށްފައެވެ. ލޮލުގެ އެސްފިޔަތަށް ދިގުވެފައި ރީއްޗެވެ. ވަށް މޫނުގެ ހަން އޮމާންވެފައި ހަމުގެ ކުލަ އައްޔެވެ. އަހަރެން އޭނާގެ ކޯތާފަތުގައި މަޑުމަޑުން އަތްޖައްސާލީމެވެ. އެވަގުތު ރަހީފްގެ ދެލޯ ހުޅުވުނެވެ. އަހަރެން ވަގުތުން އޭނާގެ ކޯތާފަތުން އަތް ނެގީމެވެ. ރަހީފް އަހަރެންގެ މޫނާއި ގާތްވެލިއެވެ. “ތިވަރަށް ދުރަށް ދާން މަސައްކަތް ނުކޮށްބަލަ. ދެމީހުންނަށް ވެސް ދެމީހުންގެ ހާލު އެނގޭ. އިހުސާސްތައް ވެސް އެނގޭ. ރޭގަވެސް ލޯ ކުރިމަތިން ރާޔާ ގެއްލުނު ހިސާބުން ފެށިގެން ރާޔާ ފެންނަންދެން އަހަރެންގެ ހިތަށް ހާދަ އުނދަގޫވިއޭ. އަހަރެމެން މަގުމަތި އެޅީ. އެންމެފަހުން އިދުރީސްބެ އައިސްގެން ސަލާމަތްވީ. ހިތަށް އެރީ ދެން ދުވަހަކު ވެސް ރާޔާއެއް ނުފެންނާނޭ. ގަބޫލުކުރަން ތީ އެހެން މީހެއްގެ ހައްގެއްކަން. އެކަމަކު ވެސް އަހަރެންގެ ހިތުގައި ރާޔާއަށް ހާއްސަ މަގާމެއް ދެވިއްޖެ. ވަރަށް ހާއްސަ.” ރަހީފް އަހަރެންގެ ނިތްކުރިއަށް ބޮސްދިނެވެ.

އަހަރެން މަޑުމަޑުން ދުރަށް ޖެހުނީމެވެ. އަހަރެން ދުރަށް ޖެހުމާއެކު ރަހީފް އަނެއްކާ ވެސް އަހަރެންނާއި ކައިރިވެލިއެވެ. “ޕްލީޒް ރަހީފް. ތިހުރިހާ ކަމަކާއި ވިސްނާނެ ހިތްވަރެއް އަހަރެން ގަޔަކު ނެތް. އަހަރެން! އަހަރެން މިއީ މީހެއްގެ އަތްބެއް. އަހަރެން މިނިވަންވީ ދުވަހަކުން ތި އިހުސާސްތައް ކިޔައިދީ. ނޫންނަމަ!.” އަހަރެންނަށް ވާހަކަދެއްކުނީ މިހާ ހިސާބަށެވެ. ރަހީފް ފޯނަށް ފޯނެއް އައެވެ. ފޯނު ބޭއްވުމަށްފަހު ރަހީފް ދިނީ އުފާވެރި ހަބަރެކެވެ. “އަހުސަން. ރާޔާގެ ކޮއްކޮ އަހުސަން ވަރަށް ކުއްލިގޮތަކަށް އެބަ އާދޭ. ރައިހާން އެ ގުޅީ.” ރަހީފް އަހަރެންނާއި ދުރަށް ޖެހިލަމުން ވާހަކަދެއްކިއެވެ. “އޭ ކީކޭ؟ ކޮއްކޮއޭ. އޭނައަށް ކިޔަނީ އަހުސަންތަ؟ ތީ ހަމަ އަސްލު ވާހަކައެއްތަ؟”. ވީ އުފަލެއްގެ ބޮޑުކަމުން އަހަރެން އިނީ ކޮޅަށް ތެދުވެއެވެ. ގައިގައި ރިހޭ ރިހުން ވެސް ހަނދާންނެތުނީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

ހަމަ އެ ސިކުންތު ރަހީފްގެ އެހީތެރިކަމާއެކީ އެނދުމަތިން ކޮޅަށް ތެދުވީމެވެ. ފަޔަށް ލިބިފައިހުރި ޒަހަމުން، އެކަނި ހިނގޭ ވަރެއް ނުވިއެވެ. އެހެންކަމުން ރަހީފްގެ އެހީތެރިކަމާއެކު ފާހާނާއާއި ހަމައަށް ދިޔައީމެވެ. އަހަރެން ފާހާނާއަށްވަދެ ކުޑަކޮށް ރީތިވެލައިގެން ނިކުތީމެވެ. އަދި ރަހީފް އާއެކު ކޮޓަރިން ބޭރަށް ނިކުތީމެވެ. އެވަގުތު ރައިހާންއާއެކު ގެސްޓްހައުސް ބޭރު ދޮރުމަތީގައި ހުރި މީހަކު ފެނުނެވެ. އޭނާ ފެނުމާއެކު އެއީ އަހަރެންގެ ކޮއްކޮކަން ޔަގީންވިއެވެ. އިސްކޮޅުން ދިގު، ހަމުގެ ކުލަ ކުޑަކޮށް އައްޔެވެ. ފަން އިސްތަށިގަނޑު ހުރީ ތުނިކޮށް ކޮށާލާފައެވެ. އަތުކުރީގައި އަޅާފައި އޮތް ގަޑިއާއި، ލައިގެން ހުރި ހުދު ގަމީހާއި އަދި ކަޅު ފަޓުލޫނުގެ ދަށަށް ޖަހާފައި ހުރީ ބެގީން މީހާގެ ހައިބަތު ދައްކުވައިދެއެވެ. އެއީ ހަމަ އަހަރެންގެ ކޮއްކޮ ހެއްޔެވެ. ވީ އުފަލެއްގެ ބޮޑުކަމުން ދުވެފައިގޮސް ބައްދައިލަން ކިތަންމެހާ ވެސް ބޭނުންވިއެވެ.

އެކަމަކު އަހަރެން ގައިގައި ދުވާނެހާ ހިތްވަރެއް ނެތެވެ. އަހުސަން އަހަރެންނާއި ދިމާލަށް ހިނގާފައި އައީ ފުދޭވަރަކަށް ބާރަށެވެ. އައިގޮތުން އެ އަންނަނީ އެތައް ޒަމާނެއް ފަހުން އޭނާގެ އާއިލާ މީހަކު ފެނިގެން ވެފައިހުރި އުފަލެއްގެ ބޮޑުކަމުން ކަމަށް އަހަރެންނަށް ހީވިއެވެ. “ކަލެއަށް އަހަރެން ހޯދިއްޖެދޯ. ބުނަން. އަހަރެން މާޒީގެ އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނޫން. ކަލޭ ހީކުރީ ކަލޭ ދިރިއުޅޭކަން އަހަރެންނަށް ނޭންގެނީ ކަމަށްތަ؟ އަހަރެންނަށް ހުރިހާ އެއްޗެއް ވެސް އެނގޭ. އެކަމަކު ކަލެއާ އަހަރެން އެއްވެސް ގުޅުމެއް ބާއްވާކަށް ބޭނުމެއް ނޫން. އެހެންވެ މިއޮތްހާ ޒަމާންވެގެން ދިޔައިރު ވެސް އަހަރެން ކަލެއާ ބައްދަލު ނުކުރީ. އަހަރެމެންގެ މައިންބަފައިން ވެސް މިދުނިޔެ ދޫކުރީ ހަމަ ކަލޭގެ ސަބަބުން.” އަހުސަންގެ ހަރުކަށިކަން ފެނިފައި އަހަރެންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އަދި އެޔަށްވުރެ ބޮޑު ސިހުމެއް ލިބުނީ އަހަރެންގެ ބޮލުގައި އެޅުނު އިލްޒާމުންނެވެ. އަހުސަން އެބުނީ ހަމަ ތެދެއް ހެއްޔެވެ؟ އަހަރެންގެ މައިންބަފައިންގެ މަރުގެ ޒިންމާ ނަގަންޖެހޭ މީހަކީ އަހަރެން ހެއްޔެވެ؟

ހިޔާލު ފައުޅުކުރައްވާ

    ވަރަށް ސަޅި މިވާހަކަ އަވަހަށް ދެންއޮތްބައި އަޕްލޯޑް ކޮއްލަބަލަ

Leave a comment

Your email address will not be published.