Thu, 28 May, 2020, 11:55 am
ވާހަކަ: ދަތުރު – 11
22

އަހަރެން ގޭގެ ދޮރުގައި ވަރަށް ބާރަށް ހިފައި ދޮރު ހުޅުވީމެވެ. ދުވެފައި ގޮސް ގޭތެރެއަށް ވަތްއިރު އޭތި ފެންނަ ހިސާބަކު ވެސް ނެތެވެ. އަހަރެން ރޮމުން ރަހީފްގެ ދޮރުގައި އިހުނަށްވުރެ ބާރަށް ޓަކިޖެހީމެވެ. ރަހީފް ވަރަށް ބާރަށް ދޮރުހުޅުވިއެވެ. ހުޅުވުމާއެކު، އަހަރެން ދުމެއް ޖަހާފައި ކޮޓަރިތެރެއަށް ވަނީމެވެ. “އަނެއްކާވެސް އަނެއް ހަ ކަންތައް ރަހީފް. ކިރިޔާ މަރުގެ އެތިފަހަރަކުން މި ސަލާމަތްވީ.” އަހަރެން ވީ ގޮތް ރަހީފަށް އޮޅުންފިލުވައިދިނީމެވެ. ވެލިފިނޮޅޭ ބުނުމާއެކު އޭނާ ކުއްލިއަކަށް ސިހުނެވެ. “ވެލިފިނޮޅޭ؟. އެއީ މި އަތޮޅު ނިމޭ ހިސާބުގައި އޮންނަ ފަޅު ރަށެއް. އެކަމަކު އާއްމުކޮށް މީހުން ދާ ރަށެއް ނޫން އެއީކީ.” ރަހީފް ހުރީ ހައިރާންވެފައެވެ. “ވަޓް؟ ރަށެކޭ؟. ކީއްވެ މީހުން ނުދަނީ؟”. އަހަރެން ހައިރާންވެފައި ސުވާލުކުރީމެވެ. “މަންމަމެން ބުނާތީ އަހަން އެއީ ކުރީގައި މީހުން އުޅުނު ރަށެކޭ. އެރަށަށް ގަބުރުތަކެއް ލެއްގިފަހުން ކަމަށް ވަނީ އެރަށް ފަޅުވީ. އޭގެ ފަހުން މީހުން ކޮންމެ ވެސް ވަރަކަށް ދަތުރުގޮސް، ވެލާނަގަން ގޮސް އުޅުނު. އެކަމަކު ރަށް ނާމާން ކަމުން މީހަކު އެތާކަށް ނުދޭ. އެއްވެސް ސަރުކާރަކުން ވެސް އެތަނަކަށް ކަމެއް ނުކުރޭ. އަޑުއެހިން ރިސޯޓުހަދަން ބަޔަކަށް ދީފަ އޮންނަ ވާހަކަ.” ރަހީފަށް އެނގޭ މިންވަރަށް އޭނާ ކިޔައިދިނެވެ.

އެރޭ އަހަރެން ނިދީ ރަހީފް ކޮޓަރީގައި ހުރި ސޯފާގައެވެ. އެކަނި ކޮޓަރީގައި ނިދުންވީ އަހަރެންނަށް ބިރުވެރި ކަމަކަށެވެ. ހެނދުނުގެ އިރު ފާޅުވުމާއެކު، އަހަރެން ފުރަތަމަ ވެސް ގޮސް ބެލީ ބޭރު ދޮރުގައި އެއްކަލަ ވަޅި އިންތޯއެވެ. ދޮރުގައި ވަޅިހެރުނުތަނުގެ ނިޝާނެއް ފެންނަން ނެތްތަނުގައި، ލޭފޮދެއް ހާ ހިސާބު ވެސް ފެންނަން ނެތެވެ. ނަމަވެސް އަހަރެންނަށް އޭރުވެސް އެ މަންޒަރު ސިފަވާ ކަހަލައެވެ. މި ހިޔާލުތަކުގެ ތެރޭގައި ހުއްޓާ ފަހަތުން މީހަކު އަހަރެންނަށް ގޮވި އަޑު އިވުނެވެ. ފަހަށް ބަލާލިއިރު ޒިވާމްއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. މިއޮތްހާ ދުވަހު ހަބަރެއްނުވެ ހުރެފައި ކުށްލިއަކަށް ޒިވާމު އެރަށަށް އައުމުން އަހަރެންނަށް ލިބުނީ ކުށްލި ހައިރާން ކަމެކެވެ. “ރާޔާ!. ރާޔާ ނުފެނި ހާދަ ގިނަ ދުވަހެކޭ މިދިޔައީ.” ޒިވާމް މަޑު ހިނގުމެއްގައި ހިނގާފައި އައިސް އަހަރެންގެ ގައިގައި ބައްދައިލިއެވެ.

އަހަރެންނަށް ވީގޮތް ބުނެދޭން ވެސް ނޭންގުނެވެ. އެތައް ޒަމާންތަކެއް ފަހުން ހަލާލު ފިރިމީހާ އަހަރެންގެ ހަށިގަޑުގައި ބީހިލި މިއީ ފުރަތަމަ ފަހަރެވެ. އަހަރެން ހުރީ ގަޑުފެންގަނޑަ ކަށްވެފައެވެ. “ހިތަށް އެރީ ސަޕްރައިޒެއް ދޭނީއޭ. އެހެންވެ ނުބުނެ އައީ. މިރަށު މީހެއް ކައިރި އަހާލާއިރަށް ބުނެފި ވާހަކަ ލިޔާ ކުއްޖާ ދޯއޭ. ރާޔާ ނުދަންނަ މީހެއް ނޫޅޭ ދޯ މިރަށަކު.” ޒިވާމް ވާހަކަދައްކަމުން ދިޔައިރު ވެސް އަހަރެން ހުރީ ބަސްހުއްޓިފައެވެ. އެހެން ހުއްޓާ ރަހީފް ގޭތެރެއިން ނިކުތެވެ. ރަހީފަށް އަހަރެމެން ދެމީހުން ތިބި ގާތްކަން ފެނިފައި ކުޑަކޮށް އުނދަގޫވިއެވެ. އޭނަ ވަގުތުން އިސްދަށަށް ޖެހިއެވެ. އަހަރެން ޒިވާމް އާއި ކުޑަކޮށް ދުރަށް ޖެހިލުމަށްފަހުގައި ރަހީފް ތައާރަފު ކޮށްދިނީމެވެ. ހެނދުނުގެ ނާސްތާ ނިންމާލެވުނީ ވަރަށް އުނދަގުލުންނެވެ. އެއްކޮޅުގައި ފިރިމީހާއެވެ. އަނެއްކޮޅުގައި އެމީހަކަށްޓަކައި ބުނެދޭން ނޭންގޭ އިހުސާސްތަކެއް ކުރެވޭ މަދަދުދާރެކެވެ. ސުފުރާމަތީގައި ރަހީފް އާއި ޒިވާމް ވަރަށް ގިނަ ވާހަކަދެއްކިއެވެ. އޭރުވެސް އަހަރެން އިނީ އާޝޯހުވެފައެވެ. ޒިވާމަށް އެހާ ބޮޑު ބަދަލެއް އައި ގޮތާމެދު ފިކުރުކުރެވެން ފެށިއެވެ. ޒިވާމް ވެގެން ދިޔައީ އަހަރެންގެ މަސައްކަތަށް ވެސް އެޅިދާނެ ބޮޑު ހުރަކަށެވެ.

ސައިބޮއެ ނިމުމާއެކު ރަހީފް ނިކުތީ ގެއިން ބޭރަށެވެ. ދިޔަތަނެއް ވެސް ނުބުނެއެވެ. އެވަގުތު އަހަރެން ކޮޓަރިއަށް ވަތްއިރު ޒިވާމް ފާހާނާއިން ނިކުންނަނީއެވެ. “ޒިވާމް ކީއްކުރަން މިރަށަށް ތިއައީ؟.” އަހަރެން އެނދުމަތީގައި އިށީންނަމުން އެހީމެވެ. “އަހަރެންގެ އަންހެނުން ކައިރިއަށް އައުމަކީ މައްސަލައެއްތަ؟”. ޒިވާމް އަހަރެންގެ އަތުގައި ހިފާލިއެވެ. “ނޭންގެ. އަހަރެމެން ދެމީހުން މީ އިނދެގެން އުޅޭ ބައެއްތަ؟ ޝައްކު!.” އަހަރެން ޒިވާމްއާ ދުރަށް ޖެހިލީމެވެ. “ހޫމް. މަށަށް އެނގޭ ތިވާގޮތް. ވަރަށް ގިނަ ކަންކަން އެނގިގެން އަހަރެން މިތަނަށް އަންނަން ޖެހުނީ. އަހަރެމެން ދެމީހުން ނަމެއްގައި އިނދެގެން އުޅުނަސް އަހަރެން ރާޔާ އުޅޭނޫޅޭ ގޮތް ނުބަލަ ހުންނާނެ ކަމަށް ހީނުކުރައްޗޭ. މިހާރު ވެސް ވަރިކުރަން ބޭނުން. އެކަމު އޭރުން އަހަރެންނަށް ލިބެންޖެހޭ މުދާގަނޑެއް ނުލިބޭނެ ވިއްޔަ. މިއަހަރު ގެ ހަދާ ނިމޭ އިރަށް ކޮންޓްރެކްޓްގައި އޮތް އުސޫލުން އަހަރެންނަށް ވީބައި އަހަރެންނަށް. އެހިސާބުން.” ޒިވާމް ނުލަފާ ގޮތަކަށް ހޭންފެށިއެވެ. “ކަލޭތީ ވަރަށް ގޮތެއް ނެތް ފިރިހެނެއް. ކޮންމެހެން އެހެން މީހުން ކުރިމަތީ މާ މާތްވާނެ ކަމެއްނެތް.” އަހަރެން ޒުވާބު ކުރަން ބޭނުން ނުވާތީ އެތަނުން ނިކުތުމަށް ހިނގައިގަތީމެވެ.

އެވަގުތު ޒިވާމް އައިސް އަހަރެންގެ އަތުގައި ވަރަށް ބާރަށް ހިފިއެވެ. “ބުނަން. މިތަނަށް މިއައީ ކަލެއާ އެކީ މާފޮޅުވާ، ބިމުގައި ހުރި ވެލި ގުނާދޭކަން ނޫން. މިއަކީ ކަލޭ ބަލާ. އަހަރެންގެ އަތްބެއްގެ ގޮތުގައި ހުންނަހާ ހިނދަކު ބާރުފޯރުވޭނެ. ނުގޮއްސިއްޔާ މުޅި ރަށުތެރޭގައި ކަލެއާއި ރަހީފްއާ ދެމީހުން ބަދުނާމުކޮށް ވާހަކަވެސް ދައްކާނަން. މާދަމާ ފުރަން ތައްޔާރުވޭ.” ޒިވާމް މިހެން ބުނެ އަހަރެންގެ އަތް ފޮޅާލައި ބޭރަށް ހިނގައިގަތެވެ. އެވަގުތު އަހަރެންގެ އަތް ދޮރުގެ ތަޅުގައި ވަރަށް ބާރަށް ޖެހުނެވެ. އަހަރެންނަށް ވީތަދުން ރޮވުނެވެ. މިގޮތަށް އަނިޔާ ލިބުމަކީ އަހަރެންނަށް އާދައެކެވެ. ޒިވާމްގެ ފަރާތުން އޯގާތެރިކަމެއް ނުލިބޭތާ ލިބެނީ އަނިޔާއެވެ. ނަމަވެސް ފަސް އަހަރަށްވުރެ ގިނަ ދުވަސްވީ ގުޅުމެއް އެހާ ފަސޭހައިން ނިންމާލުން އަހަރެންނަށް އަދިވެސް ވަނީ އުނދަގޫ ކަމަކަށެވެ. ބައެއް ފަހަރު ވަރިވާން ކިތަންމެ ބޭނުންވި ނަމަވެސް އެކަން ކުރަން ނުލިބެނީ ހިތްވަރެކެވެ.

އިރުއޮއްސި އަދިރިވެއްޖެއެވެ. ހެނދުނު ގެއިން ނިކުމެގެން ދިޔަ ރަހީފް ގެއަށް ނައުމުން އަހަރެން ކަންބޮޑުވިއެވެ. ގުޅަން ހިތަށް އެރި ނަމަވެސް، ގުޅާކަށް ނުކުރެނުވެ. ރަހީފްގެ ހިތުގެ ހާލު އެގިހުރެ އަހަރެން އޭނާގެ ހިތަށް ތަދުކުރާވަރު އިހުސާސްވާނީ އޭނާއަށެވެ. އަހަރެން ކޮޓަރިއަށް ވަތްއިރު ޒިވާމް އޮތީ ގަދަ ނިދީގައި ނިދާފައެވެ. އެވަގުތު ގޭގެ ބޮޑުދޮރު ހުޅުވުނު އަޑު އިވުނެވެ. އަހަރެން ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު ކޮޓަރިން ބޭރަށް ނިކުތީމެވެ. ކުރިމަތީގައި ހުރީ ރަހީފްއެވެ. އަހަރެން ފެނުމާއެކު އިޝާރާތުން އެއްވެސް ވާހަކައެއް ނުދައްކާ ބޭރަށް ނިކުތުމަށް ބުންޏެވެ.

އަހަރެން ރަހީފްއާއެކު ބޭރަށް ނިކުތީމެވެ. “ސޮރީ ނުބުނެ ދިޔައީމަ. އަހަރެންނަށް އެހާ ފަސޭހައެއް ނޫން ތިދެމީހުން އެއްކޮށް ފެންނަ ހިސާބެއްގައި ހުންނާކަށް. އެކަމަކު ރާޔާއަށް ވަރަށް މުހިއްމު ވާހަކައެއް އެބައޮތް. އަހަރެން މިއަދު އުޅުނީ ރައިހާން އާއެކީ. އަހުސަން ފުރީމަ. ރައިހާން ވެސް ބުނި އަހުސަން ކޮންމެ ވެސް ކަމެއް ސިއްރު ކުރާހެން އޭނައަށް ވެސް ހީވާހެން. އެނގޭތަ؟ ޒިވާމް އެއައީ އަހުސަން ބުނެގެން ރާޔާ މިތަނުން ގެންދަން. ތި ޒިވާމްއަކީ އަހުސަންގެ ކުންފުނީގެ އެއް ހިއްސާދާރު އަދި އަހުސަންއާ ވަރަށް ކައިރިން މަސައްކަތްކުރާ މީހެއް.!” ރަހީފް ކިޔައިދިނެވެ. “އޭ! ކީކޭ؟ ތީ ހަމަ ތެދެއްތަ؟ މިއަދު ބުނި އަހަރެން ކައިރި މާދަން ފުރާއިރުން ގޮވައިގެނޭ ދާނީ. ތިއީދޯ މިވީ ގޮތަކީ. މިހާރު އަހަރެންނަށް ޔަގީން މިކަމުގައި އަހުސަން ވަރަށް ބޮޑު ގޯހެއް އެބަ ހަދާ.” އަހަރެން ހިތްހަމަނުޖެހިގެން ދަތްކުޑި ވިކާލީމެވެ.

“އަދި އެއްވާހަކަ. މިރޭ ބާރަ ޖަހާއިރު ވެލިފިނޮޅަށް ދާން ތައްޔާރުވޭ. އަހަރެން ވަރަށް އާދޭސްކޮށްގެން ރައިހާން އެއްބަސްވެއްޖެ އަހަރުމެން ގޮވައިގެން ލޯންޗުގައި ގޮސްދޭން. ދުވާލު ގޮއްސިއްޔާ މީހުނަށް އެނގޭނެ. ވަރަށް ބޮޑު ރިސްކެއް. ކަންކަން މިހާރު އޮތް ހިސާބުން ރާޔާގެ ފުރާނައަށް ވެސް ނުރައްކާ. އެކަމަކު ވެސް ހަގީގަތް ހޯދަން ވެސް އެބަ ޖެހެއެއްނު. ރާޔާ ބޭނުންވަނީ ކޮންމެ ހާލެއްގައި ވެސް ހަގީގަތެއްނު.” ރަހީފް ދެއްކި ވާހަކައިން އަހަރެންގެ މޭ ފިނިވެގެން ދިޔައެވެ.

ނަމަވެސް އަހަރެންނަށް އިތުރު އެހެންގޮތެއް ނެތްކަމަށް ނިންމައި އެ ބިރުވެރި ދަތުރު އެރޭ އަހަރެން ފެށީމެވެ. ޒިވާމްއަށް ވެސް އަންގާލުމެއް ނެތިއެވެ. ފަހުންވާނެ ގޮތެއް ވިސްނަން ބޭނުންނުވާ ހާލުގައެވެ. މާސިންގާ ކަނޑުގެ މެދަކާއި ހަމައަށް ދެވުނުތަނާ ލޯންޗުގެ އިންޖީނު ހުއްޓުނެވެ. އެހިސާބުން ވެސް ކަމެއް ގޯސްވާން އުޅޭކަމުގެ އިހުސާސް އަހަރެންނަށް ކުރެވުނެވެ. އިރުކޮޅެއްނުވެ ލޯންޗާއި ދާދި ކައިރިން ގަބުރުތަކެއް ފެންމަތިވާން ފެށިއެވެ. މިކަހަލަ ކަމެއް ރަހީފަށް އަދި ރައިހާނަށް ވެސް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. އަހަރެން ބިރުން އިދެ ދުއާކުރަން ފެށީމެވެ.

ހަމައެވަގުތު އަނެއްކާ ވެސް އިންޖީނު ސްޓާޓްވިއެވެ. ރައިހާން ވަގުތުން ލޯންޗު ދުއްވާލިއެވެ. ގަބުރަކާއި ގަބުރެއް ކިޔައިފައެވެ. އެވަގުތު މުޅި ހިސާބުގަޑުގައި ބިރުވެރި އަޑެއް ފެތުރުނެވެ. އަހަރެން ހެއްދެވި ފަރާތަށް ވަކީލުކޮށްލައިގެން ލޯ މަރާލައިގެން އިނީމެވެ. ކުއްލިއަކަށް ދުއްވަން އިން ރައިހާން ހަޅޭއްލަވައިގަތެވެ. ވަގުތުން ލޯންޗު ހުއްޓުނެވެ. އަހަރެންނާއި ރަހީފް ލޯންޗުގެ ތެރެއަށް ބަޑުވަތަށް ވެއްޓުނެވެ. އެވަގުތު ފެނުނު މަންޒަރުން ހިތްފަޅައިގެން ދިޔައެވެ. ބިރުން މީހާގެ ހިތް ހުއްޓޭވަރުވިއެވެ. ރައިހާން އޮތީ މަރުވެގެން ވެއްޓިފައެވެ. އޭނާގެ މުޅި މޫނުމަތި ޗިސްޗިސްވެފައި އޮތްއިރު، ބޮލުގެ ނާށިގަނޑު އޮތީ ބޭރުގައެވެ. އޭރު އޭނާ ކައިރި ބިރުވެރި ސިފައެއްގައި އިން އެއްޗެއް އިނެވެ. އިނީ ފުރަގަސްދީގެންނެވެ. “ކަލޭ ތިކަން ނުހުއްޓައިފިއްޔާ ދެން މަރާލާނީ ރަހީފް.” ބަރު އަދި އެހާމެ ބިރުވެރި އަޑަކުން އޭތި އަހަރެންނާއި ވާހަކަދެއްކިއެވެ. އެވަގުތު އަހަރެންނަށް ކައިރީގައި ވެއްޓިފައި އޮތް ރަހީފަށް ބަލާލެވުނެވެ. އޭރު ރަހީފް ވެސް އޮތީ އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އަހަރެންނަށް ހަތިޔާރު ބަހައްޓަން މަޖުބޫރިވީ ހެއްޔެވެ؟

(ނުނިމޭ)

Leave a comment

Your email address will not be published.