Thu, 28 May, 2020, 4:24 pm
ވާހަކަ: ދަތުރު – 12
14

އަހަރެން އަޑުން އަޑު ނަގާފައި ރޯން ފެށީމެވެ. އެހިނދު ރަހީފް އަހަރެން ގައިގައި އޮޅުލައިގަތެވެ. އޭނާ ބައްދާލި ގޮތުން ހީވީ ދެން ދުވަހަކު ވެސް ދޫނުކޮށްނުލާހެންނެވެ. އަހަރެން ރަހީފްދެކެ އިންތިހާއަށް ލޯބިވާ ވަރު ފުރަތަމަ ފަހަރަށް އިހުސާސްކުރެވުނެވެ. އަހަރެން ލިޔުމަށް ބޭނުންކުރާ ގަލަމުން ވެސް އެވަރުގެ އިހުސާސެއް ބަޔާންކޮށްދިނުމަށް ދަތިވާނެއެވެ. ދިރުމެއްނެތް ފަޅު ގޯއްޗަކަށް ދިރުން ލިބުނުހެން ހީވިއެވެ. ޖަޒުބާތުގައި ތިބި ދެމީހުންނަށް ރެއަކާލީ މަރުވެފައި އޮތް ރައިހާންގެ ބޮލުން ފައިބަމުން ދިޔަ ލޭތައް އައިސް ފައިގެ އިނގިލިތަކުގައި ހޭކެން ފެށުމުން ނެވެ.

އެވަގުތު ރަހީފް ދުވެފައި ގޮސް ރައިހާން ނެގިއެވެ. އޭރުވެސް ހޯސްލާފައި ލޭތައް ފައިބަމުން ދިޔައެވެ. ދެމީހުން ވެސް ހަނދާނެގޮތް ހުސްވިއެވެ. މާސިންގާ ކަނޑުގެ މެދުގައި، ރޭގަނޑުގެ ކަނު އަދިރީގައި ގަބުރަކާއެކު ވަގުތުތަކެއް ހޭދަކުރަން ޖެހިދާނެކަމަކަށް ވިސްނާނުލާތާ ހިތަށްވެސް ނުގެންނަމެވެ. ހިތަށް އެރިއެވެ. މިއީ މާތްރަސްކަލާނގެ އަހަރެންނަށް ލެއްވި ކޯފާއެއް ބާއެވެ. ނޫނީ އެކަނލާންގެ އަހަރެން އިމްތިހާން ކުރަނީ ބާއެވެ. ރަހީފް އިނީ ބޮލުގައި އަތް އަޅައިގެން ހަނދާނެ ގޮތް ހުސްވެފައެވެ. އެންމެފަހުން އޭނާ އިންތަނުން ތެދުވެ އަހަރެން ކައިރިއަށް އައެވެ. “ރާޔާ!” ގޮތްހުސްވެފައި ހާލު ރަހީފް އަހަރެންގެ ކޯތާފަތަށް ބޮސްދިނެވެ. އަހަރެންނަށް އަނގައިން އެއްޗެކޭ ނުބުނެވި އުޅެނިކޮށް އޭނާ އަހަރެންގެ ތުންފަތުގައި ބޮސްދިނެވެ. ހީވީ ހުވަފެނީ އާލަމަކަށް ދަތުރުކުރެވުނު ހެންނެވެ. ވަގުތު ހުއްޓުނު ހެންނެވެ. ހިތުގެ ހިގުން އަވަސްވެ ސިކުނޑީގެ ނާރުތަކަށް ދޫވާން ފެށިހެންނެވެ. ހީވީ ހުރިހާ ކަމެއް ހައްލުވީހެންނެވެ.

ބޮސްދިނުމަށްފަހު އޭނާ އަހަރެންނާއި ހަތަރުކަޅި ހަމަކުރިއެވެ. “އަހަރެން މަރުވާންޖެހުނަސް، ރާޔާ ތިކުރާ މަސައްކަތް ހުއްޓާލައިގެން ނުވާނެ. އަހަރެން ބޭނުމީ އަހަރެން ހުއްޓަސް ނެތަސް ރާޔާ އުފަލުގައި އުޅެން. އަބަދުވެސް މިކަން ހަނދާންކުރާތި.” އެވަގުތު އެހިސާބުން އިތުރު ލޯންޗެއްގެ އަޑު އިވުނެވެ. ދެމީހުންނަށް ފުންމައިގަނެގެން ތެދުވުނެވެ. އަދި ދުވެފައި ކަހަލަ ގޮތަކަށް ނިކުމެ ބޭރު ބަލާލިއިރު އެއީ ފުލުހުންގެ ލޯންޗެކެވެ. އަހަރެމެން ސަލާމަތަށް އެދި ހަނާއެޅީމެވެ. ލޯންޗު ގާތްކުރުމާއެކު އަހަރެން ކަންތައްތައް ވެގެން އުޅޭ ގޮތް އޮޅުން ފިލުވައިދިނީމެވެ. އެހާހިސާބުން ފުލުހުން ރައިހާންގެ ހަށިގަނޑު ރަށަށް ގެންދިއުމުގެ މަސައްކަތް ފެށިއެވެ. އަހަރެންނާއި ރަހީފަށް ރަށާ ހަމައަށް އާދެވުނު އިރު މުޅި ރަށުތެރޭގައި އޮތީ އެވާހަކަ ފެތުރިފައެވެ. ޒިވާމް ހުރީ އަހަރެންގެ އިންތިޒާރުގައި ސަހަރާ ކަންމަތީގައެވެ. އަހަރެން ފެނުމުން ވީ ކީއްތޯ ވެސް އޭނާ އަހާނުލިއެވެ. މެންދަމުގެ އެ ވަގުތުގައިވެސް ރަށަށް ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ. އެއްބަޔަކު އަހަރެންނާމެދު ނުރުހުން ފާޅުކުރިއެވެ.

އަހަރެންނަކީ އެރަށަށް ފާވި މުސީބާތެކޭ ބުނެ ރަށުން ފޮނުވާލަން އަޑުގަދަކުރިއެވެ. އަހަރެން އެއިން އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދެމެވެ. އެރޭ ވެގެން ދިޔައީ ދިގު ރެއަކަށެވެ. ފަތިސް ނަމާދަށް ރައިހާން ވަޅުލުމުގެ ކުރިން އެންމެ ފަހު ފަހަރަށް އޭނާގެ މޫނު ބަލާލަންދާނެ ހިތްވަރު ވެސް އަހަރެންނަށް ނުލިބުނެވެ. އަހަރެންނަށް އަމިއްލަ މީހާ ކުށްވެރިކުރެވުނެވެ. އަހަރެންގެ ސަބަބުން މީހެއްގެ ފުރާނަ މި ދުނިޔެއާއި އަލްވަދާޢު ކިޔާފާނެ ކަމަކަށް ދުވަހަކު ވެސް ހީނުކުރަމެވެ. ރައިހާންގެ އާއިލާއިން އަހަރެންނަށް އެތައް ނަފްރަތެއް ކުރިއެވެ.

ވެފައިވާ ވަރުބަލިކަމާއެކު ގެއަށް އައިސް ވަތްއިރު، ޒިވާމް އިނީ އަހަރެންގެ އިންތިޒާރުގައި ފުރަން ތައްޔާރުވެގެންނެވެ. ރަހީފް ގެއަށް ވަނުމާއެކު ހުރި ގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. އޭނާގެ އެންމެ ގާތް އެކުވެރިއާ އެފަދަ ގޮތަކަށް ގެއްލިގެންދިއުމާއެކު އޭނާއަށް ހުރީ ޝޮކެއް ލިބިފައެވެ. ޒިވާމް އަހަރެންނާ އެއްވެސް ސުވާލެއް ކުރުމެއްނެތި އަހަރެން އަތުގައި ހިފައިގެން ފޮއްޓާއެކު ބޭރަށް ނިކުތެވެ. “ޒިވާމް ތަދުވޭ އެބަ. ދޫކޮށްލާ.!” އަހަރެން ހަޅޭއްލަވައިގަތީމެވެ. އެވަގުތު ކޮޓަރިއަށް ވަން ރަހީފް ވެސް ބޭރަށް ނިކުތެވެ. ޒިވާމް އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރިގޮތް ފެނިފައި، އޭނާ ދުވެފައި އައިސް ޒިވާމް ބިންމައްޗަށް ވައްޓާލިއެވެ. “ކަލޭ ލަދެއް ނުގަނޭތަ އަނބިމީހާއަށް އަނިޔާވާ ގޮތްގޮތަށް ކަންކަން ކުރާކަށް؟ ކަލޭ ފިރިހެނަކަށް ވެސް ނުވެއެއްނު؟.” ޒިވާމްގެ ކެތްތެރިކަން ކޮޅުން ލިއެވެ.

“މި ދެމެދަށް ކަލޭ ތިވަންނަނީ ކޮން ހައިސިއްޔަތަކުން؟” ޒިވާމް ގައިގައި ހުރި ވެލިތައް ފޮޅަމުން ބިންމަތިން ތެދުވިއެވެ. “އަހަރެންނަކީ އުމުރުދުވަހު ރާޔާއާއި އެކުގައިވުމަށް އެދޭ ހިޔަނި. އަހަރެންނަކީ ކަލޭ ނަމެއްގައި ގެންގުޅޭ އަނބިމީހާ ދެކެ އެންމެ ލޯބިވާ މީހާ. ކަލޭހެން އޭނާގެ އޭނާގެ މުދަލާއި ފައިސާ ދެކެއެއް ނޫން. އަހަރެންނަކީ ރާޔާއަށްޓަކައި ކޮންމެފަދަ ގުރުބާނީއެއް ވެސް ވާން ކެރޭނެ މީހެއް. މިއީ އަހަރެންގެ ގެ. ހަމަ މިހާރު މިތަނުން ނިކުމޭ. އަދި ބުނަން ކަލޭ ދެން ދާންޖެހޭނީ ކޯޓަށް. ސާފުވެއްޖެ.” ރަހީފް މިހެން ބުނެފައި، ޒިވާމް ލައިގެން ހުރި ގަމީހުގެ ލަފުގައި ހިފާ އެގެއިން ނެރުނެވެ. ޒިވާމް އިތުރަށް އެންމެ ބަހެއްވެސް ނުބުނެ ދުމެއް ޖަހާފައި، ފުސްމޫނާއެކު އެތަނުން ހިގައިގަތެވެ.

ކަންތައްތައް އަތް ނުފޯރާ ފަށަށް ދިއުމާއެކު، އަހަރެން ވިސްނީ ޒިވާމް ކައިރިން މިނިވަން ވުމަށެވެ. އެއީ އަދިވެސް ޒިވާމް އަހަރެންގެ މައްޗަށް އެފަދަގޮތަކަށް ބާރު ފޯރުވާ އަހަރެންގެ މަސައްކަތަށް ހުރަސް އަޅާފާނެތީއެވެ. އެދުވަހު ޒިވާމް ކައިރިން ސަލާމަށްވުމަށް އަހަރެންނަށް ލިބިފައިވާ ހިތްވަރުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފީމެވެ. ކައިވެނިކުރުމުގެ ކުރިން އޭނާއަށް ދިނުމަށް އެއްބަސްވެފައިވާ ގޯތީގެ 3 އެޕާޓްމަންޓާއި ފައިސާ އޭނާއަށް ދިނުމަށްފަހު އުމުރު ދުވަހަށް އޭނާއަށް އަލްވަދާއުކީމެވެ. އަދި އަހަރެންގެ ރެސްޓޯރެންޓް ބަޔަކަށް ކުއްޔަށް ދިނުމަށްފަހު، މުޅި ދިރިއުޅުން ތުރާކުނަށް ބަދަލު ކުރީމެވެ. ނަމަވެސް ހައިރާންވީ ކަމަކީ އެވީ ދުވަސްތަކުގައި ރޫހާނީ އެއްވެސް ބާރެއްގެ ހިލަމެއްވެސް ނުވުމެވެ. އަހަރެންނަށް ފެންނަ ހުވަފެންތައް ވެސް ނުފެންނަތާ މަސްދުވަހަށްވުރެ ގިނަ ދުވަސް ފާއިތުވެއްޖެއެވެ. މީހުން ބުނެއުޅެއެވެ. ކޮޅިގަނޑަކަށް ވައިގަދަވުމުގެ ކުރިން ވިއްސާރަ ވިލާ ނަގާ އުޑުމަތި ބަނަކޮށްލައެވެ. އަނެއްކާ މިއީ އާ ކަންތައްތަކެއްގެ ފެށުން ހެއްޔެވެ؟.

އަހަރެން ކުރަމުން އައި މަސައްކަތް ދުވަސްކޮޅަކަށް މަޑުޖައްސާލީމެވެ. ރަހީފް ވެސް ހަމައަކަށް އެޅެންދެނެވެ. އަދި ކުރިއަށް މަގުކޮށާނެ ގޮތެއް ވިސްނުމުގެ ބޭނުމުގައެވެ. އަހަރެން ކުރިއަށް އަޅާ އެންމެ ފިޔަވަޅެއްގެ ސަބަބުން ރަހީފްގެ ފުރާނައަށް ނުރައްކާވެދާނެތީއެވެ. އެހެން ނަމަވެސް އަނެއްކާ ވެސް ވެލިފިނޮޅަށްދާން ވިސްނީމެވެ. މިފަހަރު ރަހީފަށް ނާންގާ ދަތުރުގެ ކަންކަން ފެށީމެވެ. އެ ރަށާއި ބެހޭގޮތުން އެތައް މައުލޫމާތެއް އެއްކޮށް، ދަންނަ އެކި މީހުންނަށް ގުޅީމެވެ. އަދި އިދުރީސްބެ ލައްވައި ވަރުގަދަ ކިޔެވެއްޔެއް ކިޔަވައި، އަހަރެންނާއި ރަހީފްގެ ރައްކަލަކަށް އަނގޮޓިއެއް ދެމީހުން ވެސް އެޅީމެވެ. ރަހީފް އެކަމާމެދު އެތައް ސުވާލުތަކެއް ކުރި ނަމަވެސް، އަހަރެން އެކި ވާހަކަތައް ދައްކައިގެން އޭނާ މަސަލަސް ކުރީމެވެ.

ދެމަސް ދުވަހުގެ މަސައްކަތަށްފަހު ވެލިފިނޮޅަށްދާން ތައްޔާރުވީމެވެ. އޭރު ރައިހާންގެ މަރަށް ފަހު ރަށުތެރޭގެ އާއްމު ހާލަތު ވެސް އައީ ރަނގަޅުވަމުންނެވެ. އެރޭ ދަތުރުފެށުމުގެ ކުރިން އަހަރެން ރަހީފްގެ ކޮޓަރިއަށް ވަދެ، އޭނާ އޮތީ ރަނގަޅަށް ނިދާފައިތޯ ޗެކުކުރީމެވެ. “އަހަރެން އަދި އެނބުރި އަންނާނަން.” އަހަރެން ރަހީފްގެ ނިއްކުރިއަށް ބޮސްދެމުން ވައި އަޑަކުން ބުނީމެވެ. އަހަރެންގެ ދަތުރުގައި މިފަހަރު އެންމެބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އިދުރީސްބެއެވެ. މާސިންގާ ކަނޑަން ނިކުމެވުމާއެކު އިދުރީސްބޭ ދުއްވަންއިން ދޯނި އިހުނަށްވުރެ ބާރުކޮށްލިއެވެ. އަދި ކިޔެވެލި ކިޔަވަން ފެށިއެވެ. އަހަރެންނަށް ޖެހުނީ އެ ކިޔެވެއްޔާއި އެއްވަރަށް މޫދަށް ފަސް އުކާށެވެ.

މޫދަށް ފަސް އުކަން ފެށުމާއެކު، އެކި ޒާތުގެ އަޑުތައް ގަދަވާން ފެށިއެވެ. ކަނޑުގެ ރާޅުތައް ބޮޑުވެ، ކަނޑު ގަދަވާންފެށިއެވެ. ވިދާ ގުގުރާލާ ކޮންމެ ފަހަރަކު ހީވީ ހަމަ ދެންމެއަކު ދޯނު ބަންޑުން ޖަހާލަފާނެހެންނެވެ. ގަޑިއިރެއް ވަންދެން އެ ބިރުވެރި ހާލަތުގައި ތެޅެމުން ގޮސް ވެލިފިނޮޅަށް ދޯނި ބީއްސާލިއެވެ. ދޯނި ބީއްސާލުމާއެކު، ކާޅާއި، ވާލުގެ އަޑު ގަދަވިއެވެ. ވައި އިތުރަށް ގަދަވެ، އުޑުމަތީގައި އުތުރެމުން ދިޔަ ބޯ ވިލާތަކުން ވާރޭވެހެންފެށިއެވެ. އަހަރެންނާއި އިދުރީސްބެއާ މަޑުމަޑުން ރަށު ތެރެއަށް އެރީމެވެ. އޭރު ފަހަތުން ގޮތް ނޭންގޭ އެތައް ރޫހާނީ އެއްޗެއް އަންނަކަން އެގެއެވެ. ނަމަވެސް އަހަރެން އަތުގައި އޮތް އަނގޮޓީގެ ބާރުގަދަކަމުން އެއިން އެއްވެސް އެއްޗަކަށް އަހަރެންނާއި ކައިރިވާކަށް ނުކެރެއެވެ.

އަތުގައި އޮތް ޓޯޗު ބައްތިން އަލިކުރަމުން މަގުކޮށަމުން، އެ ބޯ ވާރޭތެރޭގައި އިދުރީސްބެއާއެކު ކުރިއަށް ހިނގަމުން ދިޔައީމެވެ. ދެވޭ ނުދެވޭ މިސްރާބެއް ވެސް ނޭންގޭ ހާލުގައެވެ. ކުއްލިއަކަށް އަހަރެންގެ ހިނގުން ހުއްޓުނީ މުރަނަ އެއްޗަކަށް ފައިން އެރުމުންނެވެ. ތިރިއަށް އަލިކޮށްލާ ބަލާލިއިރު އެއީ އިންސާނެއްގެ އަތުގެ ކަށިގަނޑެކެވެ. ވަށައިގެން ރަނގަޅަށް ހޯދާ ބަލާލިއިރު ބިންމަތީގައި އެކި ދިމާލަށް ވިއްސައިގެން ގޮސް ހުރީ އިންސާނުންގެ ކަށިތަކެކެވެ. އިދުރީސްބެ އަހަރެންނަށް ހަޅޭއްނުލަވައި ކެތްތެރިވެ ހުރުމަށް ނަސޭހަތްތެރިވިއެވެ. މަތިން ގޮވަމުން ދިޔަ ކާޅުތަކުގެ އަޑު އިތުރަށް ގަދަވިއެވެ. ވައިގަދަވެ ވަށައިގެން ހުރި ގަހަކަށްފަހު ގަހެއް މުލުން ލުހިގެން ވެއްޓެން ފެށިއެވެ. އެވަގުތު ތަންކޮޅެއް ދުރުގައި ހުރި ގަސް ފީންޏަކުން ގަދަ އަލިގުޅެއް ފާޅުވިއެވެ. މުޅިތަން ދިއްލުނެވެ. އެ އަލިގުޅައިގެ އަލި ފަޑުވަމުން ދިޔަ ވަރަކަށް އަލި ގުޅަ ބައިބައިވެ އިންސާނުންގެ ސިފައަށް ބަދަލުވާން ފެށިއެވެ. ދެން އަހަރެންގެ ލޯ ކުރިމަތިން ފެނުނީ ގަބޫލުކުރަން ވެސް ދަތި މަންޒަރެކެވެ. އަހަރެންނަށް ލިބުނު ސިހުމާއެކު އަތުގައި އޮތް ޓޯޗު ބައްތިވެސް ބިންމައްޗަށް ވެއްޓުނެވެ.

(ނުނިމޭ)

Leave a comment

Your email address will not be published.