އަޙްމަދު
16 June 2017
މަޤްބޫލު ޙަބަރު

އެމެރިކާގެ އޮރެގޮންގެ އައްސޭރިފަށުގައި ގުދުރަތީގޮތުން އުފެދިފައިވާ ވަޅެއްކަމުގައިވާ ‘ތޯރޒް ވެލް’ އަކީ މިތަން ދެކޭ އެތަށް ބަޔަކު އަޖައިބުކޮށްލާފަދަ ތަނެކެވެ. ރީތި މަންޒަރެއްކަމުގައިވިޔަސް މިތަނަކީ ނުރައްކަލުންވެސް ފުރިފައިވާ ތަނެކެވެ.

މި ވަޅަކީ ޕެސިފިކް ކަނޑުގެ ބިޔަ ވަރުގަދަ ރާޅުތައް ބާރު ސްޕީޑެއްގައި ބިމު އަޑިޔަށް ދަމައިގަންނަ އިރު އަދި ހަމަ އެ ބާރުމިނުގައި ވައިގެ ތެރެއަށް ފެންގަނޑު ބުރައިގެންދާތީއެވެ. މި ސަބަބަށްޓަކައި މި ސަރަހައްދުގައި ދިރިއުޅޭ މީހުން ވަނީ މިތަނަށް ‘ސްޕައުޓިންގް ހޯން’ ގެ ނަމުން ނަންދީފައެވެ.

ފުންމިނުގައި 20 ފޫޓު ހުންނަކަމަށް ލަފާކުރެވިފައިވާ މި ވަޅަކީ އެއްއިރެއްގައި މީހުން ގަބޫލުކުރިގޮތުގައި ނިމުމެއްނެތް ވަޅެކެވެ. ސަބަބަކީ ފެންނަ ފެނުމަށް މި ވަޅުން ކަނޑުގެ ފެންތައް އެއްކޮށް ބިމުއަޑިޔަށް ދަމައިގަންނަހެން ހީވާތީއެވެ. ކަނޑުގެ ފެންގަނޑު ވަޅަށް ދަމައިގަންނަތަން ބަލާ މީހަކަށް ހީވެގެންދާނީ ނިމުމެއް ނެތް ވަޅަކަށް ފެންގަނޑު ދަމައިގަންނަހެންނެވެ. މިތަނުގެ ރީތިކަމާއި އަޖައިބު އެންމެ ފުރިހަމައަށް ފެނިގެންދާނީ ދިޔަވަރު ބޮޑު ވަގުތުތަކުގައި ނުވަތަ މޫސުން ގޯސްވާ ވަގުތުތަކުގައިކަމަށް މި ސަރަހައްދުގައި ދިރިއުޅޭ މީހުންވަނީ ކިޔައިދީފައެވެ.

ތޯޒްވެލް ނުވަތަ މި ވަޅު ކައިރީގައި  ތިބޭ އިރު އެވަޅަށް ސަމާލުކަން ދޭން ޖެހެއެވެ. އެހެންނޫނީ ނުރައްކާތެރި ހާދިސާއެއް ދިމާވުމަކީ އެކަށީގެންވާކަމަކެވެ. ސަމާލުކަން ދޭންވާވަރަށް ނުދެިވިވަނިކޮށް ބައެއްފަހަރު މީހުން ކަނޑުގެ ރާޅާއިއެކު ވަޅަށް ދަމައިގަތުމުގެ ނުރައްކާ އޮންނައިރު މިތަނަށް ދާ ބައެއް މީހުންނަށް މިތަން ވެފައިވަނީ ވަރަށް ރީތި އަދި ހިތްގައިމު ތަނަކަށެވެ.

އެމެރިކާގެ އޮރެގޮންގެ ޔަޗެޓްސް ނަމަކަށްކިޔާ ސަރަހައްދުގައި އޮންނަ ތޯރޒް ވެލް މި ވަޅަކީ އެތަނެއް ބަލާލުމަށްޓަކައި ގިނަ އަދަދެއްގެ ފަތުރުވެރިން ކޮނެމް އަހަރަކުވެސް ޒިޔާރަތްކުރާ މަގުބޫލު މަންޒިލެކެވެ.

haftha.mv ©