Thu, 28 May, 2020, 4:26 pm
ޕްރިޔާ ޕްރަކާޝް ވާރިއާ ---
އެއް ލޯ މަރާލައިގެން އެތައް ހިތެއް ކަތިލި ޕްރިޔާ އިންސްޓަގުރަމްއާ ދުރަށް
3

އިންޑިއާގެ ޒުވާން ބަތަލާ ޕްރިޔާ ޕްރަކާޝް ވާރިއާއަކީ އޭނާ ކުޅުނު ފުރަތަމަ ފިލްމު، “އޯރޫ އަދާރް ލަވް” ގެ ލަވައެއްގައި ފިރިހެން ކުއްޖަކާ ދިމާލަށް ބަލާލައި ލޯ މާރާލި ގޮތަކުން އެތައް އެތައް ބައެއްގެ ހިތްތައް ކަތިލި ޒުވާނެކެވެ. އަދި އެއް ދުވަހުން ސޯޝަލް މީޑިއާގައި އޭނާ ފޮލޯކުރާ މީހުން ވެސް މިލިއަނުން މައްޗަށް އަރައި، އެތައް ފިލްމަކުން ފުރުސަތު ވެސް ލިބުނެވެ.

ނަމަވެސް މަލަޔާޅަމްގެ ބަތަލާ މިވަނީ އިންސްޓަގުރަމް އެކައުންޓް ބޭނުން ކުރުން ހުއްޓާލައި، އޭގެން އޭނާ ފޮލޯކުރާ ގާތްގަނޑަކަށް 7.2 މިލިއަން ފޮލޯވަރުން މާޔޫސް ކޮށްލައިފަ އެވެ. ނަމަވެސް އޭނަ އިންސްޓަގުރަމްއާ ދުރަށްދިޔަ ސަބަބެއް އޭނާ ބުނެފައެއް ނުވެ އެވެ.

އިތުބާރު ކުރެވޭ މަސްދަރަކާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައި ވަނީ، އިންސްޓަގުރަމް ޑީއެކްޓިވޭޓްކުރި އެއްވެސް ސަބަބެއް ޕްރިޔާ ބުނެފައިނުވާ ކަމަށެވެ. އޭނާ ބޭނުންވަނީ ސޯޝަލް މީޑިއާ އިން ވަގުތުކޮޅަކަށް ދުރަށް ޖެހިލަން ކަމަށް ވެސް ބުނެފައިވެ އެވެ.

ޕްރިޔާ އޭނާގެ އިންސްޓަގުރަމް އެކައުންޓް ޑީއެކްޓިވޭޓް ކުރި ނަމަވެސް އޭނާގެ ޓިކްޓޮކް އެކައުންޓާއި ފޭސްބުކް އަދިވެސް ބޭނުން ކުރެއެވެ.

ފިލްމީ ދާއިރާގައި ޕްރިޔާ މިހާރު ކުރަމުން އަންނަ މަސައްކަތްތަކަށް ބަލާއިރު އޭނާ މިހާރު އުންމީދުކޮށްގެން ހުރީ އޭނާ ކުޅުނު ފުރަތަމަ ބޮލީވުޑް ފިލްމު، ” ސްރީދޭވީ ބަންގްލާ” ރިލީޒް ކުރާނެ ދުވަހަކަށެވެ. މަލަޔާޅަމް ޑައިރެކްޓަރު ޕްރަސާންތު މަމްބަލީ ހެދި އެ ފިލްމުގައި އަރްބާޒް ޚާން ވެސް ފެނިގެންދާނެ އެވެ.

ނަމަވެސް 2018 ވަނަ އަހަރު މަރުވި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ފިރިމީހާ ބޯނީ ކަޕޫރް ވަނީ އެ ފިލްމާ ދެކޮޅަށް ދައުވާކުރަން ނިންމައިފަ އެވެ. އެއީ އެ ފިލްމަކީ ސްރީދޭވީ އަށް ބިނާކޮށް ހަދާފައިވާ ފިލްމެއް ކަމަށާއި އަދި ސްރީދޭވީގެ ނަން ފިލްމާއި އޭގެ ލީޑް ބަތަލާގެ ކެރެކްޓާއަށް ދީފައިވާތީ ކަމަށް ބުނެ އެވެ.

Leave a comment

Your email address will not be published.