އަޙްމަދު
09 June 2017
މަޤްބޫލު ޙަބަރު

ޖަޕާނުގެ ދެކުނުގައި އޮންނަ އައޮޝިމާ ނަމަކަށްކިޔާ ރަށަކީ އެރަށުގައި ދިރިއުޅޭ މީހުންނަށްވުރެ ގިނައިން ބުޅާ އުޅޭ ރަށެކެވެ. މި ރަށުގައި އުޅޭ ކޮންމެ މީހަކަށް ހަ ބުޅާ ދިރިއުޅޭކަމަށް ލަފާކުރެވިފައިވާއިރު އެންމެ ފުރަތަމަ މި ރަށަށް ބުޅާ ގެނެވުނީ މިރަށުގައި ދިރިއުޅޭ މަސްވެރިންގެ މަސްދޯނިފަހަރަށް މީދަލުގެ ސަބަބުން ދިމާވަމުން ދިޔަ އުނދަގޫތައް ނައްތާލުމުގެ ބޭނުމުގައެވެ. ދިގުމިނުގައި އެއް މޭލު ހުންނަ މިރަށުގައި މިހާރު މުޅިއަކު 120 ބުޅާ އުޅޭކަމަށް ވަނީ ލަފާކުރެވިފައެވެ.

މިރަށުގައި ކާރު، ރެސްޓޯރެންޓް އަދި ފިހާރަ ފަދަ ތަންތަން ނުހުންނައިރު މިރަށުގައި މިހާރު ދިރިއުޅެނީވެސް މަދުއަދަދެއްގެ ބައެކެވެ. އެހެންނަމަވެސް ބުޅަލަށް ލޯބިކުރާ ފަރާތްތަކަށް މިއި މާބޮޑު މައްސަލައެއް ނޫނެވެ. މި ރަށުގައި ދިރިއުޅޭ މީހަކު މި ބުޅާތަކަށް ކާންދީ ބަލަހައްޓަމުން ގެންދާއިރު މި މީހާ މަޝްހޫރުވެފައިވަނީ ކެޓް ވިޗްގެ ނަމުންނެވެ. މި ރަށަށް މިހާރު އާންމުގޮތެއްގައި ކިޔައިއުޅެނީވެސް ކެޓް އައިލެންޑެވެ.

އެކި ވައްތަރުގެ ބުޅާ މި ރަށުގައި ދިރިއުޅެމުންގެންދާއިރު، މިރަށަށް އަންނަ މީހުން ތިބެނީ ދެވަނަފަހަރަށްވެސް މި ރަށަށް އައުމަށް ކެތްމަދުވެފައެވެ. ޓޫރިސްޓުންގެ މެދުގައި މާބޮޑު މަގުބޫލުކަމެއް މިރަށަށް ލިބިފައިނުވިނަމަވެސް، ބުޅަލަށް ލޯބިކުރާ ފަރާތްތަކަށް މިއީ ދެވަނައެއް ނެތް ތަނެކެވެ.

haftha.mv ©