Sat, 25 January, 2020, 11:02 am
ނިދަން އޮށޯންނަމުން ފޯނު ޗާޖަށް ޖެހުމަކީ ރަގަޅުކަމެއްނޫން

ކޮންމެ މީހަކަށްވެސް ނިދާގަޑިޔަކީ ފޯނު ޗާޖުކުރުމަށް އެންމެ ފަސޭހަ ގަޑިއެވެ. ސަބަބަކީ އެ ގަޑީގައި އެއްވެސް މީހަކަށް މެސެޖުކުރަން ނުވަތަ ގުޅަން ނުޖެހޭނެއެވެ.އަދި އިންޓަނެޓް ބޭނުންކުރުން ފަދަ އެއްވެސް ކަމެއް ފޯނުންނުކުރަން ނުޖެހޭނެތީއެވެ. އަދި ނިދާ ހޭލައިގެން ދުވަހުގެ ކަންކަމާއި ކުރިމަތިލާއިރު ފޯނު އޮންނާނީ ފުރިހަމައަށް ޗާޖުވެފައިކަމަށް ވާތީއެވެ. އެހެންނަމަވެސް މިއީ ކިހާ ނުރައްކާތެރިކަމެއްކަން ގިނަ މީހުންނަށް އޮންނަނީ ނޭނގިފައެވެ.

ކޮންޒިއުމާރ އެފެއާރސްގެ ކަންކަމުގައި ތަޖުރިބާކާރު ފަރާތްތަކުން ބުނާގޮތުގައި ނިދަންދަމުން ނުވަތަ ނިދަން އޮށޯންނަމުން ފޯނު ޗާޖުކުރުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ. ސަބަބަކީ އެގޮތަށް އަމަލުކުރުމުން އަލިފާނުގެ ހާދިސާއެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވާތީއެވެ.

އެ ފަރާތްތަކުން ބުނާގޮތުގައި ފޯނު ގިނަ އިރުތަކެއްވަންދެން ޗާޖަށްޖަހާފައި ބޭއްވުމުގެ އިތުރުން ޗާޖުކުރުމަށް ފޯނު ބާއްވާތަނަކީވެސް ސަމާލުވެ ވިސްނަންޖެހޭކަމެކެވެ. ސަބަބަކީ ފޯނު ޗާޖަށް ޖަހައިފައި ގިނަ އިރުތަކެއް ވަންދެން ބޭއްވުމުން ފޯނުގެ ބެޓަރީ އޯވާރހީޓްވުމުގެ ފުރުސަތު އޮތުމާއިއެކު ހޫނުވެގެންގޮސް، ފޮތި ނުވަތަ ގޮދަނޑިފަދަ އަލިފާން ހިފުމުގެ ފުރުސަތު ބޮޑު ތަނެއްގައި ބޭއްވުމުން އަލިފާން ރޯވެދާނެތީއެވެ.

ބައެއް ތަޖުރިބާކާރު ފަރާތްތަކުން ވަނީ ފޯނު %100 އަށް ފުރިހަމައަށް ޗާޖުކުރުމަކީވެސް ގޯސްކަމެއްކަމަށް ބުނެފައެވެ. އެފަރާތްތަކުން އެހެން ބުނާ ސަބަބަކީ  ފޯނުގެ ބެޓަރީގެ އުމުރު ކުރުވުމުގެ އިތުރުން ފޯނު ބޭނުންކުރުމަށް ދަތިވެ އެތައް އުނދަގޫތަކަކާއި ކުރިމަތިލާންޖެހޭނެތީއެވެ. ވީމާ، ދެން ނިދަން ދަމުން ނުވަތަ ނިދަން އޮށޯންނަމުން ފޯނު ޗާޖަށްޖަހާފައި ބޭއްވުމުގެ ކުރިން އެކުރެވެނީ ކިހާ ނުރައްކާތެރިކަމެއްކަމާއިމެދު ވިސްނާލަމާތޯ؟